ބައެއް ވަޒީރުން ރައީސަށް ހުޅުލޭ ވައިގެ ބަނދަރުން އަލްވަދާޢު ވިދާޅުވަނީ

ހަބަރު

ހަ ވަޒީރަކާއިއެކު ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފި، އިންޑިއާ ނުރުހިފައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 8 ޖެނުއަރީ 2024 , ހޯމަ 08:34   844

ހަ ވަޒީރަކާއިއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފުރަމާނަދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފިއެވެ. މިއީ ރައީސް މުޢިއްޒު ބޭރު ޤައުމަކަށް ކުރައްވާ 3 ވަނަ ރަސްމީ ދަތުރުފުޅެވެ.

ރައީސްގެ ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ބައިވެރިވެވަޑައިގަނެއެވެ.

މި ދަތުރުފުޅުގައި ޗައިނާގެ މަތީ ފަންތީގެ ވެރިންނާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. އަދި މިދަތުރުގައި ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއް ބަދަލުކުރާނެކަމަށް މަޢްލޫމާތު ލިބެއެވެ. މީގެ ތެރޭގައި ޓެކްނޮލޮޖީގެ ބައެއް އެއްބަސްވުންތައް ވެސް ހިމެނެއެވެ.

މިދަތުރުފުޅުގެ ތެރެއިން ޗައިނާގެ ފޫޖޯ ޕްރޮވިންސަށް ވަޑައިގެން އެތަނުގައި ބާއްވާ ރާއްޖޭގެ އިންވެސްޓްމެންޓް ފޯރަމްގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރައީސް މުޢިއްޒު ވަނީ މީގެ ކުރިން ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދުބާޢީއަށް ވަޑައިގެންފައެވެ. އަދި ތުރުކީވިލާތަށް ވެސް ވަޑައިގެންފައިވެއެވެ.

އަވަށްޓެރި އިންޑިއާ އަށް ވަޑައިނުގެން، ރައީސް މުޢިއްޒު ޗައިނާއަށް ވަޑައިގަންނަވާތީ އިންޑިއާގެ ނުރުހުން ވަނީ ރާއްޖެއަށް އަމާޒުވެފައެވެ. މީގެ ކުރިން ޢަމަލުކުރެވިފައިވާ ގޮތަށް ބަލާއިރު، ރައީސުންގެ ފުރަތަމަ ރަސްމީ ދަތުރަށް ވެގެން ގޮސްފައިވަނި އިންޑިއާ ޚާއްޞަވާ ދަތުރެއްގެ ގޮތުގައެވެ.

އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާއިރު، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތަށް ވެސް އެދެވޭ ކުރިއެރުންތަކެއް މިހާތަނަށް ލިބިފައި ނުވެއެވެ.

އަދި ސަރުކާރުގެ ބައެއް ވެރިން (ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ގޮތަށް) އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް މަލާމާތް ރައްދުކުރުމާއި ގުޅިގެން އެޤައުމުގެ ވަރަށް ގިނަ ރައްޔިތުން އަންނަނީ ރާއްޖެއަށް އިންޑިއާ ރައްޔިތުން ޒިޔާރަތްކުރުމާއި ދެކޮޅު ކެމްޕޭނެއް ހިންގަމުންނެވެ. މި ކެމްޕޭނުގައި ގިނަ ޢަދަދެއްގެ މަޝްހޫރު ބޮލީވުޑް ތަރިން ވެސް ހިމެނެއެވެ. މިކަމާއި ގުޅިގެން ސަރުކާރުން ވަނީ ފިޔަވަޅު އަޅުއްވައި ބައެއް ވެރިން މަޤާމުގެ މަސްޢޫލިއްޔަތުން އެކަހެރި ކުރައްވާފައެވެ. ނަމަވެސް، އެއްވެސް ބޭފުޅަކު ވަކި ކުރައްވާފައި ނުވެއެވެ.

އިންޑިއާ ސަރުކާރުން ވެސް އަންނަނީ ރަސްމީ ސިފައެއްގައި މިކަމަށް ފިޔަވަޅު އެޅުއްވުމަށް ތައްޔާރުވަމުންނެވެ. ޑެޕިއުޓީ މިނިސްޓަރަކު ހިމެނޭ ގޮތަށް މީސް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކާ ގުޅިގެން ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުވާން ވެސް އިންޑިއާ ސަރުކާރުން ވަނީ އަންގައިފިއެވެ. މިގޮތަށް ޙާޒިރުކުރެވެނީ ވަރަށް ބޮޑަށް އެޤައުމަކުން ކަމަކާއި ނުރުހުމުންނެވެ.

ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކުން އިންޑިއާގެ ވެރިންނަށާއި ރައްޔިތުންނަށް ފުރައްސާރަކޮށް ނަސްލީގޮތުން ދިމާކުރާތީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިންޑިއާ އަކީ ރާއްޖެއަށް މިވަޤުތު އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. އަދި ހަމައެހެންމެ ރާއްޖެ އަށް ބޭނުންވާ ޒާރޫރީ ގިނަ ތަކެތި ފޯރުކޮށްދިނުމާއި، ތަރައްޤީގެ ގިނަ މަސައްކަތްތަކުގައި އިންޑިއާގެ ބައިވެރިވުން އޮވެއެވެ.

ޓެގްސް: ޑރ. މުއިއްޒު އިންޑިއާ ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.