ސިޓީއެއްގެ ދަރަޖަ ދީފައިވާ ތިނަދޫ ކައުންސިލް އިން ބުނެފައިވަނީ ލާމަރުކަޒީ ނިޒާމު ފުނޑިގެންދާއިރު އެލްޖީއޭ އޮތީ ހަމަހިމޭނުންކަމަށް، ތިނަދޫ އާއި ދޭތެރޭ ކަންކަންކުރަނީ ބޭ އިންސާފުން.

ހަބަރު

"އެލްޖީއޭ ހިންގަނީ ޤާނޫނީ އިމުގެ ބޭރުން - ފީ ނެގުމަށް ހުރަހެއް ނޭޅޭނެ" - ތިނަދޫ ސިޓީ ކައުންސިލް

އަލީ އަޒްޔަން - ގދ | 10 ޖެނުއަރީ 2024 , ބުދަ 09:46 2   1093

ސިޓީއެއްގެ ދަރަޖަ ދީފައިވާ ތިނަދޫ ކައުންސިލް އިން އެއްރަށުން އަނެއް ރަށަށް ހިޖުރަކުރާނަމަ ފީއެއްގެ ގޮތުގައި 5،000ރ. ނަގަން ނިންމި މައްސަލަ ބާޠިލްކުރުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ ކުންފުނި (އެލްޖީއޭ) އިން ނިންމާފައިވާތީ، އެކަން ކުއްވެރިކޮށް އެކައުންސިލުން ވާހަކަދައްކަވައިފިއެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން އެކައުންސިލް ހިންގެވުމާއި ޙަވާލުވެ ހުންނެވި ސައުދު ޢަލީ ވިދާޅުވީ އެލްޖީއޭ އިން ފީ ނެގުމުގެ މައްސަލަ ބާޠިލްކޮށްފައިވަނީ ޤާނޫނީ އިންތަކުގެ ބޭރުންކަމަށާއި، އިދާރީ ފީތަށް ނެގުމުގެ ބާރާއި އިޚްތިޔާރު ޤާނޫނުތަކުން ކައުންސިލްތަކަށް ލިބިދޭކަމަށެވެ. އަދި އިދާރީ ފީއެއް ނެގުން އެއްރަށުން އަނެއްރަށަށް ހިޖުރަކުރުމުގެ ޤާނޫނުތަކާއި ތަޢާރުޒު ނުވާކަމަށެވެ.

ތިނަދޫ އަކީ ނިމިދިޔަ ސަރުކާރުގައި ސިޓީއެއްގެ ދަރަޖަ ދީފައިވާރަށެކެވެ. ރާއްޖޭގެ ޤާނޫނުގައި 10،000 މީހުން އާބާދީގައި ދިރިއުޅޭ ރަށްތަކަށް ސިޓީކައުންސިލްތައް އުފެއްދުމުގެ އިޚްތިޔާރު ލިބިދެއެވެ. އިލެކްޝަންސް ކަމިޝަންގެ ދަފްތަރުގައި މިވަޤުތު ވެސް 10،000 އަށް ވުރެ އާބާދީ ބޮޑެވެ. ނަމަވެސް، ބަޖެޓް ލިބުމުގައި ވެސް އާބާދީ މިންވަރު ދަށްކޮށް ބަލާފައިވާތީ އާއި ސިޓީގެ ދަރަޖަ ދިނުމަށް ހުރަސްއަޅާތީ، ބައެއް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރައްވަނީ އިންސާފުން ބޭރުންކަމަށް ވެސް ސައުދު ފާހަގަކުރެއްވިއެވެ.

އަލުގަނޑުމެންގެ ރައްޔިތަކު ވެރިރަށް މާލެއަށް ދާންޖެހިއްޖިއްޔާމު އަވައްޓެރި ޤައުމަކަށް ދިއުމެކޭ އެއްވަރު. މާލެ ބަރުކޮށް، މީހުން ޖަމާކުރުމުގެ ވިސްނުން ދޫކޮށްލަން ޖެހޭ. މާލޭ މީހުން، ރަށްރަށުން މީހުން ގެންދިއުމަށް އެދޭފަދައިން، އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންގެ ރަށްރަށުގެ އާބާދީތައް ވެސް އިތުރުވުމަށް. ޙައްޤުތައް ޖަމާވާންޖެހެނީ ވަކިތަނަކަށް ނޫން.

~ ސަޢުދު ޢަލީ

ސައުދު އިތުރަށް ވިދާޅުވީ "ލާމަރުކަޒީ ނިޒާމު ކަފުންވެގެން ދާއިރުވެސް އެލްޖީއޭ އޮންނަނީ ހަމަހިމޭނުން" ކަމަށެވެ.

އަދި، އެލްޖީއޭ އިން ތިނަދޫ ސިޓީކައުންސިލަށް، ރަށުކައުންސިލެއްގެ ގޮތުގައި މުޚާޠަބްކުރުން ހުއްޓާލަން ވެސް އެދި ވަޑައިގެންނެވިއެވެ.

މަޢްލޫމާތު ލިބޭގޮތުގައި ތިނަދޫ ސިޓީ ކައުންސިލުން ވަނީ، ޤަނޫނަށް ބަދަލު ގެނައުމަށްއެދި ސިޓީ ދަރަޖަ ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅުއްވާފައެވެ.

ސައުދު ވިދާޅުވީ ތިނަދޫ އަކީ ސިޓީއެއްކަމަށާއި، އެގޮތް ދައުލަތުގެ އިދާރާތަކަށް ޤަބޫލުނުކުރެއްވޭނަމަ، އެޓާރނީ ޖެނެރަލްގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް ވަޑައިގެންނެވުމަށެވެ.

މިކަމާއިގުޅޭގޮތުން އެލްޖީއޭގެ ބަހެއް ލިބިފައި ނުވެއެވެ.

ޓެގްސް: ތިނަދޫ އެލްޖީއޭ ހިޖުރަކުރުން ސަޢުދު ޢަލީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.