ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދޭދޭ ޤައުމުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތައް ސިއްރުނުކުރައްވާނެކަމުގެ ވަޢުދާއިއެކު ނަމަވެސް، އެއްވެސް އެއްބަސްވުމެއް މިހާތަނަށް ޢާއްމުކޮށްފައިނު

ހަބަރު

ޗައިނާ-ރާއްޖެ: އެއްބަސްވުންތަކުގެ ތަފްޞީލެއް ނެތް، އެޖެންޑާގެ އެންމެ ކުރީގައި ކާބޯތެކެތީގެ ޔަޤީންކަން!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 13 ޖެނުއަރީ 2024 , ހޮނިހިރު 09:07   428

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން، ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އެޖެންޑާގެ އެންމެ ކުރީގައި އޮތީ ކާބޯތެކެތީގެ ޔަޤީންކަން، ޓެކްނޮލޮޖީ އާއި މީޑިއާތައް ތަރައްޤީކުރުންކަމަށް އެޤައުމުން ޙާމަކޮށްފިއެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޗައިނާ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުން ވަނީ އެކީއެއްކޮށްހެން ކެނޑިފައެވެ. ފަސް އަހަރުގެ ދައުރު ރައީސް ސޯލިޙް ނިންމަވާލެއްވީ އިންޑިއާގެ ނުރުހުން ލިބިދާނެތީ އެޤައުމަށް ވަޑައިނުގަނެއެވެ.

ނަމަވެސް، ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެން އިންޑިއާއަށް ވުރެ ކުރިން ޒިޔާރަތްކުރުން އިޚްތިޔާރުކުރެއްވީ ޗައިނާއަށެވެ. ޗައިނާއަށް ރައީސް މުޢިއްޒު ވަޑައިގަތުމުން އެޤައުމުގެ ސަރުކާރުން ރަޢީސް މުޢިއްޒުއަށް ވަރަށް ހޫނު މަރްޙާބާއެއް ކިޔާފައިވެއެވެ.

ޗައިނާއިން ވެސް ދިވެހި ސަރުކާރުން ވެސް ދެޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ތަފްޞީލްތައް ދިނުމަށް އިންކާރުކޮށްފައިވާއިރު، ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންވީ ބޭރު ޤައުމުތަކާއިއެކު ވެވޭ އެއްބަސްވުންތައް ފޮރުވުމެއްނެތި ހާމަކުރައްވާނެކަމުގެ ވަޢުދާއިއެކުއެވެ. އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވޭ ޕީޕީއެމް އިން ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔައީ އިންޑިއާ އެކު ވެފައިވާ އެއްބަސްވުންތައް ސަރުކާރުން ސިއްރުކުރުމުންނެވެ.

ޗައިނާގެ ބައެއް އޮފިޝަލުންނާއި ޙަވާލާދީ ނޫސްތަކުން ބުނެފައިވަނީ، ޗައިނާ ސަރުކާރުން ރާއްޖެއަކީ ކުޑަ ޤައުމެއްކަމަށް ނުދެކޭކަމަށާއި، ދިވެހިރާއްޖެއަށް ވަރަށް ބޮޑަށް އެހީތެރިވާން ޗައިނާ ސަރުކާރުން ބޭނުންވާކަމަށެވެ.

އެންމެ ބޮޑެތި ވަޢުދުތަކުގެ ތެރޭގައި ދިވެހި ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޔާޤީންކަން ކަށަވަރުކޮށްދިނުން ހިމެނެވެ. ރާއްޖޭގެ ދަނޑުވެރިކަމު ސިނާޢަތަށް ޗައިނާއިން އިންވެސްޓްކޮށް ދަނޑުވެރިކަމާއި ކަނޑުގެ ދިރުންތަކުން ލިބޭ މަންފާ އިތުރުކުރުމަށް ރޭވިފައިވެއެވެ.

"ހުރިހާ ދިވެހިންނަށް ބޭނުންވާ ވަރަށް އެކި ވައްތަރުގެ ކާބޯތަކެތި ހެއްދުމަށް ޗައިނާއިން ބޭނުންވޭ" ޗައިނާ ސަރުކާރުގެ އޮފިޝަލަކު ބުނެފައިވެއެވެ.

ރާއްޖެއަށް ބޭނުންވާ ކާބޯތީގެ މައިނގަޑު ބާވަތްތައް މިހާތަނަށް އެތެރެކުރަމުން އަންނަނީ އަވަށްޓެރި އިންޑިއާއިންނެވެ. އިންޑިއާ އިން މި ބާވަތްތައް އެތެރެކުރުމުގައި ދޭތެރެއިން ދަތިތައް ދިމާވެ އަގުތައް އުފުލިގެންދެއެވެ.

ކާބޯތަކެތީގެ މަޝްރޫޢުގެ އިތުރުން، ޓެކްނޮލޮޖީގެ ވަޞީލަތްތައް ފުޅާކޮށް، އިޔާދަކުރަނިވި ހަކަތަ އިތުރުކޮށް، މީޑިއާ ތަރައްޤީކުރުމަށް ވެސް އެއްބަސްވުންތަކުގެ ތެރެއިން މަސައްކަތްކުރުމަށް ރޭވިފައިވެއެވެ.

ޓެގްސް: ޗައިނާ-ރާއްޖެ ގުޅުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.