ރައީސް މުޢިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޮޑީ، ދިވެހި ސަރުކާރުގެ ސިޔާސަތަށް ގެންނަމުންދާ ބަދަލުތަކާއިއެކު އިންޑިއާގެ ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ

ހަބަރު

ސިފައިން ބޭލުމަށް އިންޑިއާއަށް ދެމަސްދުވަހު މުހުލަތެއް، އިންޑިއާގެ ކުންފުނިތަކަށް ބޮޑުއަސަރެއް!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 14 ޖެނުއަރީ 2024 , އާދީއްތަ 21:24 1   3045

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް އެޤައުމަށް ދެމަސްދުވަހު މުހުލަތެއް ދީފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިކަން ދެޤައުމުގެ ޚާރިޖީ ވުޒާރާތަކުން ކަށަވަރުކޮށްދެއްވާފައިވެއެވެ. ދެޤައުމުން ވެސް މަސައްކަތް ފަށާފައިވަނީ އަވަސް ދުވެއްޔެއްގައި [ފާސްޓް ޓްރެކެއްގައި] އެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

ރައީސް މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ދުބާޢީގައި ބޭއްވުނު ކޮޕް ސަމިޓްގެ ހަވާސާގެ ތެރެއިން އެއްބަސްވިގޮތަށް އެކުލަވާލެވުނު މަތީ ފެންވަރުގެ ވަފްދުގެ ފުރަތަމަ ބައްދަލުވުން މިއަދު މާލޭގައި ބާއްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ދިވެހި ސަރުކާރުން އެދިވަޑައިގަތީ މާޗްމަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން އެނބުރި ގެންދިއުމަށެވެ. މިބައްދަލުވުމުގެ އެޖެންޑާ ހިމަނުއްވާފައިވަނީ ރައީސް މުޢިއްޒު އެދިލެއްވިގޮތަށެވެ.

މިއަދުގެ ބައްދަލުވުމަށްފަހު ދެން ބައްދަލުވުމެއް ބާއްވާނެ ތާރީޚެއް މިއަދު ކަނޑައަޅާފައި ނުވެއެވެ. މިއަދުގެ ބައްދަލުވުމުގައި ދިވެހި ސަރުކާރު ތަމްސީލު ކުރެއްވީ އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ހާލާ ހަމީދު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ. އަދި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން އެ މަނިކުފާނު ނިންމަވާފައިވާ ކަމަކެވެ.

ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ބޭނުންވަނީ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަށް ނޭދޭތީކަމަށާއި އެއީ އިންޑިއާ އާއި ޒާތީވެގެން ކުރާކަމެއް ނޫންކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި، ހާރިޖީ ގުޅުން ބަދަހިކޮށް، އިންޑިއާގެ އެހީގައި ރާއްޖޭގައި މިހާރު ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ހިންގުން އަވަސްކުރުމަށާއި، ކުއްލި ހާލަތްތަކުގައި ދެމުންދާ މެޑިކަލް އިވެކުއޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް އިންޑިއާ އިން މަޝްވަރާއަށް ހުށަހަޅާފައިވެއެވެ.

ސަރުކާރުން ވަނީ، އިންޑިއާއިން ކުރަހަމުން އައި ރާއްޖޭގެ ކަނޑުތަކުގެ ޗާޓުގެ މަސައްކަތް ވެސް ހުއްޓުވާފައެވެ.

މިމައްސަލައިގައި ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ރާއްޖެއަށް އިންޑިއާއިން އެތެރެކުރާ ގިނަ ބާވަތްތަކެއް އެެހެން ޤައުމުތަކުން ގެނައުމަށް ނިންމާފައިވާއިރު، އިންޑިއާގެ ފިލްމް އިންޑަސްޓްރީ އިން އަންނަނީ ރާއްޖެ ބޯއިކޮޓްކުރުމުގެ ކެމްޕޭނެއް ހިންގަމުންނެވެ.

ދިވެހި ސަރުކާރުގެ ސިޔާސަތުތަކަށް އަންނަމުންދާ ބަދަލުތަކާއިއެކު، އިންޑިއާގެ ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް މަޝްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ބުނެއެވެ. އޭގެ ތެރޭގައި އިންޑިއާގެ މޯހަން މުތާ (އެމްއެމް އެކްސްޕޯޓް) ކުންފުންޏާއި، ފިނޭންސް މާކެޓް ލިންކާއި، އިންޑިއާގެ އިންޑިގޯ އެއަރލައިންސްއާއި، ކާބޯތަކެއްޗާއި ބޭސް ވިއްކާ ގިނަ ޢަދަދެއްގެ އެހެނިންހެން ކުންފުނިތައް ހިމެނެވެއެވެ.

ހަމައެހެންމެ ނިމިދިޔަ ސަރުކާރުން ވަނީ، އިންޑިއާގެ ރައްޔިތުންނަށް ފަހިވާނެހެން، ބަނގްލަދޭޝް އިން މަސައްކަތު މީހުން ގެނައުން ހުއްޓާލައި، އިންޑިއާ ރައްޔިތުންނަށް ފަހިވާނެހެން މަސައްކަތްކަތުގެ ބާޒާރާއި ގުޅޭ ސިޔާސަތުތަކެއް އެކުލަވާލާފައެވެ. މިކަން ކޮށްފައިވަނީ ޤާނޫނަށް ވެސް ބަދަލުތަކެއް ގެނެސްގެންނެވެ. އޭރު އެ ސަރުކާރުން ނިންމީ 100،000 މީހުންނަށް ވުރެ ގިނައިން އެއްޤައުމަކުން މީހުން ނުގެނެވޭނެކަމަށެވެ. ނަމަވެސް، މި ސަރުކާރުން ވަނީ، ބަންގްލަދޭޝް ގެ މަސައްކަތު މީހުންގެ އާބާދީ އެ މިންވަރަށް ހަމަ ނުވާކަމަށް ނިންމައި ބަންގްލަދޭޝް އިން މީހުން ގެންނަން ދޮރުތައް ހުޅުވާލާފައެވެ. އަވަށްޓެރި ބައެއް ޤައުމުތަކުން ނަގަމުން އައި މަސައްކަތު މީހުންގެ ފީތަށް ވެސް ކުޑަކޮށްފައެވެ.

މަޝްރަޙް ހޫނުވެފައިވާ މިދަނޑިވަޅުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު އިއްޔެ އެޤައުމުގެ ޔުނިވާސިޓީ ދަރިވަރުންތަކަކާއި ބައްދަލުކުރައްވައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ގުޅުން ގޯސްވުމުން، ދެން ކުރަން އޮތްކަމަކީ ގުޅުން ރަނގަޅުކުރުންކަމަށެވެ.

"އަޅުގަނޑަކަށް ޔަގީންކަމެއް ނުދެވޭނެ ކޮންމެ ގައުމެއްގައި، ކޮންމެ ދުވަހެއްގައި، ކޮންމެ މީހަކު އަޅުގަނޑުމެންނަށް ސަޕޯޓު ކުރާނެ ކަން." ޖައިޝަންކަރު ވިދާޅުވިއެވެ.

ސަރުކާރުން ކުރިން އިންޑިއާގެ 77 ސިފައިން ތިބިކަމަށް ބުނެފައި ވީނަމަވެސް، ފަހުން ސަރުކާރުން ބުނެފައިވަނީ 88 މީހަކު ތިބިކަމަށެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓްކުރުމަށް ބޭނުންކުރަމުންދާ މީހުންކަމަށް އިންޑިއާ އަދި ކުރީ ސަރުކާރުން ބުނެފައިވެއެވެ.

ޓެގްސް: އިންޑިއާ-ރާއްޖެ ގުޅުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.