އައްޑުއަތޮޅުގެ މަގެއް ހަދަމުންދާ މަންޒަރު، އެންމެ ފުރަތަމަ ރާއްޖޭގެ ރަށެއްގައި ތާރުއެޅީ އައްޑޫގެ މަގެއްގައި. އައްޑޫ މީހުން އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ބަލައި ނުގަނޭ

ހަބަރު

އައްޑޫގެ މަގުތަކުގެ ފެންވަރު އާދަޔާއި ޚިލާފަށް ދަށް، ރައްޔިތުންގެ ޝަކުވާ އާއި ކަންބޮޑުވުން އިންތިހާއަށް

ހުސެން ހަމްދާން - އައްޑޫ އަތޮޅު | 15 ޖެނުއަރީ 2024 , ހޯމަ 14:01 1   798

ރާއްޖޭގެ ތާރީޚަށް ބަލާއިރު، ރާއްޖޭގެ ރަށެއްގައި އެންމެ ފުރަތަމަ ރަނގަޅު ފެންވަރަކަށް މަގުތައް ހެދިފައިވަނީ އައްޑޫ އަތޮޅުގައެވެ.

1955 ގެ އަހަރުތަކުގެ ތެރޭގައި، އައްޑޫ އަތޮޅު ގަމަކީ، ތާރުއަޅައިގެން މަގުތައް އެންމެ ފުރަތަމަ ހެދި ރަށެވެ. އާދެ، އެއީ މާލެއަށް ވުރެ ވެސް ކުރީންނެވެ. އޭގެ ފަހުން ވެސް އެފަދަ މަޝްރޫޢު އެއް ރާއްޖޭގެ ކަންކޮޅެއްގައި ހިންގާފައިވަނީ އައްޑޫގައެވެ. އެއީ، ގަމާއި ހިތަދޫ އާއި ގުޅުވައިދޭ، ތާރު އަޅައިގެން ހަދާފައިވާ 14 ކިލޯމީޓަރުގެ ދިގު ލިންކް ރޯޑެވެ. މިމަސައްކަތް ރައީސް މައުމޫންގެ ޒަޢާމަތުގައި ނިންމާފައިވަނީ 2001 ވަނަ އަހަރުގެ ތެރޭގައެވެ.

މި މަގާ ގުޅިފައިވާ ރަށްތަކަށް ކުޑަނަމަވެސް ކުރިއެރުމެއް ލިބި އާރޯކަން އިޙްސާސްކުރެވެން ފެށީ މިދެންނެވި ލިންކްރޯޑްގެ ސަބަބުންނެވެ. މި މަގަކީ އަރަބި ފަންޑަކުން ލެގި ލޯނެއްގެ ދަށުން ހެދި މަގެކެވެ.

އޭރުވެސް އައްޑޫގެ ވަރަށް ގިނަ ރައްޔިތުން ދަންނަ ޙަޤީގަތަކަށް ވެފައި އޮތޯ ޕްރޮޖެކްޓް ރޭވި ގޮތަކާއި، މަސަކަތް ނިންމުނުގޮތާއި ފެންވަރާއި މެދު ބޮޑެ ފުށުއެރުންތަކެއް ހުއްޓެވެ. އެ މަގު ފުރިހަމަ ކުރަން ކުރެހުންތަކުގައި ހުރީ ބައިނަލް ޢަޤް މިންގަނޑުތަކަށް ފެތޭ ފަދަ މަގަކަށް ބަލައިގެންނެވެ. ނަމަވެސް، ނިންމިއިރު އެކަން ނުފެނި، މި މަމުގެ ސަބަބުން އެތައް އައްޑޫގެ ރައްޔިތުންގެ ފުރާނަ ގެއްލިގެން ގޮސްފައިވާކަމީ ދެކޮޅު ނެހެދޭނެކަމެކެވެ.

އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި، ސާކް ސަމިޓްގެ ކުރިން ލަންކާ ބަޔަކާއި ޙަވާލުކޮށްގެން ފޭދޫގެ މައި މަގުތައް ހެދުމުގެ މަސައްކަތްކޮށްފައިވާއިރު، މަސައްކަތުގެ ފެންވަރު ފާހަގަކުރެވޭވަރަށް ރަނގަޅެވެ. ނަމަވެސް، ފެނާއި ނަރުދަމާއަށް ވިސްނާ ނުލައި އެމަގު ހެދުމުގެ ސަބުބުން އަމަގު އަލު އެއްކޮށް ރޫޅާލައި، އަލުން ތާރުއެޅުމަށް ރައީސް ޔާމީންގެ ސަރުކާރުން ނިނެމެވިއެވެ.

ދެން ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިންޑިއާ ސަރުކާރުން ނަގާފައިވާ ބިޔަ ލޯނުން ހަދަމުންދާ އައްޑޫގެ 117 ކިލޯމީޓަރު މަގަށް ބަލާލަމާ ހިންގާށެވެ.

މިމައްސަކަތް ޙަވާލުކޮށްފައިވަނީ ނުލާހިކު ބޮޑުއަގުގައި އިންޑިއާގެ ދެ ކުންފުންޏަކަށެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ކޮށްފައިވާ ޚަރަދަކީ ޔޫރަޕްގެ ކުންފުންޏަކަށް ދީގެން ވެސް ކުރާނެހާ ބޮޑު ހޭދައެކެވެ. ނަމަވެސް، މަސައްކަތުގެ އެއްވެސް ހިތްހަމުކަމެއް ފުރިހަމަކަމެއް ނެތެވެ.

ހަމަ މަސައްކަތުގެ ފެންވަރު އެހާދަށެވެ. އެކަން ބަލާލީ ކޮންމެ މީހަކަށް ފެންނަން އެބައޮތެވެ. ޕޭވްމެންޓްތަކާއި، މަގުތައް އެއްވަރު ކުރުމުގައި އެއްވެސް ހަމައެއް އުސޫލެއް ނެތެވެ. ބަލާނެ މީހަކު، ޒިންމާވާނެ ބަޔަކު މަސައްކަތްކުރާ ސަރަޙައްދުތަކުން ނުފެނެއެވެ.

ހިތަދޫ އަކީ، އައްޑޫގެ އެހެން ރަށްތަކާ އަޅާބަލާއިރު، ބިން ބޮޑު ރަށެކެވެ. މި ސަބަބާހެދި، ބިމަށް ވެހޭ ވާރޭ، މޫދަށް ދާނޭ ގޮތް ނެތިގެން ބައެއް ހިސާބުތަކުގައި ފެން ހުންނަ ލޭކްތައް ނުވަތަ ކިޅި ހެދިފައި ވެއެވެ. ހިތަދޫގެ ގިނަ ކިޅިއަކީ، މޫދާ ގުޅިފައި ނުވާ، މީރު ފެން ހުންނަ ކިޅިއެވެ. ބައެއް ކިޅިތަކުގައި، ނީލޯފަރު ގަސް ހެދި، މައުތައް އަޅާފައި ހުރެއެވެ. ބައެއް ކިޅިތަކުގައި ޑިނގާ ނުވަތަ ޕްރޯން އަދި މީރުފެގަ އުޅޭ ގިނަވައްތަރުގެ މަސް އުޅެއެވެ.

ޒަމާން ގެނުވާ "ތަރައްޤީ" ގެ ސަބަބުން ދުއްވާ އެއްޗެތި ގިނަވެ، މަގުތަކުގައި ވަޅުގަނޑުތައް ހެދޭލެއް ގިނަ ކަމުންނާއި، ދުއްވާ އެއްޗިއްސަށް ލިބޭ ގެއްލުން ބޮޑުކަމުން، މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢުއެއް 2018 ގައި ފެށުނު ރިޔާސީ ދައުރުގައި ހިންގުނެވެ. މި މަޝްރޫޢުގައި ބޭނުންކުރާ ބަރު ބޮޑެތި ލޮރީތަކުގެ ސަބަބުން ލިންކްރޯޑު އިތުރަށް ގެއްލުން ލިބި، އޮށްވަޅުގޮނޑިއެއްހެން ކުދި ވަޅުތައް ގިނަ ވެފައި ވެއެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ، މި މަޝްރޫޢުގެ މަސައްކަތުގެ ތަރުތީބާއި ކުރާ ގޮތެކެވެ.

މި ފަދަ ބޮޑެތި މަޝްރޫޢުތައް ހިންގާއިރު، ބުއްދިވެރީން ކަންކުރާ ގޮތަކީ، ރަށް އެކި ބައި ބަޔަށް ބަހާލުމަށް ފަހު، އެއްބައިގެ މަސައްކަތް މުޅިން ނިމުމުން އަނެއްބައިގެ މަސައްކަތް ފެށުމެވެ. މިހެން ހެދުމުން، ފުރަތަމަ ބައިގެ ތަޖުރިބާއިން ދެވަނަ ބައިގެ މަސައްކަތް ކުރިއަރުވައި، އަވަސް ކުރާނޭ ގޮތް ދެނެގަނެވޭނެއެވެ. މިއާއެކު، މަގު ބޭނުންކުރާ ރައްޔިތުންނަށް ދަތި އުނދަގޫތައް ވުމުގެ ފުރުޞަތު ކުޑަވާނެއެވެ. ނަމަވެސް މި މަޝްރޫޢު ހިނގާގޮތަކީ، އެންމެ ފުރަތަމަ ފިޔަވަހީގައި، ހުރިހާ މަގެއްހެން ކޮނުނީނެއެވެ. އެއީ ކާނުތަކެއް ހަދަން ވެގެންނެވެ. މި ކާނުތައް ބައެއް ހިސާބުތަކުގައި ހުންނަނީ ފެނުގެ އަޑީގައިކަމުން، ކާނުގައި އަބަދު ފެން ހުރެއެވެ. މިކަމުގެ ސަބަބުން، މަދިރި ބިސްއަޅައި، މަދިރިފަނި އާލާވާ މަސްކޮށްޓަކަށް މިތަންތަން ވެފައި ވެއެވެ. އައްޑޫގައި ނިމިގެންދިޔަ އަހަރު ޑެންގޫހުން ފެތުރުމުގެ މައިގަނޑުކަމަކަށް މި ކާނުތައްވުން ދުރެއްނޫނެވެ.

ސިޔާސީ ވާދަވެރިޔަކު، އައްޑޫއަތޮޅަށް އައި ތަރައްޤީއަކީ "މަދިރިފަނީގެ ތަރައްޤީ" ކަމަށް ސިފަކޮށްފައި ވެއެވެ. މިހެން އެ ބުނަނީ، ބައެއް މަގުތައް ކޮނެ ހަދާފައި، ދޮޅު އަހަރުވީ އިރުވެސް އިތުރު މަސައްކަތެއް ނުކޮށް އޮތްގޮތަށް އޮންނާތީއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ދަތުރުފަތުރަށާއި ހިނގާމީހުންނަށް ވަރަށް ތަކުލީފު ލިބެއެވެ. ކުރިން ހަދާފައިވާ ދުވާރުތައް ނަގައި، ގައުތައް އެކި ގޮތްގޮތަށް ބަހައްޓާފައި ހުރެއެވެ. އެއްވެސް ތަނެއް ފުރިހަމައަށް ނިންމިފައި ނުވެއެވެ.

ހިތަދޫ އަކީ، އައްޑޫގެ އެހެން ރަށްތަކާ އަޅާބަލާއިރު، ބިން ބޮޑު ރަށް

މި މަޝްރޫޢު ހިންގާ މީހުންގެ މަޤްޞަދެއް ކަމަށް ބެލެވެނީ، ވާރޭފެން މޫދަށް ގެންދިއުމަށް ހުރަސް ކާނުތަކެއް ހެދުމަށް ފަހު، އެ ހުރަސް ކާނުތައް ގުޅާލާ ބޮޑު ކާނަކުން ނުވަތަ ކަންޒަކުން މޫދުކައިރީގައި ހަދާ ބޮޑު ފުން ވަޅުގަނޑަކަށް ފެންތައް ޖަމާކޮށް އެތަނުން މޫދަށް ފެން މި ބޮޑު ވަޅުން ޕަންޕުކުރުމެވެ.

ގިނަ ބަޔަކު ސިފަ ކުރާގޮތުގައި، އައްޑޫގައި ހަދަނީ ފެން ހިންދާ ނިޒާމަކަށްވުރެ ބޮޑަށް ފެން ބޭރުކުރާ ނިޒާމެކެވެ. ތިމާވެއްޓާއި ބީރައްޓެހި ނިޒާމެކެވެ.

މިއީ މި މަސައްކަތް ހިންގަން އެންމެ ރަނގަޅު ގޮތްބާވައޭ ހަމަ ހިތަށް އަރައެވެ. މިކަން އަޅުގަނޑުގެ ނަޒަރުގައި ކުރަން ރަނގަޅުވާނީ، ހިތަދޫގެ އަވަށްތަކަކަށް ނުވަތަ ސަރަޙައްދުތަކަށް ބަހާލައި، މަގު މެދުށް އުސްވާ ވަރަށް ފަސްއަޅައި، ގުރެވިޓީގެ ބާރުގައި ފެން ދައުރުކުރާ ކާނުތައް ހެދުމެވެ. އެއް ސަރަޙައްދެއްގެ މަސައްކަތް މުޅީން ނިމުމުން ނޫނީ އަނެއް ސަރަޙައްދެއްގެ މަސައްކަތް ނުފެށުމެވެ. ނޫނީ މަގުތައް ހީވާނީ ސުންނާފަތިކޮށް ފައި އެތައް އަހަރެއް ވަންދެން ނުހަދައި ބާއްވާފައި އޮތީ ކަމުގައެވެ. ހިތަދޫގެ މަގުތައް ހެދުމުގެ ތަޖުރިބާއިން އެހެން ރަށްތަކުގެ މަގުތައް ނުހަދަންވީގޮތް ދެނެގަނެވޭނެއެވެ. ގައުތައް އެއްވަރަށް ސީދާކޮށް ބެހެއްޓުމުގެ މުހިއްމުކަމެވެ. ހަމަހަމަކޮށް ގައުތައް ހުރުމާއި ހިންމިތައް ހިމުންކޮށް ހުރުމުގެ މުހިއްމުކަމެވެ. ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި ރޭވުންތެރިކަމުގެ މުހިއްމު ކަމެވެ. ރައްޔިތުންނަށް ދިމާވާނޭ ދަތިތައް ދެނެގަތުމުގެ މުހިއްމުކަމެވެ.

ސަރުކާރުން މީގެ ކުރިން ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަލުން މުރާޖާ ކުރަންޖެހެއެވެ. މަސައްކަތުގެ ދުވެލި ރަނގަޅުކޮށް، ފުރިހަމަ ކުރަންޖެހޭކަން ފުރިހަމަކޮށް، ބޭކާރު ޚަރަދުތައް ކުޑަކުރަން ޖެހެއެވެ.

ޓެގްސް: އައްޑޫ ތަރައްޤީގެ މަސައްކަތްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.