ތުރުކީވިލާތުގައި ބޭނުންކުރަމުންދާ މިދަފަ ހަނގުރާމަމަތީ ޑްރޯންއެއް، ހޯދަނީ މިފަދަ ކިތައް ޑްރޯންކަން ސާފުނުވޭ، އަސްކަރިއްޔާ އަށް ރާއްޖެއިން ކުރާ ޚަރަދު ނިސްބަތުން ސިންގަޕޫރާއި އޮސްޓްރޭލިއާ...

ހަބަރު

ތުރުކީ އިން އަސްކަރީ ޑްރޯތަކެއް ގަތުމަށް، ޑިއުޓީ އުސޫލަށް ބަދަލުގެނެސް ބައިބިލިއަން ރުފިޔާ ހޭދަކުރަނީ

އަލީ އަޒްޔަން - ދުނިޔެ | 16 ޖެނުއަރީ 2024 , އަންގާރަ 10:21 1   1225

ތުރުކީވިލާތުން ދިވެހިރާއްޖެއަށް އަސްކަރީ ޑްރޯންތަކެއް ގެނައުމަށް އެޤައުމުގެ ކުންފުންޏަކާއިއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިކަމަށް ބައެއް ފަރާތްތަކުން ބުނެފިއެވެ.

ސަރުކާރުން ގަންނަނީ ކިތައް ޑްރޯންކަން ސާފުނުވާއިރު، މިއެއްބަސްވުންތަކުގެ އަގު 38 މިލިއަން ޑޮލަރަށް އަރާކަމަށް މަޢްލޫމާތުލިބެއެވެ. މިއީ ދިވެހި ފައިސާއިން ބަލާއިރު ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި ފައިސާ ދިވެހި ދައުލަތުން އެއްއަހަރުގެ ތެރޭގައި ޙަވާލުކުރެވިފައިވާ ކުންފުންޏަށް ދޭންޖެހެއެވެ.

މިކަން ނިންމަވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ސަރުކާރުން އެމްއެންޑީއެފް އަށް މި އަސްކަރީ ސާމާނު ހޯދައިދެނީ ކުއްލިޙާލަތުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ ބަޖެޓެއްގެ ތެރެއިންނެވެ. މި ފައިސާގެ ބައެއް މިހާރު ފިނޭންސުން ދޫކޮށްފައިވާކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

އެއްބަސްވެފައިވާ ކުންފުންޏަކީ މިފަދަަކެތި ތުރުކީގެ ސަރުކާރަށް ވެސް ފޯރުކޮށްދޭ ކުންޏެވެ.

ރައީސް މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ބޭރު ޤައުމަކަށް ވަޑައިގެންނެވީ ވެސް ތުރުކީ އަށެވެ.

މިހާތަނަށް އައިއިރު ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިރު މިފަދަ ޢަދަދެއް ސަރުކާރުން ކުއްލިއަކަށް އެއްފަހަރައި ހޭދަކޮށްފައި ނުވެއެވެ. މުޅިންވެސް ހިންގާފައި ހުރީ އަވަށްޓެރި އިންޑިއާގެ އެހީގައި ހިންގާފައިވާ މަޝްރޫޢުތަކެވެ. ނަމަވެސް، މިސަރުކާރުން އަސްކަރީ އެއްވެސް ގުޅުމެއް އިންޑިއާ އާއިއެކު ބާއްވަން ބޭނުން ނުވެއެވެ. ސަރުކާރުން މަސައްކަތްކުރަމުން ދަނީ ޗައިނާ، އެމެރިކާ، ތުރުކީ، އަދި ޔޫއޭއީ އާއިއެކު ރަނގަޅު ގުޅުންތަކެއް އުފެއްދޭތޯއެވެ.

ރައީސް މުޢިއްޒު ނިމިދިޔަ ހަފްތާގައި ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާއިރު، ކުރިއަށް އޮތްދުވަސްތަކުގައި، ސަރުކާރުގެ މަތީ ފެންވަރުގެ ވިޔަފާރި ވަފުދެއް އެމެރިކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އަދި އެމެރިކާގެ އޮފިޝަލުންނާއިއެކު މާލޭގައި ވެސް ބައްދަލުވުންތަކެއް ބޭއްވިފައިވެއެވެ.

ސަރުކާރުން ވަނީ ޑްރޯން އެތެރެކުރުމަށް ނަގާ ޑިއުޓީއަށް ވެސް ބަދަލުތަކެއް ގެނެސްފައެވެ. އެއީ ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރީ ބާރުގެ ދަށުންނެވެ.

މިކަން ސަރުކާރުގެ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައި ނުވާއިރު، މިހާތަނަށް އިންކާރު ވެސް ކޮށްފައިނުވެއެވެ.

އަސްކަރީ ޑްރޯންތައް

ޑްރޯން އަކީ އިންސާނަކާއި ނުލައި ވައިގެ ދަތުރުކުރުމުގެ ޤާބިލުކަން ލިބިގެންވާ، އަދި ދުރުގައި ހުރެގެން ކޮންޓްރޯލް ކުރެވޭ ކުޑަ މަތިންދާ ބޯޓުތަކަށް ކިޔާނަމެކެެވެ.

އަސްކަރީ ޑްރޯންތަކަކީ ތަފާތު ސައިޒުތަކާއި މަގުސަދުތަކާއި ގާބިލްކަން ހުންނަ ޑްރޯންތަކެއް ނަމަވެސް އެ ޑްރޯންތައް މަދު ކެޓަގަރީތަކަކަށް ބަހާލެވިދާނެ އެވެ.

އެއްކޮޅުގައި ނިސްބަތުން ކުދިކުދި އުދުހޭ ބޮންތަކެއް ހުރެއެވެ. އެއީ ރަކްސެކެއްގައި ގެންގުޅެވޭ ވަރަށް ކުދިކުދި ބޮންތަކެކެވެ. އަނެއްކޮޅުގައި ހުރީ 25 މީޓަރާއި ހަމައަށް ފިޔަގަނޑު ދިގުކޮށް، 30 ނުވަތަ 40 ގަޑިއިރު މަތީގައި ހުރެވޭ، ހަނގުރާމައިގެ މައިދާނުން އެތައް ހާސް ކިލޯމީޓަރު ދުރުގައި ހުންނަ ކޮންސޯލްތަކުން ދުއްވާ، އަދި ވައިގެ މަގުން ބިމުގެ މައްޗަށް މިސައިލް ފޮނުވާލެވޭ ޑްރޯންތަކެކެވެ ޕްރެސިޝަން އެވެ. އެދެމެދުގައި ހިމެނެނީ މުހިންމު ގޮތެއްގައި ސަވައިލެންސް އާއި ރިކޮނައިސަންސް އަށް ބޭނުންކުރާ މެދު ސައިޒުގެ ޑްރޯންތަކެކެވެ.

އަސްކަރިއްޔާއަށް ސަރުކާރުން ކުރާ ހޭދަ

ދުނިޔޭގެ ޤައުމުތަކުގައި އައްކަރިޔާއަށް ކުރާ ހޭދަ ބަލާ މިންގަނޑަކީ ނިސްބަތުން ބޮލަކަށް ހޭދަވާ މިންވަރާއި، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ވާ މިންވަރެވެ.

މި ދެގޮތަށް ބަލާއިރު، ރާއްޖެއަކީ ނިސްބަތުން މިހާރުވެސް މިސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން އަސްކަރީ ހޭދަ އެންމެ ބޮޑު ޤައުމެވެ.

އަސްކަރީ ހޭދަކަމަށް މިތަނުގައި ބަލާފައި އޮތީ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ކްލެސިފައިކޮށް ޓާމްކޮށްފައިވާ ބަހަށެވެ.

ރާއްޖޭގެ އަސްކަރީ ހޭދަ މިވަގުތުވެސް ގައުމީ އުފެއްދުންތެރިކަމުގައި ނިސްބަތުން އަޅާ ކިޔާއިރު ސިންގަޕޫރާއި އޮސްޓްރޭލިއާ އަށް ވުރެވެސް ބޮޑެވެ. ޤައުމުތަކުން އަސްކަރީ ހޭދަތަށް ބޮޑުކުރުމަކީ، ޤައުމުގެ ޙާލަތު ދަށްވެ، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީކަންކަން ފޯރުކޮށްދިނުމަށް ބުރޫ އަރާކަމެއްކަމަށް ތަފާސް ހިސާބުތަކުންނާއި ތަޖުރިބާކާރުންގެ ރިޕޯޓްތަކުން ދައްކައެވެ.

ޓެގްސް: އިންޑިއާ ސިފައިން ދިވެހި އަސްކަރިއްޔާ ޑްރޯން ޓެކްނޮލޮޖީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.