ދޮންދީނި މަދުވާން ދިމާވަނީ، ކާޅު ގިނަވެ ގަސް ގެނޑުން އިތުރުވުމުންކަމަށް ބައެއް ފަރާްތަކުން ބުނޭ

ހަބަރު

އައްޑޫގެ ނިޝާނީ 'ދޮންދީނި' އައްޑޫއިން ހުސްވަނީ

ހުސެން ހަމްދާން - އައްޑޫ އަތޮޅު | 17 ޖެނުއަރީ 2024 , ބުދަ 09:45   928

އައްޑޫގެ ގިނަ ބައެއްގެ ހިތުގައި މަތިވެރި ޤަދަރެއް ދެވިފައިވާ، އައްޑޫގެ ރަމްޒެއްކަމަށް، ނިޝާނެއް ކަމަށް، ގިނަ އައްޑޫ ރައްޔިތުން ދެކޭ ދޮންދީނި އެ އަތޮޅުން މަދުވެ ހުސްވުމުގެ ބިރުބޮޑުވެއްޖެއެވެ.

ރާއްޖޭގެ ރަށްތަކުގެ ތެރެއިން، ދޮންދީނި އާލާވެ ވަޒަންވެރިވެގެން އުޅެނީ ދެކުނުގެ މަދު އަތޮޅުތަކެއްގައެވެ. އަދި އެއަތޮޅުތަކުގެ ތެރެއިން ވެސް މަދު ރަށްތަކެއްގައެވެ. މިގޮތުން، އައްޑޫ އަތޮޅު ހިތަދޫއަކީ ދޮންދީނި ގިނަ ޢަދަދަކަށް އުޅެމުން އައި ރަށެކެވެ. ރަށުގެ މީހުން ދޮންދީންޏަށް ކުރަނީ މަތިވެރި ޤަދަރެކެވެ.

ދޮންދީނި އަކީ ސާފު ހުދު ވަރައެއް ހުންނަ ހިތްގައިމު ދޫންޏެކެވެ. ވައްލަ އާއިލާގެ ދޫންޏެކެވެ. އިނގިރޭސިބަހުން ވައިޓް ޓާން (white tern) އެވެ. ރަށުގެ މުސްކުޅީން ބުނާގޮތުގައި، މީގެ 60 ވަރަކަށް އަހަރު ކުރީން ދޮންދީނިތައް ރަށުގެ ދަނޑުފަނގު މަތީގައި، އުދުހި އުދުހި އުޅުނެވެ. އިރުގެ ދޯދިތައް މި ދޫނީގެ ވަރަ ތެރެއިން ފޭދިގެން އަންނައިރު، ވަރައަކީ ބިއްލޫރި ފަދަ އެއިގެ ތެރެއިން އަލި ދަތުރުކުރާ އެއްޗެއްހެން ހީވާނެއެވެ. ރަށުގެ ކުޑަކުދީންނާއި ޒުވާނުންނަށް، ހަރުމީހުންނާއި އިސް ރަށްވެހީންނަށް ދޮންދީނިގެ އުދުހުންތައް އުފާވެރިކަމެއްގެ ގޮތުގައި ދެކެއެވެ.

މި ދޫނި ހިތަދޫއިން ހުސްވާން ދިމާވަނީ، ހިތަދޫގައި ކާޅު ގިނަވާން ފެށުމުންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ހިތަދޫ އަކީ ކުރީން އެއްވެސް އިރެއްގައި ކާޅު އުޅޭ ރަށެއް ނޫނެވެ. މިގޮތަށް މިކަން އޮންނަތާ އެތައް އަހަރެއް ވީފަހުން، ބަޔަކު ކާޅުތަކެއް ރަށަށް ގެނެސް ދޫކޮށްލީކަމަށް ޒުވާނަކު ބުންޏެކެވެ. ކާޅަކީ ދޮންދީނި ޝިކާރު ކުރާ ދޫންޏެކެވެ. މި ދެންނެވުނީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. ކާޅުގެ އެއް ކާނާއަކަށް ވަނީ ދޮންދީނީގެ ބިހެވެ. ދޮންދީނި ބިސްއަޅަނީ ހާމަކޮށް ހުންނަ ބަބުކެޔޮ ގޮފި ފަދަ ގޮފީގެ އަޑިގަނޑުތަކަށެވެ. ހާމައަށް ފެންނަ ގޮތަށެވެ. ދޮންދީނި ބިސްތައް ކާޅު ކާން ފެށުމުން، ދޮންދީނި އިތުރަށް އާލާވާނެ ގޮތެއް ނޯވެއެވެ.

ދޮންދީނީގެ ޙާލަތު ހިތަދޫގައިވަނީ ވަރަށް ނުރައްކާތެރި ފައްތަރެއްގައެވެ. ރަށުގެ އާބާދީގެ ސަބަބުން ގަސްތައް މަދުވަމުންދާ މި ދުވަސްވަރު، ކާޅުތައް ގިނަވުން މިވަނީ ދޮންދީންޏަށް ޖެހުނު އިތުރު ވަބާއަކަށް ވެފައެވެ.

އާންމު ތަންތާގައާއި އަމިއްލަގޭގޭގައި ހުންނަ ބިޔަ ބޮޑެތި ގަސްތައް ކަނޑާ ހުސްކުރާއިރު ކަމާބެހޭ ފަރާތަކަށް މާބޮޑު ކަމަކަށްނުވެއެވެ. އެއީ ތަރައްގީއެވެ. ކުޑަކޮއްވެސް އަޅުގަނޑު ތަރައްގީއާ ދެކޮޅީކީނޫނެވެ. ވެއްޓާއި ވެށި ވަށައިގެންވާ ޖަނަވާރުންނަށް ވީހާވެސް މަދުން ގެއްލުންވާނެ ގޮތަށް ތަރައްގީ ގެނެވޭނެއެވެ. އަދި އެގޮތަށް ތަރައްގީ ގެނަސްފައިވެސް އެހެން ގައުމު ތަކުގައި އެބަހުއްޓެވެ.

ދާދި ފަހުން އައްޑޫސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ވެސް ދޮންދީނި މަދުވުމާއި ކާޅު ގިނަވުމުގެ މައްސަލަގައި ބަހުސްކުރެވިފައިވެއެވެ.

އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ހިތަދޫގެ ކުޑަކުދީންނަށް ދޮންދީނީގެ ފެންނާނީ ފޮޓޯއެވެ. ހައްލެއްކަމަށް އަޅުގަނޑަށް ފެންނަނީ، ކާޅުތަށް ހިފައި އެހެން ސަރަހައްދަކަށް ގެންގޮސް ދޮންދީނި އާލާވާ ގަސް އިންދުމެވެ. މުސްކުޅީން ބުނާގޮތުގައި، މާލެއިން ކާޅު މަދުކުރީ ރޭޒާފުއް ނުކުންނަ ބަޑިޖަހައިގެންނެވެ.

ކުރިމަތީގައި އޮތް ސުވާލަކީ، ބޭނުމީ ދޮންދީނި ހެއްޔެވެ؟ ނޫނީ ކާޅު ހެއްޔެވެ؟ ޔަޤީންކަމާއެކު އެނގޭ ކަމަކީ މި ދެ ބާވަތަކަށް އެއްތާކު ނޫޅެވޭނެ ކަމެވެ. މިކަމާބެހޭ ސަރުކާރުގެ ފަރާތްތައް، މައްސަލައަށް ހޭލައްވާލަން ޖެހިއްޖެއެވެ. ޒިންމާވާން ޖެހޭ ފަރާތަކީ ކައުންސިލެވެ. ރައްޔިތުންނެވެ.

ޓެގްސް: އައްޑޫ ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.