ނަފްސާނީ ޢިލްމުވެރީން ސްޓްރެސް ތަޢުރީފުކުރަނީ ވަށައިގެންވާ މާޙައުލަށާއި ތިމާ ތަޖުރިބާ ކުރާ ކަންތައްތަކަށް އަންނަ ބަދަލުތަކަށް ތިމާގެ ހަށިގަނޑު ދޭ ރައްދެއްގެ ގޮތުގަ

ހަބަރު

ސްޓްރެސް އަކީ ކޯޗެއް؟ ހަޔާތުގެ ފިއްތުންތަކާ މެދު ހުށިޔާރުވާންޖެހޭ!

ހުސެން ހަމްދާން - ދުނިޔެ | 22 ޖެނުއަރީ 2024 , ހޯމަ 10:04   461

އިންސާނާގެ ދިރިއުޅުމުގައި ދިމާވާ ކަންކަމުން، ހާސްކަމާއި ނުތަނަވަސް ކަން ސިކުނޑިއަށް ގެނުވައެވެ. މި ގޮތަށް ސިކުނޑިއަށް އަންނަ ފިއްތުންތަކަށް ސްޓްރެސް ކިޔައެވެ.

މި ލަފުޒުގެ އަޞްލު މާނައަކީ އެއްޗެއްގެ ސިފަ ބަދަލުކުރާ ފަދަ ފިއްތުމެވެ. ނަފްސާނީ ޢިލްމުވެރީން ސްޓްރެސް ތަޢުރީފުކުރަނީ ވަށައިގެންވާ މާޙައުލަށާއި ތިމާ ތަޖުރިބާ ކުރާ ކަންތައްތަކަށް އަންނަ ބަދަލުތަކަށް ތިމާގެ ހަށިގަނޑު ދޭ ރައްދެއްގެ ގޮތުގައެވެ.

އޭގެތެރޭގައި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަދި ފިކުރީގޮތުން ތިމާއަށް ނޭނގި ނަމަވެސް ދެވޭ ރައްދުތައް ހިމެނެއެވެ. އާއްމު ޙާލަތްތަކުގައި މިފަދަ ރައްދުތައް ދެވެނީ ތިމާއަށް އެކަމެއްގެ މައްޗަށް ބާރު ނުހިނގާ ކަންކަން މެދުވެރިވުމުންނެވެ. ނުވަތަ ތިމާއަށް އެކަމެއްގެ ސަބަބުން ނުރައްކަލެއް ކުރިމަތިވުމުންނެވެ. މިސާލަކަށް ތިމާ ދިރިއުޅުމުގައި ދުވަހަކުވެސް ނުކުރާ އާ ތަޖުރިބާއެއް ކުރަން ޖެހުމަކީ އެކަމުގެ ސަބަބުން ސްޓްރެސް އަތުވެދާނެ ކަމެކެވެ. ސަބަބަކީ އެއީ އެކަމެއްގެ ނިހާއީ ނަތީޖާ ނޭނގޭތީއެވެ.

ޒަމާނަށް އައި ބަދަލުތަކާއެކު އިންސާނުންގެ އުޅުންތަކާއި ގުޅންތަކަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެކަކު އަނެކަކާ މުޢާމަލާތުކުރުމާއި މުޢާސަލާތުކުރާގޮތަށް މިވަނީ އިންޤިލާބީ ބަދަލުތަކެއް އައިސްފައެވެ. މުސްތަޤްބަލު ފަހިކުރުމުގެ ބޭނުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ގިނަވެ ދުވާލެއްގެ މައްޗަށް ލިބޭ ސައުވީސް ގަޑިއިރުވެސް މިވަނީ ހިނދުކޮޅަކަށް ވެފައެވެ.

ޒާތީ ދިރިއުޅުމުގެ ކަންތައްތަކަށް ވަގުތު ދެމުން މަސައްކަތުގެ މާޙައުލުގައި ބުރަކޮށް އުޅެންޖެހުމަކީ ކޮންމެ މީހަކުވެސް ސްޓްރެސްވާނެ ކަމެކެވެ. ސްޓްރެސްއަކީ އަޅާނުލާ ފަރުވާކުޑަކޮށްފިނަމަ އޭގެ ސަބަބުން ފަހުން މާ އުނދަގޫތައް ކުރިމަތިލާންޖެހިދާނެ ކަމެކެވެ. އެހެންކަމުން ސްޓްރެސްވާން ދިމާވާ ކަންކަމަކީ ކޮބައިތޯ ބަލައި އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަން ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އެހެނީ ޞިއްޙީ މާހިރުންގެ ފަހުގެ ހޯދުންތައް ބުނާގޮތުގައި ސްޓްރެސްއަކީ ގަހެއްގައި ހުދުކޫޑި އަޅާ ފަދައިން އިންސާނާގެ ހަށިގަނޑުގައި ގިނަވެއްޖެނަމަ ފިލުވަން އުނދަގޫ އެއްޗެކެވެ. ސްޓްރެސްގެ ނިޝާންތައް ފެންނަ ހިސާބުން ފެށިގެން ފަރުވާކުރަންޖެހޭނެއެވެ. ނޫންނަމަ ފަހުން ކުރިމަތިވެދާނެ ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތައް ބޮޑުވެފައި ކުރާ އުދަނގޫ މާ ބޮޑުވާނެއެވެ.

ސްޓްރެސްވުމަށް ދިމާވާ މައިގަނޑު ސަބަބުތަކަކީ ކޮބައިބާ؟

އެންމެ މައިގަނޑު އަދި ފުރަތަމަ ސަބަބަކީ ތިމާގެ ޒާތީ ދިރިއުޅުމުގައި ދިމާވާ ކަންކަމެވެ.

އޭގެތެރޭގައި ތިމާގެ ދިރިއުޅުމުގައި ހިމެނޭ މުހިއްމު ފަރާތްތަކާއި އޮންނަ ގުޅުންތަކުގައި ދިމާވާ މައްސަލަތަކާއި ތިމާއަށާއި އެމީހުންނަށް ދިމާވާ ހިތާމަތަކާއި ބަލިމަޑުކަމާއި މިފަދަ އެހެނިހެން ކަންކަން ހިމެނެއެވެ. އަދި ހަމައެހެންމެ ތިމާގެ ވަށައިގެންވާ މާޙައުލުގައި ކުރިމަތިވާ މައްސަލަތަކާއި، ފައިސާގެ މައްސަލަތަކާއި ގުދުރަތީ ގޮތުން ދިމާވާ ކަންކަންވެސް ހިމެނެއެވެ.

ދުވަހީ ދިރިއުޅުމުގައި ދިމާވާ ކުދިބޮޑު ކަންކަމަކީ އޭގެ ސަބަބުން ތިމާއަށް އަސަރުކުރާނެ ކަންކަމެވެ. އެހެންކަމުން ތިމާއަށް ކުރިމަތިވާ ކަންތައްތަކުގެ ސަބަބުން ތިމާއަށް އަސަރުކުރަނީ ކިހާ މިންވަރަކަށްތޯ ބަލައި ފަރުވާތެރިވުން ވަރަށް މުހިއްމެވެ. ސްޓްރެސް ވުމަށް ދިމާވަނީ ތިމާއަށް ބާރުފޯރުވޭ ނުވަތަ އެކަމުގެ ނަތީޖާ ބަދަލުކުރެވިދާނެ ކަންތައްތޯ ދަނެގަތުން މުހިއްމުވެ.

ސްޓްރެސް އުފައްދާ ބައެއް ކަންތައްތަކަކީ އޭގެ މައްޗަށް ތިމާގެ އެއްވެސް ނުފޫޒެއް ނުފޯރުވޭނޭ ކަންތައްތަކެވެ. އާއްމުގޮތެއްގައި ކަންކަމުގައި ބިރުގަތުމާއި ޔަގީންކަން ނެތުމާއި، އުއްމީދުކުރެވޭ ގޮތާއި ކަންކަމުގައި ނަޒަރުކުރެވޭ ގޮތް އެއީ ތިމާގެ އަމިއްލަ އިޚްތިޔާރުގައިވާ ކަންކަމެއް ނޫނެވެ. ނަމަވެސް އެކަންކަމާމެދު ވިސްނާ ފިކުރުކޮށް ތިމާއަށް ރަނގަޅުކުރުމަށް މަސައްކަތް ކުރެވިދާނެ ކަންތައްތައް ބަލައި އެކަންކަމަށް މަސައްކަތްތަކެއް ކުރެވިދާނެއެވެ.

މިސާލަކަށް އޮފީސް މާޙައުލުގައި ތިމާގެ ޚިޔާލު ފާޅުކުރަން އުނދަގޫވުމާއި މީހުން ގިނަ ތަންތަނުގައި ވާހަކަދައްކަން ބިރުގަނެދާނެއެވެ. އެއީ ތިމާގެ މިޒާޖު ނުވަތަ ޠަބީޢަތް ކަމުގައިވެސް ވެދާނެއެވެ. އެހެންނަމަވެސް އެކަން ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރެވިދާނެއެވެ. އޭރުން ފަސްޖެހިގެން ހުރެ ފަހުން އެކަމާ ވިސްނަންޖެހޭ ޙާލަތުން ލިބޭ ހާސްކަމުން ތިމާ ސަލާމަތްވާނެއެވެ.

އިސްވެދެންނެވުނު ސަބަބަކާހުރެ ނުވަތަ އެހެންވެސްކަމަކާ ހެދި ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާމެދު ފިކުރު ބޮޑުވެ މާޔޫސް ވާނަމަ އެކަންކަމާ ކުރިމަތިލައި ސިކުނޑިއަށް އަންނަ ފިއްތުމަށްލުޔެއް ހޯދަން ކުރެވިދާނެ ކަންކަން ވަރަށް ގިނައެވެ.

އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ކަމަކީ ތިމާގެ ރައްބު މަތިން ހަނދުމަކުރުމާއި އެކަލާނގެއާއި ކުއްތަންވެ ގާތްވުމެވެ. އަދި އެކަލާންގެ ދެއްވި ނިޢުމަތްތަކާމެދު މަޢުރިފާކޮށް ޝުކުރުވެރިވުމެވެ. ތިމާއަށް ކުރިމަތިވާ ކޮންމެ ކަމެއްގެ ފަހަތުގައި ޢިބުރަތްތަކެއް ލައްވާފައިވާކަމާއި ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗަށް ނިމުން އަންނާނެކަން ވިސްނައި، އާޚިރަތަށްޓަކައި މަސައްކަތްކުރުމެވެ.

ތިމާކުރާ ކޮންމެ ކަމެއްގައި ވަގުތު ކަނޑައަޅައި ތަރުތީބު ހިފެހެއްޓުންވެސް މުހިއްމެވެ. ކަންކަމުގައި ތަރުތީބުގެ އަޚްލާޤް ޤާއިމުކޮށް ދެމެހެއްޓުމަކީ އަދި ވަގުތަށް ފަރުވާތެރިވުމާއި ވަގުތަށް އަހްއްމިއްޔަތުކަން ދިނުމަކީ ވަރަށް ގިނަ ކަންކަން ފަސޭހަވެފައި ތިމާގެ ބޭނުންތެރިކަން އެހެން މީހުންނަށާއި ތިމާގެ އަމިއްލަ ނަފްސަށް އެންމެ ފުރިހަމަގޮތުގައި ހިފުމަށް މެދުވެރިވާނެ ސަބަބެކެވެ. އޭރުން ތިމާ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ލިބިފައިވާ ވަގުތުގެ ތެރޭގައި ހާސިލުކުރަން ފަސޭހަވާނެއެވެ. ނަތީޖާއެއްގެ ގޮތުން ކުރަންޖެހޭ ކަންކަން ތަރުތީބުކުރެވި ހާސްކަން ކުޑަވާނެއެވެ.

ދެން އެންމެ މުހިއްމު ކަމަކީ ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމެވެ. ކަސްރަތުކުރުމުގެ ސަބަބުން ސިކުނޑީގައި އުފެދޭ ތަފާތު ދިޔަތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނަތީޖާއެއްގެ ގޮތުން ހާސްކުރުވާ އަދި ހިތް ނުތަނަސްވާ ފިކުރުތަކުން ތިމާގެ ވިސްނުން ދުރުކޮށްދެއެވެ.

ރޭގަނޑުގެ ފުރިހަމަ ނިދި ލިބިގަތުމަކީ ދުވާލުގެ ބުރަކަމުން ހަށިގަނޑަށާއި ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަމުން ލުއިކަމެއް ގެނެސްދެނޭ ކަމެކެވެ. އަދި ހަށިގަނޑަށް ދިމާވާ ނުރައްކާތެރި ބޮޑެތި ބަލިތަކުންސަލާމަތްވުމަށް ވެސް މަގުފަހިވާ ކަމެކެވެ.

އަމިއްލަ ކަންކަމުގައި އާއި މަސައްކަތްކުރާ މާޙައުލުގައި ތިމާގެ ހަށިގަނޑަށް ކުޅަދާނަވެގެންވާ މިންވަރަށް ކަންކަން ކުރުމާއި ކުރިއާލައި ރޭވުމާއި އަދި ހަށިގަނޑަށް ބޭނުންވާ ކުރު ހުސް ވަގުތު ދިނުން މުހިއްމެވެ. އޭރުން ހަށިގަނޑާއި ސިކުނޑި އުފުލާ ބުރައަކީ ނުއުފުއްލޭހާ ބުރަ ނުވަތަ ތިމާގެ ލަޔާޤަތާއި އެއްވަރު ނޫން ބުރައެއްކަމުގައި ނުވާނެއެވެ. މިހެންމިކަން ކުރުމުން ތިމާ ކުރާ ކަންކަން ފަސޭހަވެފައި ކަންކުރެވޭގޮތް ފުރިހަމަވެ، ތިމާއަށް އެކަމުން ލިބޭ ހިތްހަމަޖެހުން ބޮޑުވާނެއެވެ.

މިދެންނެވުނު ކަންކަމުގެ އިތުރުންވެސް ހާސްކަމާއި މާޔޫސްކަމުން ދުރުހެލިވެ ހިތްހަމަޖެހުމާއި އުފަލުގައި ދުވަސްތައް ވޭތިކުރުމަށް ކުރެވިދާނެކަންކަން ހުންނާނެކަން ގައިމެވެ. ކޮންމެ ބައްޔަކަށް ވަކި ފަރުވާއެއް ނުވަތަ ބޭހެއް ހުންނަ ފަދައިން ކޮންމެ އިންސާނަކަށް ކުރިމަތިވާ ކަންކަމާއި އެކަމުގެ ފަރުވާވެސް ތަފާތުވާނެއެވެ. އެހެންކަމުން ތިމާއަށް ދިމާވާ ކަންކަމުގައި ހާސްވުން ކުޑަކުރުމަށް ކުރެވިދާނެ ކަންކަން ދަނެގަނެ އެކަންކަން ކުރުން މުހިއްމެވެ.

ޓެގްސް: ސިއްޙަތު ދިރިއުޅުމުގެ ވައްޓަފާޅި ސްޓްރެސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.