އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުވާދު ތައުފީޤް، ޤާނޫނަށް ބަދަލުގެންނަން އީސީ އިން މީގެ ކުރިން އެދިފައިވޭ، އެކަމަކު އޭރު އެއްވެސް ޕާޓީއަކުން އިޖާބައެއް ނުދިން

ހަބަރު

އެމްޑީޕީ އިން ރޯދަމަސް ތެރޭގައި އިންތިޚާބު ބޭއްވުމާއި ދެކޮޅެއް ނަހަދާ، އިލެކްޝަނުން އިންތިޚާބާއިގެން ކުރިއަށް!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 24 ޖެނުއަރީ 2024 , ބުދަ 08:07   930

ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ރޯދަމަސްތެރޭގައި ބޭއްވުމަށް ދެކޮޅު ނަމަވެސް، އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނަނީ އިންތިޚާބާއިގެން ކުރިއަށް ގެންދިއުން ނޫންގޮތެއް ނެތް ކަމަށެވެ.

އީސީގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ، މީގެ ކުރިން އެތައް ފަހަރެއްގެ މަތިން، ޤާނޫނުތަކަށް ބަދަލު ގެންނަންޖެހޭކަމަށް ހުށަހަޅައި އެކަން ސިޔާސީ ޕާޓީތަކުގެ ސަމާލުކަމަށް ގެންނެވިކަމަށެވެ. ނަމަވެސް، އެއްވެސް ޕާޓީއަކުން އޭރު އެއަށް އެދޭވޭ އިޖާބައެއް ދީފައި ނުވާކަމަށެވެ. އެހެންކަމުން އިންތިޚާބު، ޤާނޫނުގައި ބަޔާންކޮށްފައިވާ ތަރަޙައިގެ ތެރެއިން ބޭއްވުން ނޫންގޮތެއް އެ ކޮމިޝަނަށް ނެތްކަމަށެވެ.

މިހާރު އޮތްގޮތަށް ބަލާއިރު، ގާނޫނުގައި ބުނާ ތާރީހުތައް ތަރުތީބު ކޮށްލުމުން އިންތިހާބު ބޭއްވެނީ މާޗު މަހުގެ 17 ހިސާބުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ މެންބަރުން އިންތިޚާބު ފަސްކޮށްދިނުމަށް ހުށަހެޅުއްވި ނަމަވެސް، އިލެކްޝަން ކޮމިޝަނުން ބުނެފައި ވަނީ ގާނޫނު ބަދަލުކޮށްގެން ނޫނީ، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.

މިހާތަނަށް އައިއިރު އެއްވެސް ސިޔާސީ ޕާޓީއަކުން އިންތިޚާބު ރޯދަމަސް ތެރޭގައި ބޭއްވުމަށް ތާޢީދުކޮށްފައި ނުވެއެވެ.

އިދިކޮޅު އެމްޑީޕީ އިން ވެސް ކުރިން ވަކާލާތުކުރަމުން އައީ ރޯދަމަސް ތެރޭގައި އިންތިޚާބު ނުބޭއްވުމަށެވެ. ނަމަވެސް، އެއަޑު މިހާރު ވަނީ އެމްޑީޕީ ތެރެއިން ފަނޑުވެފައެވެ.

ސަރުކާރު ހިންގާ ކޯލީޝަންގެ ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، "ތާރީހު ބަދަލުކުރުމަކީ އަދިވެސް ރައްޔިތުންގެ މަޖިލީހަށް ކުރެވޭނެ ކަމެއް ކަމަށާއި ރައްޔިތުންގެ އެހާ ބޮޑު ކަންބޮޑުވުމެއް އޮތް ނަމަ ޕީޕީއެމް ތާއީދުކުރަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ތާރީހު ބަދަލުކުރަން" ކަމަށެވެ.

މުޅި މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮންނަނީ އިދިކޮޅު އެމްޑީޕީގައެވެ. އެމްޑީޕީ އިން ކުރިން ވެސް ބޭނުންވިނަމަ އެކަން އެގޮތަށް ކުރެވުނީހެވެ. އަދި މިހާރުވެސް ކުރެވޭނެއެވެ. އެހެންކަމުން، އެމްޑީޕީގެ ބައެއް މެމްބަރުންގެ ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، ލީޑާރޝިޕްގެ ވިސްނުން އިންތިޚާބު ފަސްކުރަން ނެތްކަމަށް އެނގެން އެބައޮތެވެ.

އެމްޑީޕީ އިން ވަނީ މަޖިލީހުގެ ދައުރު ތިން ފަހަރެއްގެ މަތިން ދަންމައި، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަޤާމުން ދުރުކޮށްފައެވެ. އަދި ބައެއް ބިލްތައް ވެސް ފާސްކޮށްފައެވެ. އެކަމަކު ސަރުކާރުގެ ވަޒީންގެ މަޖިލީހަށް ވެސް މިހާތަނަށް އައިއިރު ރުހުން ދީފައިނުވެއެވެ. އެއްވެސް ސަރުކާރެއްގައި ވަޒީރުންނަށް ރުހުން ނުދީ މިގޮތަށް ހިފައްޓާފައި ވެސް ނުވެއެވެ.

ބައެއް ފަރާތްތަކުން ދެކެނީ އިންތިޚާބު ރޯދަމަސް ތެރޭގައި ބާއްވައިފިނަމަ، ވޯޓުލާން ނިކުންނަ މީހުންގެ ޢަދަދު ވަރަށް ބޮޑުތަން މަދުވާނެކަމަށެވެ. ސަރުކާރު ހިންގާ ކޯލީޝަންގެ ކެންޑިޑޭޓުންނަށް އެކަމުން އަސަރުކުރުމުގެ ފުރުޞަތު ބޮޑުކަމަށް ބައެއް ކެންޑިޑޭޓުން ވެސް ދެކެއެވެ.

ޓެގްސް: އިންތިޚާބު އިލެކްޝަންސް ކަމިޝަން ރައްޔިތުންގެ މަޖިލިސް މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.