ދޯންޏަކުން މަސްބާނަނީ، މިފްކޯގެ ދަރަނި އަންނަނީ އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުން، ސަރުކާރުން އޮޅުވާލަނީކަމަށް މަސްވެރިން ބުނޭ...

ހަބަރު

ކިރާ މަސްކޮޅަށް ލާރި ނުލިބޭ މައްސަލަ ބޮޑުވެއްޖެ، މަސްވެރިނަށް ލިބެންޖެހޭ ފައިސާ 300 މިލިއަނާއި ގާތަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 ފެބުރުއަރީ 2024 , އާދީއްތަ 08:33   486

މަސްވެރިން ބާނާ މަހަށް ސަރުކާރުގެ ކުންފުނިތަކުން ލިބެންޖެހޭ ފައިސާ ނުލިބި މަސްވެރިންގެ ހިތްހަމަނުޖެހުންތަކާއި ޝަކުވާތައް ބޮޑުވެއްޖެއެވެ.

މަސްވެރިން ބުނާގޮތުން، އެތައް މަސްދުވަސް ވާއިރުވެސް ފައިސާ ނުލިބެއެވެ. ގިނަ ފަހަރަށް ތެޔޮ އަޅާގެ ލާރިވެސް ނުލިބޭތީ މަސްވެރިންނަށް ދޭނެ އެއްޗެއް ނުލިބޭކަމަށް ދޯނި ފަހަރުތަކުން ބުނެއެވެ.

ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމު، މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ޢަދަކީ 190 މިލިއަން ރުފިޔާކަމަށް ވިދާޅުވި ނަމަވެސް، ޢާއްމުވެފައިވާ ސަރުކާރުގެ ބައެއް މާލީ ބަޔާންތަކުގައި ވާގޮތުން 300 މިލިއަނާއި ގާތަށް މަސްވެރިންނަށް ސަރުކާރުން ދަރާ އޮތް މިންވަރު އަރައެވެ. ދެމަސްދުވަސް ތެރޭގައި 100 މިލިއަން ދަރަންޏަށް އިތުރުވެފައިވެއެވެ.

މިއީ ކުރީ ސަރުކާރުގައި އޮތް މިންވަރުގެ ދެގުނައަށްވުރެ ވެސް ބޮޑު ޢަދަދެކެވެ.

މަސްވެރިން ބުނާގޮތުން، ކުރީ ބިލްތަކަށް ފައިސާކޮޅެއްދީ ސަރުކާރުން މަސައްކަތްކުރައްވަނީ އޮޅުވާލާށެވެ. ކުރީގެ އެއް ބިލަށް ފައިސާކޮޅެއް ދޭއިރު އޮންނަނީ އަނެއްކާ ދެ ބިލު އިތުރު ވެފައެވެ.

އެވްރެޖްކޮށް މަހެއްގެ މައްޗަށް މިފްކޯއަށް 400 މިލިއަން ރުފިޔާގެ މަސް ކިރާއިރު، ދަރަނީގައި އޮތް ފައިސާ ދައްކާ ޚަލާޞް ނުކުރެވޭނަމަ މަސްވެރިންގެ ޝަކުވާއަށް ޙައްލެއް ނާންނާނެކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.

ރައީސް ޑރ. މުޢިއްޒު ދާދިފަހުން މީޑިއާތަކާއި ބައްދަލުކުރައްވައި ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ މައްސަލައަށް ޙައްލު ހޯދަން މަސައްކަތްކުރައްވަމުން އަންނަކަމަށެވެ. ނަމަވެސް އެއީ ކޮން މަސައްކަތްތަކެއްކަން ވިދާޅުވެ ނުދެއްވައެވެ.

މިނިސްޓަރު ޝިޔާމު ވިދާޅުވީ، ފައިސާގެ ދަތިކަން އެބައޮތް ކަމަށާއި، ރާއްޖެ އާއި ރާއްޖެއިން ބޭރުން ވެސް ފައިސާ ލިބުމުގައި ގޮންޖެހުން ހުރިކަމަށެވެ.

ރާއްޖެއާއި އަވަށްޓެރި އިންޑިއާ އާއި ގުޅުން ގޯސްވެފައިވާއިރު، ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކޮށްދިނުމަށް އިންޑިއާ ސަރުކާރުން އައީ ބޮޑެތި އެހީތަކެއް ވަމުންނެވެ. މިސަރުކާރު އައުމާއިއެކު، އިންޑިއާ ދޫކޮށް ޗައިނާ އާއި ގުޅުން ބަދަހިކުރަން ފެށުނު ނަަަމަވެސް، މިހާތަނަށް ޗައިނާގެ މާބޮޑު އެހީތަކެއް ރާއްޖެއާއި ހަމައަށް ފޯރިކަމުގެ މަޢްލޫމާތު ޢާއްމުވެފައި ނުވެއެވެ.

ޓެގްސް: މަސްވެރިކަމުގެ ސިނާޢަތް ދައުލަތުގެ ދަރަނި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.