ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ

ހަބަރު

ސްރީލަންކާގެ އިޤްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓިފައި

ދާނިޝް - ލަންކާ | 23 އޭޕުރިލް 2022 , ހޮނިހިރު 13:13   680

ސްރީލަންކާ އަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ތަދުމަޑުކަމުގެ ޙާލަތުގެ ދަނީ ދުވަހެއް ދުވަހަކަށް ހީނަރުވަމުންނެވެ. ސްރީލަންކާގެ ރައްޔިތުންނަށް ދިރިއުޅުމުގެ އެންމެ އަސާސީ ތަކެތި ލިބުން މިވަނީ ދަތިވެފައެވެ. މިހާލަތާ ގުޅިގެން އެގައުމުގެ ރައްޔިތުން ދަނީ ސިލްސިލާ މުޒާހަރާތައް ވެސް ބާއްވަމުންނެވެ.

މި މުޒާހަރާތަކުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު (17 އެޕްރިލް) ސްރީލަންކާގެ ވެރި ރަށް ކޮލަންބޯ ގައި ބޭއްވުނު މުޒާހަރާ ދިގުލައެގެން ދިއުމާއި ގުޅިގެން މުޒާހަރާ ރޫޅާލުމަށް ކުރި މަސައްކަތުގެ ތެރެއިން ފުލުހުން ވަނީ ޢާންމުންނާ ތެރެއަށް ބަޑިޖަހައި ކަރުނަ ގޭސްވެސް ބޭނުންކޮށްފައެވެ. ފުލުހުންގެ ޙަމަލާތަކުގައި ޢާއްމުންގެ މީހަކު މަރުވެ ގިނަ ބަޔަކު ޒަޚަމުވިއެވެ.

އެގައުމުގެ ފުލުހުން މައުލޫމާތު ދިން ގޮތުގައި މުޒާހަރައިގައި ބައިވެރިވެ އާންމުން ނުކިޔަމަންތެރިކަން ދައްކައި ގަލުންނާއި އެ ނޫންވެސް ނުރައްކާތެރި އެއްޗެހިން ޙަމަލާދޭން ފެށުމުން ކަރުނަގޭހާއި ބަޑިޖަހަން މަޖުބޫރުވީކަމަށެވެ. އަދި އެ ހަމަނުޖެހުންތަކުގައި ފުލުހުންގެ އެތައް ބަޔަކަށްވެސް އަނިޔާވެ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.

ޤައުމަށް ދިމާވެފައިވާ މިޙާލަތުން އަރައިގަތުމަށް އެގައުމުގެ ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވަނީ އެޤައުމުގެ ވަޒީރުންގެ މަޖިލިސް އަލުން އެކުލަވާލައި ޤައުމުގެ އިޤްތިޞާދީ މައްސަލަތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ އެހީ ހޯދުމާއިމެދު މަޝްވަރާކުރަމުންނެވެ.

އާ ވަޒީރުންގެ މަޖިލިސް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރުންނާއި މުޙާތަބު ކުރައްވަމުން ގޮތަބަޔަ ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތު މިހާވަރަށް ދަށަށްދިޔުމުގެ ސަބަބުން ހިތާމަކުރައްވާކަމަށާއި ހާލަތު މިވަރަށް ގޯސްވެގެން ދިޔައީ ސަރުކާރުގެ އިހުމާލު އޮވެގެންކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި މިއީ ފަހުގެ ތާރީޚެއްގައި ސްރީލަންކާއަށް ކުރިމަތިވި އެންމެ ދަތި ހާލަތެއްކަމަށްވެސް ރައީސް ގޮތަބަޔަ ވިދާޅުވިއެވެ.

ޤައުމުގެ މާލީ ވަޒީރު ޢަލީ ޞަބްރީ ބުނެފައިވަނީ ކުރިޔަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ސުރީ ލަންކާއަށް ތިން ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެކަމުގައެވެ. އަދި އަންނަ ޖުލައި މަހުގެ ތެރޭގައި ދަރަނީގެ ގޮތުގައި 25 ބިލިޔަން އެމެރިކާ ޑޮލަރު މިއަހަރުގެ ނިޔަލަށް އެޤައުމުން ދައްކަން ޖެހިފައިވި ނަމަވެސް ޢާއްމުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ދަރަނިތައް ދެއްކުން މަޑުޖައްސާލާފައިވާ ކަމަށްވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ.

ސްރީލަންކާއަށް ދިމާވެފައިވާ ހާލަތާއި ގުޅިގެން އެޤައުމުން ވަނީ ބައިނަލްއަޤްވާމީ މާލީ އިދާރާ (އައިއެމްއެފް) އާއި ވޯލްޑް ބޭންކުގެ އެހީތެރިކަމަށް އެދިފައެވެ. މިދިޔަ ހުކުރު ދުވަހު (22 އްޕްރީލް) ޞަބްރީ ވިދާޅުވީ ވޯލްޑް ބޭންކުން ވަނީ މި އަންނަ 4 މަސް ދުވަހުގެ ތެޜޭގައި ސްރީލަންކާ އަށް ބޭނުންވާ އަސާސީ ތަކެތި ގަނުމަށް 300-600 މިލިއަނާއި ދެމެދުގެ އެހީ އެޤައުމަށް ފޯރުކޮށްދޭނެކަމަށެވެ. އަދި ބައިނަލްއަޤްވާމީ މާލީ އިދާރާ އިން އެހީތެރިކަން ހޯދުމަށް އެފަރާތާއި މަޝްވަރާ ކުރަމުން ދާކަމަށްވެސް އޭނާ މައުމާތުދިނެވެ.

ފާއިތުވި ދުވަސްތަކުގައި އިންޑިޔާއާއި ޗައިނާއިންވަނީ މާލީ އެހީގެ ގޮތުގައި އެތައް ބިލިޔަން އެމެރިކާ ޑޮލަރެއް ސުރީ ލަންކާއަށް ފޯރުކޮށްދީފައެވެ. އޭގެ އިތުރުން އިންޑިޔާއިންވަނީ ސުރީ ލަންކާއަށް ބޭނުންވާ ތެލާއި ހަނޑުލާއި ބޭހާއި އެ ނޫންވެސް ޒަރޫރީ ސާމާނު ފޯރުކޮށްދޭން ފަށައިފައެވެ. ހަމައެހެންމެ އިންޑިއާއިން ވަނީ އިތުރު 500 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ސްރީލަންކާ އަށް ފޯރުކޮށްދޭނެކަމަށް ހާމަކޮށްފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.