އާމިންދައްތަ ހުކުރު ދުވަހު އެކްސްޕްރެސް ނިއުސް ޓީމާއިއެކު

ހަބަރު

ޚިޔާލު : ދައުލަތެއްގެ އިހުމާލު - ޒިންމާ ނަގަނީ ކޮންބައެއް؟

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 23 އޭޕުރިލް 2022 , ހޮނިހިރު 12:13   801

އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޢުމުރުން ދުވަސްވީ މީހަކު ގިނަ ދުވަސް ތަކެއްވަންދެން ބަންދުގައި ބަހެއްޓުމަށްފަހު ކުށެއް ނެތްކަމަށް ބުނެ ދޫކުރީ އާދީއްތަ ދުވަހުގެ ރެއެވެ.

އާމިންދައްތަ ދޫކޮށްލުމަށްފަހު ފުލުހުން ނެރެފައިވާ ނޫސް ބަޔާނުގައި ވާގޮތުން، "އެކަށީގެންވާ ހެއްކާއި ޤަރީނާ ހޯދުމަށް މިމައްސަލައިގެ ތަޙުޤީގުގައި ފުލުހުން މަސައްކަތް ކޮށްފައިވާނެ" އެވެ.

ނަމަވެސް އާމިންދައްތަ ފިޔަވައި "އިތުރު މީހެއްގެ ނުވަތަ ބައެއްގެ މައްޗަށް ތުޙުމަތުކުރެވޭ ވަރުގެ އެކަށީގެންވާ ހެއްކެއް ނުވަތަ ޤަރީނާއެއް ތަޙުޤީގަށް ލިބިފައި ނުވާކަމަށް" ވެސް ފުލުހުން ބުނެފައި ވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުތައް ބުނާގޮތުން މިފަދަ މައްސަލައެއްގައި އެންމެ ފުރަތަމަ ވެސް ބަޔާން ނަގަނީ އަނިޔާ ލިބުނު ކުއްޖާގެ ފަރާތުންނެވެ. އެޙާދިސާއެއް ހިނގުމަށްފަހު، މީހަކު ހައްޔަރުކުރުމުގައި، ކުއްޖާ އެންމެ ފުރަތަމަ ދައްކާ ވާހަކައެއް އެހެން ހުރިހާ ހެއްކާއި ޤަރީނާ ނަފީކުރާ ވަރަށް ބާރުލިބިދެއެވެ.

މިކަމާއި ގުޅޭ ސަރުކާރުގެ އިދާރާ އަކީ ޖެންޑާ މިނިސްޓްރީ އެވެ. އަންހެނުންގެ ޙައްޤުތައް ވެސް އަދި ކުޑަކުދިން ޙައްޤުތައް ވެސް ކަށަވަރުކުރުމުގެ ފުރިހަމަ މަސްޢޫލިއްޔަތު ޙަވާލުކުރެވިފައިވަނީ އެވުޒާރާއާއި އެވެ. މިހާތަނަށް އައިއިރު މިކަމާއި ގުޅިގެން މާބޮޑު ވާހަކަތަކެއް ދައްކާފައި ނުވެއެވެ. އޮތީ ހިމޭނުންނެވެ.

ފުލުހުން ނެރުނު ބަޔާން ފިޔަވައި އިތުރު ވާހަކަތަކެއް ފުލުހުންގެ ފަރާތުން ވެސް މިކަމުގައި ތިލަވެފައި ނެތެވެ.

ނަމަވެސް އާމިންދައްތަ ދޫކޮށްލުމުގެކުރިން ހިއުމަންރައިޓް ކޮމިޝަން (އެޗްއާރސީއެމް) އިން ބުނެފައިވަނީ މިމައްސަލައިގައި ޙައްޤު ގެއްލިފައިވާ ފަރާތްތަކުގެ ޙައްޤުތައް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

އާމިންދައްތަގެ ޙައްޤުތައް

ކަންމިހެން އޮތް އިރު އާމިންދައްތަ ހައްޔަރުކުރެވުނީ އެއުސޫލުންކަމެއް ސާފެއް ނުވެއެވެ. އަދި އެއުސޫލުންކަމަށް ވާނަމަ އެއީ އެންމެ އިންސާފުވެރި ގޮތް ހެއްޔެވެ؟ މީހަކަށް ނުޙައްޤުން އަނިޔާ ލިބުމުގެ ފުރުޞަތު ނެތްހެއްޔެވެ؟ ބާލިޣުނުވާ ނުވަތަ ފުރާފުރިހަމަ ވެފައިނުވާ ކުޑަކުއްޖެގެ ހެކިބަސް މާ ބާރުގަދައެވެ. އިސްލާމީ ޝަރީޢަތުގެ އުސޫލުން ބަލާއިރު މިކަމުގައި އޮތީ ކޮންގޮތެއް ހެއްޔެވެ؟

އާމިންދައްތަ އަކީ ހުވަފަށްވެ، އަޅާލާނެ މީހަކު ނެތް، ޔަތީމު 3 މާމަދަރިން ބަލަމުންދާ މީހެކެވެ. އާމިންދައްތަ ހައްޔަރުކުރުމުގައި ގެންގުޅެފައިވާ އުސޫލު ސާފުވާން ޖެހެއެވެ. އެއީ މުސްތަޤްބަލުގައިވެސް މިފަދަކަމެއް ތަކުރާރު ވިޔަ ނުދިނުމުގެ މަޤްޞަދުގައެވެ.

މަޢްލޫމާތު ލިބޭގޮތުގައި އާމިންދައްތަ ހައްޔަރުކޮށްފައިވަނީ ސްކޫލުން ކުރި ރިޕޯރޓަކާއި ގުޅިގެންނެވެ. އެހެންކަމުން ސްކޫލުން މިމައްސަލަ ރިޕޯރޓްކޮށްފައިވާ ސަރުކާރުގެ ކޮންމެވެސް އެހެން އިދާރާއަކުން ބެލުމަކީ ނުކުރެވޭނެ ކަމެއް ކަމުގައި ނުދެކެމެވެ. އަދި މިނިވަން މުވައްޞަސާއެއްގެ ގޮތުގައި އޮތް އެޗްއާރުސީއެމް އަށް ވެސް ކުރެވިދާނެ ކަމެކެވެ.

އަދި ސްކޫލެއްގައި ނުވަތަ މުވައްޞަސާއެއްގައި 27 އަހަރު ހޭދަކުރުމަކީ އިންސާނެއްގެ ޙަޔާތުން ދިގު މުއްދަތެކެވެ. މީހަކު ކުށެއްގެ ތުޙުމަތުގައި ހައްޔަރުކުރުމަކީ އޭނާ ކުއްވެރިއެއްކަމުގައި ދެކި ލޭބަލް ޖަހަން ޖެހޭ ސަބަބެއް ކަމުގައި ވެގެން ނުވާނެއެވެ. ޤާނޫނީ ގޮތުން ކުއްވެރިއަކަށް ނުވާނެއެވެ. އާމިންދައްތަކީ އަޅާލާނެ މީހަކު ނެތް އެކަނިވެރި ފަރާތަކަށް ވެފައި އެނާއަށް އަޅާލައި، ޙާލުބަލައި، އެހީތެރިކަން ފޯރުކޮށް ދިނުމަކީ ކުރެވިދާނެ ކަމެއް ކަމުގައި ދެކެމެވެ. އެއީ ސްކޫލް ކުށްވެރިވާނެ ކަމެއް ކަމަށް ނުދެކެމެވެ.

ކުޑަކުދިންގެ މިފަދަ މައްސަލަތަކުގައި ކުއްޖާގެ ބަހަށް ބުރަވެ މީހަކު ހައްޔަރުކުރުމަކީ މައްސަލައެއްކަމަށް ނުދެކެމެވެ. އެއީ ހައްޔަރުކުރެވޭތާ 24 ގަޑި ނުވަތަ 48 ގަޑި އިރުތެރޭ ނޫނީ ވީހާވެސް އަވަހަކަށް، އެކަމާއި ގުޅޫގޮތުން ޖެންޑާއިން ނުވަތަ ހިއުމަން ރައިޓްސްއިން ފުލުހުންނަށް ގުޅައިގެން ކަންހިނގައި ދިޔަގޮތުގެ ރިޕޯރޓް ހަދާ ޢާއްމުންނާއި އެމަޢުލޫމާތު ޙިއްސާކުރަންޖެހޭކަމަށް ދެކެމެވެ.

ހައްޔަރުކުރާ މިހާ ބަންދުގައި 3 ހަފްތާ ނުވަތަ 4 ހަފްތާއަށް ވާނުވާނޭގި ހުންނަން ޖެހުމަކީ އިންސާފުކަމުގައި ނުދެކެމެވެ. އަދި އެއީ މުވައްސަސާތަކުގެ ޒިންމާއާއި މަސްޢޫލިއްޔަތާއި ދޭތެރޭވެސް ސުވާލު އުފެދޭކަމެއް މެއެވެ.

ކުޑަކުއްޖާގެ ޙައްޤުތައް

އެކުއްޖާ އަކީ ޢުމުރުން އެންމެ 6 އަހަރުގެ ކުއްޖެކެވެ. ތާރީޚަށް ބަލާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ އާއި ގެވެށި އަނިޔާ ލިބުމަކީ ދިވެހިންގެ ތެރޭގައި ހިނގާ ކަމެކެވެ. ސޯޝަލް މީޑިއާގެ ދައުރު ބޮޑު ޒަމާނެއްގައި މިފަދަ ހާދިސާތަކުގެ ވާހަކަ މާބާރަށް ފެތުރެއެވެ.

ކުއްޖާ އާއި ބެހޭގޮތުން މާގިނަ ވާހަކަތަކެއް އެނގިފައި ނެތަސް، ސޯޝަލް މީޑިއާ ޕޯސްޓްތަކުން ފެންނަ ގޮތުގައި ޑޮކްޓަރުންގެ ލިޔުމެއް އޮތްކަމަށް ވެސް ވެއެވެ. އަދި އެލިޔުމުގައި ކުއްޖާއަށް އަނިޔާތަކެއް ލިބިފައިވާކަމަށް ވެސް ވެއެވެ. އަދި އެހެން ބައެއް ޕޯސްޓްތަކުން ފެންނަގޮތުގައި މިކަމާއި ގުޅިގެން ކުއްޖާގެ ބަޔާން އަދި ސްކޫލްގެ ބަޔާން ނަގާފައިވާކަން ވެސް ޔަޤީން ނުވެއެވެ.

އެކުއްޖާ އަކީ ކުޑަކުއްޖެއްކަމުން ކުރެވޭނެ މާބޮޑުކަމެއް ނުހުންނާނެއެވެ. އެހީތެރިވެވޭނީ ދަޢުލަތުގެ މުވައްސަސާތަކަށެވެ.

ދެންވާނީ ކިހިނެތް

މަރިޔަމް ރަޝީދާ އާއި ފައުޒިއްޔާ ނަމަކަށް ކިޔާ ދިވެހި ދެ އަންހެނުން، ޓެރަރިޒަމްގެ ދަޢުވާގައި، ނުވަދިހައިގެ ކުރީކޮޅު އިންޑިއާގެ ޖަލެއްގައި އަނިޔާ ލިބުމުން ދިވެހި ހުރިހާ ރައްޔިތުން ކަންބޮޑުވިއެވެ. ދިވެހިރާއްޖެ ދިވެހި ޖަލެއްގައި، ދިވެހި ރައްޔިތަކަށް އަނިޔާލިބި ބޭއިންސާފުން ކަންކަން ކުރެވޭ މަންޒަރު ބަލަން ދިވެހި ރައްޔިތުންތަކަކަށް ކެތް ކުރެވޭ ހެއްޔެވެ.

ކޮންމެ އިންސާނެއްގެ ވެސް ޙައްޤުތައް ނިމެނީ އަނެކާގެ ޙައްޤު ފެށޭ ހިސާބުންނެވެ. އެއްވެސް މީހެއްގެ ޙައްޤު އެނެކާގެ ޙައްޤުގެ މަތިން އަރައި ނަފީކުރުމުގެ އުސޫލަކީ އިންސާނީ އުސޫލެއް ނޫނެވެ.

ކުޑަކުއްޖަކަށް ވިޔަސް ބޮޑުމީހަކަށް ވިޔަސް، އަދި ދަރަޖަތައް ކިތަންމެ މަތީގައި ހުއްޓަސް ޢަދަލު އިންސާފުގެ ނިޒާމު އޮންނަން ޖެހެނީ އެންމެންނަށް އެއްވަރަކަށް ހިމާޔަށް ލިބޭގޮތަށެވެ.

މިމައްސަލައިގައި އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ މައްސަލަ ނިންމާފައިވަނީ ސީދާ ދައުލަތުންނެވެ. ނަމަވެސް އަންހެންމީހާ އަށް އަނިޔާ ލިބުނީ ނުޙައްޤުން ކަމަށް ދެކޭނަމަ އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތް ކުރެވިދާނެއެވެ. އަދި ފަރުދީގޮތުން ކޮންމެ މީހަކަށް ވެސް އެކަމުގައި އެހީތެރިވެވިދާނެއެވެ.

ޤާނޫނުތައް ހެދިފައި ހުއްޓަސް މިފަދަ މައްސަލަތައް މަދުކުރެވޭނީ ދައުލަތުގެ އިދާރާތަކުގެ ޒިންމާ ފުރިހަމަ އަށް އަދާކުރެވިގެންނެވެ. މުވައްސަތަކުގެ މަސައްކަތް ހަލުވި ވެގެންނެވެ. އަދި ދެފުށް ފެންނަ ސިޔާސަތުތަކަށް ތަރުޙީބު ދީގެންނެވެ.

މިމައްސަލަ އާއި މިފަދަ ކޮންމެ މައްސަލައެއް ނިމިދަނީ ކޮޅެއްގަ ނުޖެހި ކުށްވެރިވާ ފަރާތަކީ ކާކުކަން ބުނެ ނުދެވިއެވެ. އެހެންކަމުން މިފަދަކަންކަން ގިނަފަހަރު ވެގެން ގޮސްފައި އޮންނަނީ ވަރަށް އާދައިގެ ކަންކަމުގެ ގޮތުގައެވެ. ވަންނަނީ އާދަކާދަ އާއި ސަޤާފަތުގެ ތެރެއަށެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.