އައްޑޫސިޓީގައި ހައްދާފައި ހުރީ އަންހެން ރުއްތޯ، ނޫނީ ފިރިހެން ރުއްތޯ؟

ހަބަރު

އައްޑޫސިޓީ: މާލެ މީހުން ލައްވާ ބަނޑިއަކަށް އައްޑޫ މީހުން ބަނޑިއެއް ލެއްވުން

ހުސެން ހަމްދާން - އައްޑޫ އަތޮޅު | 10 ފެބުރުއަރީ 2024 , ހޮނިހިރު 10:24   2059

އަމިއްލަ ބުއްދީގެ ބޭނުން ނުކޮށް، އެހެން ބަޔަކު ކުރާ ކޮންމެ ކަމެއް އެ ބަޔަކު ކުރާ ގޮތަކަށް ކުރާ ބަޔަކު އުޅެއެވެ. މިކަން އަތޮޅުތެރޭގެ ބައެއް ރަށްތަކުން ފާހަގަކުރެއްވޭނެއެވެ. ބަޔަކު ވަކި ގޮތަކަށް ކަމެއް ކޮށްފިނަމަ، ހަމަ އެގޮތަށް، އެހެން ބަޔަކު އެކަމެއް ކުރެއެވެ. އެއީ ނުރަނގަޅު ކަމެއް ކަމުގައި ވިއަސް އެވެ. މިގޮތަށް މީހުންގެ އުޅުން ނަކަލުކުރުމަށް ކިޔަނީ ލަޤްލީދު ކުރުމެވެ. އިމިޓޭޓް ކުރުމެވެ. އިނގިރޭސި ބަހުން "އޭޕް - ރާމާމަކުނުހެދުމޭ" ވެސް ކިޔައެވެ.

މިފަދަ ކަންކަމުގެ ތެރެއިން އެއް ކަމަކީ، މާލޭގެ ދެކުނު ފަޅުގައި އޮތް ތޮށިގަނޑުގެ ދުވާރުގައި ކައުންސިލުން ކަދުރު ރުއް ޖެހުމުން، ހަމަ އެގޮތަށް އެ ފަދަ ރުއްތަކެއް އައްޑުގެ ގުޅިފައިވާ ރަށްރަށުގެ ފަޅާޖެހިގެން އޮތް ދުވާރުގައި ޖެހުމެވެ. މާލޭގައި އެ ރުއްތައް ޖެހުމުން ވެސް މީހުން ހަޖޫޖަހައި،. އެކަމާ ވަރަށް ނުރުހި ވާހަކަ ދެއްކިއެވެ. އެކަމުގައި ސަބަބުތަކެއް ވެސް ވެއެވެ.

ޚުދު ސައުދިއަރަބިއާގައި ވެސް ކަދުރު ރުއް ޢާއްމުތަންތާ އަލަށް އިންދުން ވަނީ މަނާކޮށްފައެވެ. ސައުދީ ސަރުކާރުން ނެރެފައިވާ ބަޔާނުގައި ވާގޮތުން، ކަދުރު ރުކުގައި ނުރައްކާތެރި މާއްދާއެއް އެކުލެވިގެންވާތީ، ޢާއްމުން އެއްވެ އުޅޭ ތަންތާ އިންދަން ނުފެންނަ އެއްޗެއްގޮތުގައި ވަނީ ކަނޑައަޅާފައެވެ. ނަަމަވެސް ކުރިން އިންދާފައި ހުރި ރުއްތައް ނުނެގުމަށް ވަނި ނިންމާފައެވެ. އަދި ކަދުރު ރުއް ހެއްދުމަށް ހެއްދުމަށް އެޤައުމުގެ ސަރުކާރުން ކަނޑައަޅާފައިވަނީ ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއްގައެވެ.

މާލޭ ބޮޑުތަކުރުފާނު މަގު

ފުރަތަމަ ކަމަކީ، މި ރުއްތައް މޫދާ ޖެހިގެން ގަދައަށް ނުހެދޭތީއެވެ. މާލޭގައި ވެސް ރުއްތަކުގެ ކުރިތައް އަދި ތިރީ ފަންތައް ރަނގަޅަކަށް ނެހެދެއެވެ. އެ ރުއްތަކުގައި އާރޯކަމެއް ނެތެރެވެ.

ކަދުރު ރުކަކީ މާލެއަށް ވުރެ ހޫނު ގަދަ ޤައުމުތަކުގައި މޫދާއި ދުރުގައި ހެދޭ ވައިގެ ތެތްކަން ދަށް މާޙައުލުތަކުގައި ހެދޭ އެއްޗެއްކަން އަޅުގަނޑުމެން އެންމެންނަށް އެނގެއެވެ. ރާއްޖޭގައި މި ހުންނަ ކަދުރު ރުއްތަކުގައި އިހާ އިހަލަށް ކަދުރު އަޅާނެކަމަށް ހީކުރާނަމަ، އެވާނީ ހުވަފެނަކަށެވެ.

ކަދުރު ރުކަކީ، ކުކުޅުހާ ހެން ފިރިހެން ރުކާއި އަންހެން ރުއް ވަކީން ހުންނަ އެއްޗެކެވެ. ބޭރު ޤައުމުތަކުގައި، ކަދުރު ހައްދަނީ ފިރިހެން ރުކުމަލުގެ ކަރުދާ ނުވަތަ ފިރިހެން ޕޮލަން، އަންހެން މަލަށް ބުރުއްސައިގެންނެވެ. މިކަން ކޮންމެ އިހަލަކަށް ކުރަން ޖެހެއެވެ. ނޫންނަމަ، ރުކަކު އެއްވެސް އިހަލެއް ނުޖަހާނެއެވެ. ޖެހިއަސް އޮށް ހުންނަ ފޮނި ކަދުރެއް ނާޅާނެއެވެ. އެއް ސުވާލަކީ، މިތާނގައި ޖަހާފައިވަނީ ފިރިހެން ރުއް ހެއްޔެވެ؟ ނުވަތަ އަންހެން ރުއް ހެއްޔެވެ؟

މިފަދަ ރުކެއް އައްޑޫ އާއި ހަމައަށް ގެނެސް އިންދޭނީ ބޮޑު ހޭދައެއް ކޮށްގެންކަން އެއީ މުޖައްރިބު ކަމެކެވެ.

ރުއްޖަހަން ބޭނުންވާނަމަ، ރަނގަޅުވީހީ، ގިނަ މީހުން އެންމެ ރީތިކަމަށް ބުނާ ރޯޔަލް ޕާމްކަމަށް ފެނެއެވެ. މިއީ ފެންފޯއް ފަދަ ރުކެކެވެ. ގިނަ މީހުން މިފަދަ މަގުތަކުގެ ދެފަރާތުގައި ޖަހަނީ ރޯޔަލް ޕާމް އެވެ. މިއަށް ވުރެ ނާދިރު ނުވަތަ ރީތި އެހެން ރުއްރުއް ވެސް ހުރެއެވެ. މިސާލެއްގެ ގޮތުން ޓްރިއެންގްލް ޕާމް އަކީ، ފަންތައް ހަމައެކަނި ތިން ފަރާތަށް ހެދޭ ރުކެކެވެ.

ރޯޔަލް ޕާމް ރުއް

މީހުން ފާހަގަ ކުރާ އެހެން ދެކަމެއް ވެއެވެ. އެއްކަމަކީ ޤައުމީ ގަހަކީ ދިވެހި ރުކަށްވާ އިރު، ދިވެހި ރުކަކީ ނުހަނު ފައިދާ ބޮޑު، ފަސޭހައިން ހެދޭ ރުކަކަށް ވީއިރު ދިވެހި ރުއް ނުޖެހިކަމެވެ. މި ވާހަކަ ގިނަ ބަޔަކަށް ފެންނަ ގޮތަށް ރާއްޖޭގެ ކުރީގެ ވަޒީރެއް ސޯޝަލް މީޑިއާގައި ލިޔުއްވާފައި ވެއެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއް

އަނެއް ކަމަކީ، ރުއްތައް ޖަހާފައިވަނީ މީހުން ހިނގަން އޮތް ދުވާރުގެ ސީދާ މެދުގައި ކަމަށް ވާކަމެވެ. ދުވާރަކީ ހިނގާ މަގެކެވެ. އެއީ ގަސް ހައްދަން އޮންނަ ތަނެއް ނޫނެވެ. އެތަނުގެ އެއް ފަރާތުގައި ގަސް އިންދައި ހަދައެވެ. ދުވާރަށް ހިޔާވާ ގޮތަށެވެ. މިހާރު ގަސް ޖަހާފައިވާ ގޮތުން ދެމީހަކު ވާހަކަ ދައްކަމުން ދުވާރުގައި ހިނގަން އުނދަގޫ ވާނެއެވެ. މިފަދަ ކަންކަމުން ލިބޭ ގެއްލުމަށް ބަދަލުހޯދުމަށް، ބޭރު ޤައުމުތަކުގައި، ކައުންސިލްގެ މައްޗަށް ދައުވާކޮށްފައި ވެސް ވެއެވެ.

ގަމުގައި އިންދާފައިހުރި ގަހެއް

ފަޅާއި ކައިރި ދުވާރުގެ އަރިމަތީގައި ގަސް ހައްދަން ބޭނުން ނަމަ، ކަދުރު ރުކުގެ ބަދަލުގައި ގަހެއް ވެސް އިންދިދާނެއެވެ. މިގޮތުން ރީތި ގަހަކީ މިހާރުވެސް ފޭދޫގެ އެއްފަރާތުގައި ހެދިފައިވާ ގަހެކެވެ. މިފަދަ ގަސް ބަރިއެއް ޖަހާނަމަ، ދިވެހި ވެއްޓާ ގުޅޭ، ވަރަށް ބަލައިލާން ރީތި މަންޒަރެއް އުފެއްދުނީ ހެއްޔެވެ. ބޭރުން ގަސް ގެންނަ ނަމަ، ރާއްޖޭގެ މޫސުމާ ގުޅޭ އެހެން ގަސްގަސް ޖެހުނީ ހެއްޔެވެ. މިސާލެއްގެ ގޮތުން ޖަކަރަންޑާ ގަސް ނުވަތަ އޮސްޓްރޭލިއާގެ ފްލޭމް ޓްރީ ވެސް މާ ރީތިވާނެއެވެ.

ޖަކަރަންޑާ ގަސް އަދި އޮސްޓްރޭލިއާގެ ފްލޭމް ޓްރީ

ނަމަވެސް، "ބަނޑިއަކަށް ބަނޑިއެއް ލެއްވުމުން" ރައްޔިތުންނަށް ތަރުހީބުދެވެނީ ބުއްދީގެ ބޭނުން ނުކޮށް ބަޔަކު ކަމެއްކުރާނަމަ، އެކަމެއް ފަހަތުން ކުރުމަށެވެ.

ޓެގްސް: އައްޑޫ އައްޑޫ ސިޓީ ކައުންސިލް ދަނޑުވެރިކަން އައްޑޫ ސިޓީ ކައުންސިލް އައްޑޫ ޚިޔާލު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.