މިނިސްޓްރީ އޮފް ފިނޭންސް، ސަރުކާރުގެ ޚަރަދުތަކުގެ 86 އިންސައްތަ ޚަރަދުކޮށްފައިވަނީ މުސާރަދިނުންފަދަ ކަންކަމަށް. ކެޕިޓަލް ޚަރަދުތައް...

ހަބަރު

ދައުލަތުގެ ޢާމްދަނީ 14 އިންސައްތަ ދަށަށް، މަޖުބޫރުކަމާއިއެކު ސަރުކާރުގެ ޚަރަދުތައް ވެސް 40 އިންސައްތަ ތިރިކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 10 ފެބުރުއަރީ 2024 , ހޮނިހިރު 09:50   568

މިސަރުކާރު ވެރިކަމާއި ޙަވާލުވިފަހުން ދައުލަތުގެ ޢާމްދަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފިއެވެ. ހަމަމިއާއިއެކު ދައުލަތުގެ ޚަރަދުތައް ވެސް ވަނީ ދަށްވެފައެވެ.

ސަރުކާރުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ ޖެނުއަރީމަހު ދައުލަތުގެ ޢާމްދަނީ ވަނީ އޭގެ ކުރިން އަހަރާއި އަޅާބަލާއިރު 14 އިންސައްތަ ދަށަށް ގޮސްފައެވެ.

ޖެނުއަރީ މަހު ޢާމްދަނީގެ ގޮތުގައި ސަރުކާރަށް ލިބިފައިވަނީ 3.5 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ޓެކްސް ޢާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ހިމެނޭއިރު ޓެކްސް ނޫން ޢާމްދަނީގެ ގޮތުގައި 328 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހީގެ ގޮތުގައި ލިބިފައިވަނީ އެންމެ 2.3 މިލިއަން ރުފިޔާއެވެ.

2023 ވަނަ އަހަރު މި މުއްދަތުގައި ދައުލަތުގެ ޢާމްދަނީ ހުރީ 4.1 ބިލިއަން ރުފިޔާގައެވެ.

ސަރުކާރުން ޖެނުއަރީ މަހު ޚަރަދުކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މިއީ އޭގެ ކުރީ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 2 ބިލިއަން ރުފިޔާ މަދު ޢަދަދެކެވެ.

ސަރުކާރުން ކޮށްފައިވާ ޚަރަދުގެ 86 އިންސައްތަ ޚަރަދުކޮށްފައިވަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ދިނުން ފަދަ ކަންކަމަށެވެ. ޢުމްރާނީ ތަރައްޤީގެ މާ ބޮޑު ޚަރަދުތަކެއް ކޮށްފައި ނުވެއެވެ.

ރާއްޖޭގެ މާލީ ޙާލަތު ގޯސްކަމަށް ފިނޭސް މިނިސްޓަރު ވެސް އެއްބަސް ވެވަޑައިގެން ކެބިނެޓުގައި ވެސް ގިނަ މަޝްވަރާތަކެއް ކުރައްވާފައިވެއެވެ. ނަމަވެސް އެއްވެސް މުހިއްމު ފާހަގަކުރެވޭ ވަރުގެ ނިންމުމެއް ނިންމިފައިނުވެއެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފް އިން ރާއްޖެއަށް އެލާމްގެ އިންޒާރު ދެމުން އަންނަތާ ކިތަންމެ ދުވަހެއް ވެފައިވެއެވެ. ނިމިދިޔަ ހަފްތާގައި ވެސް ވަނީ އެފަދަ ބަޔާނެއް ނެރެފައެވެ.

އިންޑިއާ އާޢިއެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރު ވެފައިވާއިރު، ބޭރުގެ މާލީ އިދާރާތުން ފައިސާ ހޯދުން ސަރުކާރަށް ވަނީ ދަތިަކަމަކަށް ވެފައެވެ.

ދާދި ފަހުން ރައީސް މުޢިއްޒު ވަނީ ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅަށްފަހު ގިނަ އެހީތަކެއް ޗައިނާއިން ލިބޭނެކަމަށް ރައީސް ވިދާޅު ވިނަމަވެސް މިހާތަނަށް އެއްވެސް އެފަދަ އެހީތެރިކަމެއް ލިބިފައިވާކަމަށް ހިސާބުކިތާބުން ނުދައްކައެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި އޮތުމަކީ ވެސް މި ސަރުކާރަށް އޮތް ބޮޑު ބޮލު ރިހުމެކެވެ. ސަރުކާރުން ފައިސާތަކެއް މަސްވެރިންނަށް ދޫކޮށްފައިވާކަމަށް ބުނެފައިވީ ނަމަވެސް، ނުދެއްކި ހުރި ޖުމްލަ ޢަދަދު ސަރުކާރ ޙަވާލުވި އިރާއި އަޅާ ބަލާއިރު ދެގުނައަށްވުރެ ބޮޑެވެ. އަދި ފައިސާ ދޫކުރުމުގައި ޕާޓީ މީހުންނާއި އެކްޓިވިސްޓް ދޯނި ފަހަރަށް އިސްކަންދޭކަމުގެ ޝަކުވާވެސް އުފުލިފައިވެއެވެ.

ޓެގްސް: ދައުލަތުގެ ދަރަނި ސަރުކާރުގެ ޚަރަދުތައް ދައުލަތުގެ ބަޖެޓް އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.