މަޖިލީހުގެ ރައީސްކަމުގައި ހުންނެވި އެދާއިރާގެ މެމްބަރު އަސްލަމަށް 2019ގެ އިންތިޚާބުގައި ލިބިވަޑައިގެންނެވީ އެންމެ 40 އިންސައްތަ ވޯޓު

ހަބަރު

އައްޑޫސިޓީ: ހިތަދޫ އުތުރަށް 7 ކެންޑިޑޭޓަކު ނިކުންނަނީ، ވާދަވެރިވާނެބާ؟

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 17 ފެބުރުއަރީ 2024 , ހޮނިހިރު 10:16   2970

ޢާއްމުގޮތެއްގައި އިންތިޚާބުތަކުގައި ފެނިފައިހުރި މަންޒަރަކީ، އެއިންތިޚާބެއްގައި ގިނަ ކެންޑިޑޭޓުން ވާދަކުރާނަމަ އެ އިންތިޚާބެއް ފޯރިގަދަވެ ވާދަވެރިކަން އިތުރުވާތަނެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކަން ވެގެން ގޮސްފައިހުރީ އެގޮތަކަށް ނޫނެވެ.

ގިނަ ކެންޑިޑޭޓުން ނިކުންނަ ވަރަކަށް، އެވަޤުތެއްގައި ގޮނޑީގައި އިންނަވާ މެމްބަރަކަށް، ތާޢީދު ކުޑަ ނަމަވެސް، ހޮވުމުގެ ފުރުޞަތު ބޮޑުވާކަން އެއީ ފެންނާން އޮތް ޙަޤީގަތެކެވެ.

ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕުން ވެސް މިހާތަނަށް އައީ މިކަން އޮތީ މިގޮތަށްކަން އެނގި، އެ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް އެރޫހުގައި މަސައްކަތްކުރުމަށް ހިތްވަރު ދެމުންނެވެ. ޚުދު އެންމެ ފަހުން ބޭއްވުނު މަޖްލިސް އިންތިޚާބުގައި އެމްޑީޕީ އިން މަޖިލީހުގެ މެޖޯރިޓީ ހޯދީ ވެސް އެ ފޯމިއުލާ ބޭނުންކޮށްގެންނެވެ. އެކަމަކު ރައްޔިތުން އެދޭ ކަހަލަ ނަތީޖާއެއް ދެއްކުނު ހެއްޔެވެ؟ މަޖިލީހުގައި އެ މެމްބަރުންނަށް އެއްވެސް އެދެވޭ ރަނގަޅު މަސައްކަތްތަކެއް ނުރެވުނު ހެއްޔެވެ؟ ކަންނިމުނު އިރު ތާކުންތާކު ނުޖެހޭ މެމްބަރުންގެ ބައިގަނޑަކާއިއެކު ހުރިހާކަމެއް އަތަށް ގޮވީއެވެ.

ކޮންމެއަކަސް އައްޑޫސިޓީއަށް ބަލާއިރު، ހިތަދޫ އުތުރު ދާއިރާ އަކީ މުޅި އައްޑޫއަށް ބަލާއިރު ވެސް މުޙިއްމު ދާއިރާއެކެވެ. ނުވަދިހައިގެ ފަހުކޮޅު އެދާއިރާއަށް މެމްބަރު އަސްލަމް ކުރިމަތި ލެއްވުމުން މުޅިރާއްޖެއިން އެންމެ ގިނަ ޢަދަދަކަށް ވޯޓު ލިބުނު މެމްބަރުގެ ގޮތުގައި މަޖިލީހަށް ހޮވިވަޑައިގަތެވެ. އޭގެ ކުރީގައި އަސްލަމްގެ ބައްޕަ އަކީ ވެސް މަޖިލީހުގައި މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

މަޖިލީހުގެ އެންމެ ފުރަތަމަ ދައުރުގައި ވެސް އަސްލަމް ފާހަގަކުރެވުނީ "ކަންޖޫސް" މީހެއްގެ ގޮތުގައެވެ. ޙާޒިރީ އަށް ފަރުވާކުޑަ، ފާޚާނާއަށް ދިއުމަށް ނޫނީ އަތް ނުއުފުލާ މެމްބަރެއްގެ ގޮތުގައެވެ. ދެވަނަ ދައުރުގައި ވެސް ކަން ހުރީ އެފަދަ ގޮތަކަށެވެ.

މުޅި އައްޑޫގެ ހުރިހާ ރަށެއްގެ ޕްރޮޖެކްޓަކާއި ހުރިހާކަމެއް ކޮންޓްރޯލްކުރައްވާ، ބައްޓަންކުރުމުގައި ބަސްބުނާ އިސް މީހެއްގެ ގޮތުގައި ހުންނަވައި، އައްޑޫއަށް އެކަށީގެންވާ ތަރައްޤީއެއް ނުގެނެވުނުކަމީ އައްޑޫގެ ގިނަ ރައްޔިތުން ޤަބޫލުކުރާގޮތެވެ. ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދޭނެކަމުގެ ވަޢުދު ފުއްދިފައި ނުވެއެވެ. ފޭދޫގެ ކަންކަމަށް ވިޔަސް، މީދޫގެ ކަންކަމަށް ވިޔަސް ފާއިތުވެދިޔަ 40 އަހަރު ބަސްކިޔާފައިވަނީ ހިތަދޫ އަށް ނިސްބަތްވާ ދާއިރާއަކުންނެވެ. މި ސަބަބުތަކާއި ހުރެ ގިނަ ބަޔަކު ދެކެނީ، އައްޑޫ އަށް ދިމާވެފައިވާ މައްސަލަތަކާއި، އައްޑޫ ފަހަތަށް ސޮއްސާލުމުގެ ޒިންމާ ސީދާ މެމްބަރު އަސްލަމް ނަންގަވަން ޖެހޭނެކަމަށެވެ.

އައްޑޫގެ ގިނަ ރައްޔިތުން މިގޮތަށް އެދުނު ނަމަވެސް، މިކަން ބަދަލުވާކަށް ނެތެވެ. ހަމަ ދެން އަންނަ ދައުރެއްގައި ވެސް މަޖިލީހުގައި އިންނަވާނީ އަސްލަމެވެ. އައްޑޫގެ ކަންކަން ދާނީ އެއް މިސްރާބަކަށް އެއް ބައްޓަމަކަށެވެ.

ޖުމްލަ 5 ކެންޑިޑޭތުން ވާދަކުރި، 2019 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބުގައި އަސްލަމް މަލީހަށް ހޮވިވަޑައިގެންވީ އެންމެ 1،085 ވޯޓުންނެވެ. އެއީ 40 އިންސައްތަ ވޯޓެވެ. އަދި ދެވަނަ އަށް ދިޔަ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 722 ވޯޓެވެ. އަސްލަމް އާއި ދެން އެންމެ ގާތުން ވާދަކުރި ދެ ކެންޑިޑޭޓުންގެ ވޯޓުތައް އެއްކޮށްލުމުން ވޯޓުގެ ޢަދަދު 1،343 އަށް އަރައެވެ. އެއީ 50 އިންސައްތައެވެ.

ހިތަދޫ އުތުރު ދާއިރާ 2019ގެ އިންތިޚާބު

ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އަސްލަމް މިފަހަރު ވެސް ބޭނުން ކުރައްވާނީ ވޯޓު ބައިކުރުމުގެ ފޯމިއުލާއެވެ. މި ފަހަރުގެ އިންތިޚާބުގައި ވެސް އަސްލަމް އާއި ވާދަކުރައްވަން 6 ކެންޑިޑޭޓަކު އެބަތިއްބެވެ. ކޮންމެ ކެންޑިޑޭޓަކު ވެސް ނިކުންނަ މައިގަނޑު ސަބެބެއްކަމަށް ބުނެފައިވަނީ އަސްލަމް ބަދަލުކުރުންކަމަށެވެ. ބަލާބެލުމަށް ނިކަން ފޯރިގަދަ ވާދަވެރި އިންތިޚާބެކެވެ. އެކަމަކު މި އިންތީޚާބު ވެސް އަސްލަމް ގެންދިއުން ވަރަށް ގާތެވެ.

އިންތިޚާބުތަކަށް ފައިސާ އާއި ނުފޫޒުފޯރުވުން ކުޑަކުރަން ބޭނުންނަމަ ބަދަލުތަކެއް ގެންނަން ޖެހެއެވެ. ކުރިން ކަންކުރަމުން އައި ގޮތް ނޫން ގޮތަކަށް ހުރިހާކަމެއް ބަދަލުކޮށްލަން ޖެހެއެވެ. ބިރު ފަހަނަޅައި ދާންޖެހެއެވެ.

ޤާނޫނުތަކަށް ބަދަލުވެސް ގެނެވެން ޖެހެއެވެ. އާބާދީގެ ކޮންމެ 5،000 މީހަކަށް ދާއިރާއެއް އޮތުމުން، ބައިބައިވުން ބޮޑުވުމުގެ އިތުރުން އެއީ ވޯޓު ގަނެގެން މަޖިލީހަށް ދިއުމަށް ވެސް ހުޅުވޭ ދޮރެކެވެ. ދާއިރާއަކަށް ވޯޓުލާން މި ނިކުންނަނީ އެންމެ 2،500 މީހެކެވެ. 300-400 ވޯޓު ގަންނަ މީހާއަށް މިރާއްޖޭގައި ގޮނޑިކަށަވަރުވާކަން ކުދި ބޮޑު އެންމެނަށް އެނގެއެވެ.

އައްޑޫ ވެސް، ރާއްޖެ ވެސް ބަދަލުކުރަން ބޭނުންނަމަ، ބޮޑު މުސާރަ ކައިގެން، ކަމެއް ނުކޮށް ކުޑަދަށުގައި އޮލަވާހަކައި ތިބޭތިބުން ހުއްޓުމަކަށް ގެންނަންޖެހެއެވެ!

ޓެގްސް: އައްޑޫ އިލެކްޝަންސް ކަމިޝަން ރައްޔިތުންގެ މަޖިލިސް މަޖިލީސް އިންތިޚާބު ޚިޔާލު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.