ކައުންސިލްގެ އެސްޖީ މުޙައްމަދު ޝުޖާއު، މި މުބާރާތް ކާމިޔާބު މުބާރާތަކަށް ހެއްދެވުމަށް މޭސްތިރިއެއްގެ ރޯލު އަދާކުރައްވާފައިވޭ

ހަބަރު

އެތްލެޓިކްސް މުބާރާތް 2024: މާލެއިން ބޭރުގައި މިހާތަނަށް ބޭއްވުނު އެންމެ ކުލަގަދަ އަދި ފުރިހަމަ މުބާރާތް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 18 ފެބުރުއަރީ 2024 , އާދީއްތަ 11:02   1877

މާލެއިން ބޭރުގައި އެތްލެޓިކްސް މުބާރާތެއް ފުރަތަމަ ފަހަރަށް ބޭއްވުނީ ވެސް އައްޑޫސިޓީގައެވެ. އެއީ 1990ގެ ކުރީކޮޅެވެ. އައްޑޫގައި އެންމެ ފަހުން މިމުބާރާތް ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ.

އައްޑޫ އަކީ ނިސްބަތުން އެތްލީޓުން ގިނަ ތަނެކެވެ. މިފަހަރުގެ މުބާރާތުގައި ވެސް އެއް އަތޮޅަކުން އެންމެ ގިނަ އެތްލީޓުން މީޓް ރެކޯޑް ހަދާފައިވަނީ އައްޑޫ އިންނެވެ.

އައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރުގެ ވިސްނުންފުޅާއި އެއްގޮތަށް އައްޑޫސިޓީ ކައުންސިލުން މި މުބާރާތް ބޭއްވުމަށް މި ކައުންސިލް ހޮވުނީއްސުރެ އައީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފާއިތުވެދިޔަ 3 އަހަރުވެސް މުބާރާތް ބޭއްވުމަށް އެތްލެޓިކްސް އެސޯސިއޭޝަނުގައި އެދުނެވެ. މި ފަހަރު ކައުންސިލުން ޕްރޮޕޯޒަލް ހުށަހަޅުއްވާފައިވަނީ އެސޯސިއޭޝަނުން އެދުނު ހުރިހާކަމެއް ވެސް ފުރިހަމަކޮށްދޭނެކަމަށް އިޤުރާރުވެގެންނެވެ.

ކަން ވެގެން ދިޔައީ ވެސް އެގޮތަށެވެ. އެހާމެ ފުރިހަމައެވެ.

އެތްލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ވާހަކަދައްކަވަމުން، ޓްރެޝަރަރ މުޙައްމަދު މުޝްތާޤް ވިދާޅުވީ އައްޑޫސިޓީ މުބާރާތުގެ އިންތިޒާމްތަކާއި ދޭތެރޭ ވަރަށް ވެސް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

އެކްސްޕްރެސް ނިއުސް އިން ވަނީ ގިނަ ސްކޫލްތަކުގެ އެތްލީޓުން، ބެލެނިވެރިން އަދި ސްކޫލްތަކުގެ ވެރިންގެ އިންޓަވިއުތައް ފާއިތުވެދިޔަ ދުވަސްތަކުގައި ގެނެސްދީފައެވެ. ހުރިހާ ފަރާތްތަކުން ވެސް ވަނީ އައްޑޫއިން އެރުވި ހޫނު މެހްމާންދާރީއާއި ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ. ގިނަ ބައިވެރިން ބުނެފައިވަނީ އުއްމީދު ނުކުރާވަރުގެ މަރްހަބާކިޔުމެއް ކަމަށް ޤަބޫލުކުރާކަމަށެވެ. ޚުދު އައްޑޫގެ ސްކޫލްތަކުން ވެސް ވަނީ މަރްޙަބާގެ ޙަރަކާތް ވަރަށް ބޮޑަށް ބަލައިގެންފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ ކުޅިވަރާއިބެހޭ ވުޒާރާ އާއި ގުޅިގެން އައްޑޫ ސްޓޭޑިއަމް ވަރަށް ބޮޑަށް މަރާމާތުކޮށްފައެވެ. މުޅި ސްޓޭޑިއަމް ގައި އަލުން ކުލަލައި އާބާތުރަ ފިލުވާފައެވެ. އަދި ވިނަތައް ރީތިކޮށް، ދުވާޓްރެކް އޮމާންކޮށްފައެވެ.

އައްޑޫގެ ހުރިހާ މަގެއް އެއްފަހަރާ ހެދެމުންދާއިރު، ސްޓޭޑިއަމް ސަރަޙައްދުގައި ހުރި މަގުތައް ނުނިމި ހުރުމުން ސީދާ މޭޔަރ އެ ސަރަޙައްދަށް ވަޑައިގެން އެ މަސައްކަތްކުރައްވާ ކުންފުނީގައި އެދި ސްޓޭޑިއަމް ވަށައިގެންވާ މަގުތަކުގެ މަސައްކަތްތައް އަވަސްކުރުވާފައިވެއެވެ.

މުބާރާތް ފެށިގެން ދިޔައީ ވެސް ކުލަގަދަކޮށެވެ. ނިންމާލާއިފައި ވަނީ ހަވާއެރުމާއިއެކު ގިނަ ސްޓޭޖް ހަރަކާތްތަކެއް ހިމަނައިގެން، މާލޭގައި ވެސް ކުޅިވަރު ޙަރަކާތެއް ބޭއްވޭނެހައި ފުރިހަމައަށެވެ. ޝަރަފްވެރި މެހްމާނުގެ ގޮތުގައި ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ. ޝަކުވާއެއް ކުރާނެ ހަމަ އެންމެ ތަންކޮޅެއް ވެސް ނެތެވެ. އެހާ ވަރަށް މަސައްކަތް ފުރިހަމައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޙިއްޞާކުރައްވާފައިވާ މެސެޖެއްގައި ބުނެފައިވަނީ، "އަޅުގަނޑުމެން ހައިރާންވާ ވަރަށް އިންތިޒާމުތައް ހުރީޙ ފުރިހަމައަށް. ވަރަށް އިމްޕްރެސްވި. ބޭއްވިގެން މިދިޔަ އިވެންޓަކީ އައްޑޫގައި ވެސް އަދި މާލޭގައި މިހާތަނަށް ބޭއްވުނު އިވެންޓްތަކަށް ވުރެވެސް ފުރިހަމަ އިވެންޓެއް" ކަމަށެވެ.

އައްޑޫގެ ސްކޫލެއް ކަމަށްވާ ކެންގަރޫ ކިޑްސް އައްޑޫސިޓީ އިން ބުނެފައިވަނީ، "މިއީ އައްޑޫގައި ބޭއްވުނު އެންމެ ރަނގަޅު އިވެންޓްތަކުގެ ތެރޭގައި ހިމެނޭ އިވެންޓެއް. ތިޔަ ކުރެއްވީ ވަރަށް ރަނގަޅު މަސައްކަތެއް، މި މުބާރާތް މިހާ ފުރިހަމަކޮށް އިންތިޒާމްކުރުމުގައި"

މޭސްތިރިއަކީ އެސްޖީ ޝުޖާޢު

މި ހުރިހާ އިންތިޒާމުތަކެއް އެހާ ފުރިހަމަ ރޭއްވެވުގެ ޒިންމާ ބޮލުގައި އަޅުވައިގެން ހުންނެވީ އައްޑޫސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ޝުޖާޢު އެވެ. ބަލާލި ކޮންމެ ދިމާލަކުން ޝުޖާޢު އާއި ޝުޖާޢުގެ ޓީމުން ކޮށްފައިހުރި މިންނެތް މަސައްކަތް ފެންނަން ހުއްޓެވެ. މި ފަދަކަމެއް ސިޓީކައުންސިލަކުން މިހާ ފުރިހަމައަށް ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ.

މުބާރާތުގެ ލޯގޯ އިން ފެށިގެން، ތީމް ސެޓް ހަދައި، މުބާރާތަށް ޚާއްޞަ ލަވައެއް ތައްޔާރުކޮށް، މަރުޙަބާ ދެންނެވުން ރާވައި، ޓްރެކް އޮތީ ރަނގަޅަށްތޯ ބަލައި ޗެކްކުރަން ތިބީ ހަމަ މިޓީމުގެ މެމްބަރުންނެވެ.

ވަރަށް ހިތްހަމަޖެހޭ އަޅުގަނޑުމެން ޓީމަށް ރަނގަޅު މަސައްކަތްތަކެއްކުރެވި މެޙްމާނުން އެކަމާއި އުފާވެފައި ތިބީމަ. ޓީމުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު. މިއީ ހަމަ މިކަހަލަކަމެއް ލީޑުކުރަން ނެގޭނެ އެންމެ ޤާބިލް އެންމެ ރަނގަޅު ޓީމު. ގޮންޖެހުންތައް ހުރި. އެންމެ ބޮޑުކަމަށް ދިމާވީ ފެއްޓުމުގެ ރަސްމިއްޔާތާއި އެކު ވިއްސާރަވުން. އެކަމަކު ޓީމުން ވަރަށް ބޮޑަށް މަސައްކަތްކުރި، އެސޯސިއޭޝަނާއި ގުޅިގެން އެ ފަރާތްތުން ހިތް ހަމަ ޖެހޭ ފެންވަރަށް ޓްރެކްގެ ކަންކަން ވެސް ބޭއްވުމަށް.

~ މުޙައްމަދު ޝުޖާޢު

"އަޅުގަނޑުމެންނަށް ލިބުނީ ދެ މަހާއި ދުވަސްކޮޅެއް. ދެން މޭޔަރގެ އެދި ލެއްވުމަށް މަސައްކަތްތަކާއި އަޅުގަނޑު ޙަވާލުވެ ޓީމު އެކުލަވާލީ. އަލްމާ އާއި އަމީޒާ އުޅުއްވީ މަރްޙަބާ ދެންނެވުމުގެ ކަންތަކުގައި، އިބްރާހިމް މުސާ އުޅުއްވީ ދަނޑުގެ ކަންކަން ފުރިހަމަކުރެއްވުމުގައި... ހުރިހާ ސަރަޙައްދެއްގައި ބޯފެނާއި ރިފްރެޝްމެންޓް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވީ ޙަބީބާ... ޒިޔާނާ އާއި ރަހުމަތު ދައުވަތު ދިނުމާއި އަޝަރިންގ ގައި ޙަރަކާތްތެރިވީ... ނޫރުއްﷲ އާއި އަހުމަދު ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި ލައިޓް އެޅުމާއި ކަރަންޓް ފޯރުކޮށްދިނުމުގައި، އަދި ގިނަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިން... ލައިވްކުރުމާއި ފޮޓޯ ނެގުމުގައި އިރުޝާދުދިނީ އަސީލާ. ވަރަށް ކްރިއޭޓިވް އަދި ޤާބިލު މުވައްޒަފުންތަކެއް. ޝިޒްލީނާ، އަޒްލީނާ، އަދި ނޫރާ، ޙަބީބް ގެ ސަޕޯޓް އިންތިޒާމުތަކުގައި ލިބިގެން ދިޔަކަން ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." ޝުޖާއު އިތުރަށް ވިދާޅުވިއެވެ.

މި މުބާރާތުގެ ތީމް ލަވަ ހަދާފައިވަނީ ކުޑައިއްބެއެވެ. އަދި ލަވަ ކިޔާފައިވަނީ ސައިނާ މުޙައްމަދު ރަޝީދެވެ. މުބާރާތުގައި ބޭނުންކުރި ޓޯޗު، އަމިއްލަ ޚަރަދުގައި ހިލޭ ސާބަހަށް ހައްދަވައިދެއްވީ އައްޑޫގެ މަޝްހޫރު ވެލްޑަރ ޒަފަރުއެވެ. ނިންމުމުގެ ރަސްމިއްޔާތުގައި ބޭނުންކުރި އަލިފާން ސްޕާކްލް ހިދޔާކޮށްދެއްވީ މަރަދޫގެ ރައްޔިތެއް ކަމުގައިވާ ޢަލީ އާދިލް މުޙައްމަދު އެވެ. ނިންމުމުގެ ރަސްމިއްޔާތުގައި ކޮންފެޓީ އެރުވީ ޔުނިޓީ ފައުންޑޭޝަންގެ އަދި އަހުމަދު އަޒުމީގެ ހެޔޮ އެދުންތަކާއި އެކުއެވެ.

މި ހުރިހާ ފަރާތްތަކަށް ވެސް އެސްޖީ ޝުޖާޢު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިލިޔުމާއިގުޅޭ:

ފޮޓޯ: އިންޓަރސްކޫލް އެތްލެޓިކްސް 2024: ވަނަދިނުމުގެ ރަސްމިއްޔާތު

ފޮޓޯ: އިންޓަރސްކޫލް އެތްލެޓިކްސް މުބާރާތް ފެށުން

ވީޑިއޯ: ބްރައިޓްވޭއި ފުވައްމުލައްސިޓީ ސްކޫލްގެ ޕްރިންސިޕަލް

ޓެގްސް: އައްޑޫގައި ބޭއްވޭ އިވެންޓްތައް އައްޑޫ އައްޑޫ ސިޓީ ކައުންސިލް އެތްލެޓިކްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.