ސައީދު، ކައުންސިލަރެއްގެ ޙައިސިއްޔަތުން ވެސް އައީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ ޙައްޤުގައި ގިނަ ކަންކަމުގައި އަޑު އުފުލާފަމުން

ހަބަރު

އައްޑޫސިޓީ: "އަސްލު މީހާ" - އަހުމަދު ސައީދު މިފަހަރު ހިތަދޫއުތުރު މަޖިލީސް ގޮނޑިއަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 21 ފެބުރުއަރީ 2024 , ބުދަ 10:16   964

މިއަދާއި ހަމައަށް ވެސް އައްޑޫސިޓީ ކައުންސިލްގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ، އަހުމަދު ސައީދު (އަސްލު މީހާ) އަކީ ސިޔާސީ ގޮތުން އައްޑޫގެ ގިނަ ބަޔަކަށް، ދެކެފަރިތަ މޫނެއްކަން ޔަޤީނެވެ.

ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ، އެމްޑީޕީ 2008 ވަނަ އަހަރު ވުޖޫދުވީއްސުރެ ދާދިފަހަކާއި ޖެހެންދެން، މެދު ކެނޑުމެއްނެތި އައްޑޫގެ ސިޔާސީ މައިދާނުގައި ހިފަހައްޓާލެވުނު މަދު މީހުންގެ ތެރޭގައި ސަޢީދު ހިމެނެއެވެ. ސަޢީދުގެ އިޚްލާސްތެރި މަސައްކަތް އައްޑޫ ރައްޔިތުން ބަލައިގަންނަނީ ހެޔޮ ހިތަކުންނެވެ.

ސަޢީދު ކައުންސިލަރުކަމަށް ހޮވި ވަޑައިގަތީ އެމްޑީޕީ ދޫކުރެއްވުމަށްފަހު އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައިގެންނެވެ. އަދި މިފަހަރު ރައްޔިތުންގެ މަޖިލީހަށް ނިކުންނަވަނީ ވެސް އަމިއްލަ މިނިވަން ޙައިސިއްޔަތާއި އެކުއެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ، އޭނާ އެމްޑީޕީ އާއި ގުޅިވަޑައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވީ، އެ ޕާޓީ އަކީ އިންސާފާއި ހަމަހަމަކަމަށް ގޮވާލި ޕާޓީއަކަށް ވީތީއެވެ. ރައްޔިތުންގެ ތެރެއިން ޙައްޤުތައް ގެއްލި އަނިޔާތައް ތަޙައްމަލުކުރަމުން ދިޔަ އެތައް ބަޔަކު އެއަނިޔާތަކުން މިންޖުކުރަމުންދިޔަ ޕާޓީއަކަށް ވީތީއެވެ.

"ބޭއްވުނު ހުރިހައި އިންތިޚާބުތަކެއްގައި އެމްޑީޕީގެ ސިޔާސަތުތައް ކުރިއަރުވައި ގޮނޑިތައް ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާނެ. ނަމަވެސް ފަހުން ފެނުނީ ޕާޓީގެ އުސޫލްތަކާއި ޚިލާފަށް ކަންކަން ކުރަމުންދިޔަ މަންޒަރު. އެހެންވެ ޕާޓީ އާއި ދުރަށް ދާން ޖެހުނީ." ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވަނީ ހިނގަމުން މިދާ ކައުންސިލްގެ ދައުރުގައި އައްޑޫގެ މަގުތައް ހެދުމުގައި ވަކިން ޚާއްޞަކޮށް އުތުރު ދާއިރާގެ މަގުތައް ހެދުމުގައި ރައްޔިތުންގެ ލަފަޔާއި މަޝްވަރާ އާއި ޝަކުވާތައް އައްސަވައި ސަރުކާރުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެކްސްޕްރެސް ނިއުސް އިން ވާނީ ސަޢީދުގެ މަސައްކަތްތަކާއި ގުޅޭގޮތުން ފާއިތުވެދިތަނުގައި ތަފާތު އެކި ރިޕޯޓްތައް ގެނެސްދީފައެވެ.

އޮޑައްސައު ސަރަޙައްދުގެ ވަރަށް ގިނަ މީހުންގެ އެދުމުގެ މަތިން އަޅުގަނޑު ވާނީ މަސައްކަތްތަކެއް ކޮށްފައި، ހިތަދޫ ސްކޫލްގެ ދެފަރާތުން އޮތް މަގު ހެދުމުގައި ވެސް. އެ މަގުތަކުގެ ފަސޭހަކަން ގިނަ ރައްޔިތުންނަށް ކުރާކަން އަޅުގަނޑު ފާހަގަކުރަން.

ވަރަށް ކަންބޮޑުވޭ... އުތުރު ދާއިރާގައި ހުރި ވަރަށް ގިނަ ޢާއްމު ޚިދުމަތްތައް އެގެންދަވަނީ ހިތަދޫ ދެކުނަށް އެއްތަން ކުރަމުން. އުތުރުގެ ރައްޔިތުންގެ ޚިދުމަތްތައް ހޯދުމުގައި ދިގު ދަތުރުތައްކޮށް ގިނަ ތަކުލީފު އުފުލަންޖެހޭ. އަލަށް އެއްވެސް ކަމެއް އުތުރު ދާއިރާގައި ނުހިނގާތާ ޒަމާންތަކެއްވެއްޖެ. އުތުރު ދާއިރާގެ ރައްޔިތުންނަށް ބޭނުންވޭ ފަތާ ޓްރެކެއް. ބޭންކު އޭޓީއެމް ލިބޭތޯ ވެސް ތަފާތު އެކި މަސައްކަތް ކުރެވިފައި ހުންނާނެ. ދާއިރާއަށް ގިނަ ބަދަލުތަކެއް ގެންނަންޖެހޭ. ކަން ހިނގާގޮތަށް ބަލާއިރު، އެހެން ދާއިރާތަކުގައި ވެސް ކަންކަން ކުރެވެނީ މަޖްލީސް މެމްބަރުންގެ އިސްނެންގެވުމާއިއެކު ކުރާ މަސައްކަތުން. މިދާއިރާ އަށް ނެތް އެފަދަ މަސައްކަތްތަކެއް ކުރެވިފައި.

~ އަހުމަދު ސަޢީދު

ހިތަދޫ އުތުރު ދާއިރާގައި ހުރި އައުޓުޑޯ ޖިމް ހަލާކުވެފައިވާތާ ދުވަސްތަކެއް ވެފައިވާތީ، ސަޢީދުގެ އިސްނެންގެވުމުގެ މަތިން، ކުޅިވަރާއި ބެހޭ ވަޒީރު މިދިޔަ ހަފްތާގައި އައްޑޫއަށް ވަޑައިގެންނެވުމުން، އެސަޙައްދަށް ގެންދަވާ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. މަޢްލޫމާތު ލިބޭގޮތުގައި، މިނިސްޓްރީ އިން މިހާރު ވަނީ މި މަސައްކަތް އަވަސް މަސައްކަތެއްގެ ގޮތުގައި ނަންގަވައި އެކަމަށް ހުއްދަދެއްވާފައެވެ.

ސައީދު "އަސްލު މީހާ" އަށް ވަނީ ކިހިނެތް؟

މިހާރަކަށް އައިސް ގިނަ ސިޔާސީ ބޭފުޅުން ކަންކަން ކުރައްވަނީ ރައްޔިތުންގެ އިޙްސާސްތަކަށް ބެލުމެއް ނެތިއެވެ. ކަންކަން ކުރަމުން އަންނަނީ ހިތުހުރި ގޮތަކަށެވެ. ސަޢީދު ބޭނުންވަނީ އަސްލު ރައްޔިތުންގެ މީހެއްގެ ގޮތުގައި ހުރުމަށެވެ. ރައްޔިތުންނަށް ބޭނުންވާ ޙަޤީޤީ ކަންކަން ފަހިކޮށްދޭ މީހެއްގެ ގޮތުގައި ހުރުމަށެވެ.

ނިމިދިޔަ ދައުރުގައި ރައީސް ސޯލިހް ވަޑައިގަތުމުން ވެސް، އަދި މިހާރުގެ ރައީސް ނިމިދިޔަ ހަފްތާގައި އައްޑޫއަށް ވަޑައިގަތުމުން ވެސް، މާލެ އާއި އަޅާބަލާއިރު، ޚިދުމަތަކާއި ތަކެތީގެ އަގުގެ ތަފާތުތައް ނައްތާލުމަށް، މަސައްކަތްކޮށްދެއްވުމަށް އެދި ޝަކުވާ ހުށަހަޅުއްވާފައިވެއެވެ.

ސައީދު އިތުރަށް ވަކާލާތުކުރައްވާ ކަންކަމުގެ ތެރޭގައި، ޕެޓްރޯލާއި ޑީސެލް، ޢިމާރާތްކުރުމަށް ބޭނުންވާ ތަކެއްޗާއި، ޒާރޫރީ ތަކެތީގެ ތެރޭގައި ހިމެނޭ ހަނޑު ހަކުރު ފުށް، އަދި ކަރަންޓު ގުޅައިދިނުން ފަދަކަންކަން މާލެ އާއި އެއް ހަމައެއްގައި ފޯރުކޮށްދިނުން ހިމެނެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ސަޢީދު ނިކުންނަވާއިރު، އެންމެ ބޮޑު ވާދަވެރިއެއްގެ ގޮތުގައި ހުންނެވީ ގިނަ ޒަމާންތަކެއް ވަންދެން ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ މިހާރުގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ. އަސްލަމް އެންމެ ފުރަތަމަ މަޖިލީހަށް ހޮވި ވަޑައިގެންނެވީ ރިކޯޑް ޢަދަދަކަށް ވޯޓު ހޯއްދަވައިގެން ނަމަވެސް، ފަހަކަށް އައިސް އަސްލަމްގެ މަޤްބޫލްކަން ވަނީ ވަރަށް ބޮޑުތަން ކުޑަވެފައެވެ. 2019 ގެ މަޖިލީސް އިންތިޚާބުގައި އަސްލަމަށް ލިބިވަޑައިގެންނެވީ ގާތްގަނޑަކަށް 1،000 ވޯޓާއިއެކު 40 އިންސައްތަ ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުން ފަސްކުރުމަށް މަޖިލީހުގެ ޤަވާޢިދަށް ބަދަލުތަކެއް ގެނެސްފައިވާއިރު، އެބަދަލުތައް މިހާތަނަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީދުކުރައްވާފައި ނުވެއެވެ.

މިލިޔުމާއި ގުޅޭ:

ޓެގްސް: މަޖިލީސް އިންތިޚާބު އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.