އައްޑޫސިޓީ މޭޔަރާއިއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، 6،000 އެނދު އަޅައި 10،000 ވަޒީފާ އުފެއްދުމަށް....

ހަބަރު

ރައީސްގެ އައްޑޫ ދަތުރު: ވެވަޑައިގެންނެވި 14 ވަޢުދު، އަދި ކައުންސިލްގެ ކަންބޮޑުވުންތަކާއި ރައީސްގެ ޖަވާބު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 21 ފެބުރުއަރީ 2024 , ބުދަ 11:44   1380

ރަޢީސް މުޢިއްޒު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫސިޓީ އަށް ވަޑައިގެން އައްޑޫސިޓީ ކައުންސިލް އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ބައްދަލުކުރެއްވުމަށް ފަހު އެކިއެކި ޙަފްލާތަކުގައި ޖުމްލަ 14 ވަޢުދެއް ވެ ވަޑައިގެންފައިވެއެވެ.

އެއީ،

  1. ސަރަޙައްދީ ބަނދަރުގެ ފެންވަރު ރަނގަޅުކޮށް ތަރައްގީކުރުން
  2. 500 ވަޒީފާ އާއިއެކު، ހުޅުދޫގައި ދަޅުމަސް ބަންދުކުރާ ކާރުހާނާއެއް ހެދުން
  3. އައްސޭރި ޓޫރިޒަމްގެ 6000 ޓޫރިސްޓް އެނދު އެޅުން
  4. ޓޫރިޒަމްގެ 10000 ވަޒީފާ އުފެއްދުން
  5. ހިތަދޫ - ހުޅުމީދޫ ބްރިޖް އެޅުން
  6. އޭއީއެޗްގެ ފެންވަރު މާލެ އާއި އެއްހަމަކުރުން
  7. ފްލެޓް އަޅައިދިނުން [ކިހާވަރެއްކަން ސާފުނުވޭ]
  8. ފޭދޫ ހިއްކި ބިން ބޭނުންކުރެވޭނެ ގޮތް ހެދުން [ހިތަދޫގެ ވާހަކައެއް ނުހިމެނޭ]
  9. ފޭދޫގައި ސްކޫލު އަލުން އެޅުމުގެ މަސައްކަތް
  10. ހިތަދޫ ސްކޫލްގައި އާ އިމާރާތް އެޅުން [މިހާރުވެސް ދަނީ ޢިމާރާތެއް އަޅަމުން]
  11. އައްޑޫ ސިޓީގައި ސީޕްލޭން ހަބެއް ގާއިމުކުރުން [ތިންފަހަރަށް މަސައްކަތްފެށި ކުރިއަށް ނުދެވިފައި]
  12. މި އަހަރުތެރޭ ޝަންގްރިލާ އަލުން ފެށުން [މަސައްކަތް ހުއްޓިފައި]
  13. ހިތަދޫ ބަނދަރު ތަރައްގީކުރުން [ނިމިދިޔަ ސަރުކާރުގައި ފެށިފައި، އެކަމަކު ހުއްޓިފައި]
  14. ރަސްރަނި ބަގީޗާ ފަދަ ޕާކެއް ހިތަދޫގައި ހެދުން

ރައީސް މުޢިއްޒު އައްޑޫސިޓީ ކައުންސިލާއިއެކު ބޭއްވެވި ބައްދަލުވުމުގައި، ހިތަދޫ ރަސްގެދަރު ދާއިރާގެ ކައުންސިލަރ ހުސެން ޒަރީރު ވަނީ 13 ދާއިރާ އަކުން ކަންބޮޑުވުން ޙިއްޞާކުރައްވާފައެވެ. އޭގެ ތެރޭގައި އައްޑޫގެ މަސްވެރިންނަށް ލިބެންވާ ފައިސާ ނުލިބުމުގެ މައްސަލަ އާޢި، ހިތަދޫ އަވަށު އޮފީހުގެ މަސައްކަތް ހުއްޓިފައިވުމާއި ބަޖެޓްކޮށްފައިވާ ހިތަދޫ ސްޕޯޓްސް ކޮމްޕްލެކްސް ގެ މަސައްކަތް ކުރިއަށް ނުދިއުން، ހިތަދޫ ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓިފައި އޮތުން، ހިތަދޫގެ ދެވަނަ ފޭސްގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ނުދިއުން، މެދު ދާއިރާގެ ނަރުދަމާގެ މައްސަލަ، އަލަށް އާބާދުވެފައިވާ ތަންތަނާއި ހިއްކާފައިވާ ސަރަޙައްދުތައް އަދި ޓޫރިޒަމް ޒޯންތަކަށް ފެނާއި ނަރުދަމާ އަދި ކަރަންޓު ނުލިބުން، އަދި ރިސޯޓް ހަދަން ހިއްކުނު ރަށްތަކަށް ބިޑަށް ހުޅުވުން ލަސްވުން ހިމެނެއެވެ.

އެހެން ކައުންސިލަރުންނަށް ބަލާއިރު، މާމެންދޫ ދާއިރާގެ ކައުންސިލަރ އާދާލާ ރަޝީދު ވެސް އަދި އެހެން ބައެއް ކައުންސިލަރުން ވެސް ވަނީ، މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވާ މައްސަލަ އާއި، އިތުރު ފްލެޓްތައް ބޭނުންވާކަމާއި، ހިތަދޫ އަވަށު އޮފީހާއި ފެއްޓިފައި ހުރި ޕްރޮޖެކްޓްތައް ހުއްޓިފައިވާ މަސައްސަލަ އާއި، ހިއްކާފައިވާ ސަރަޙައްދުތަކަށް ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މައްސަލަ ރައީސްގެ ސަމާލުކަަމަށް ގެންނަވާފައެވެ.

އަދާލާ ހުށަހެޅުއްވި އިތުރު ކަންކަމުގެ ތެރޭގައި، ހިތަދޫ ފްލެޓްތކުން ލީކުވާ މައްސަލައާއި، ފްލެޓާއި ގުޅުންހުރި އެހެން މައްސަލަތައް ހިމެނެއެވެ.

"އަލަށް އެތައް ބައިވަރު ބިމެއް ހިއްކާފައިވީ ނަމަވެސް، އެ ބިންތަކުގައި ފެނާއި، ކަރަންޓާއި ، ނަރުދަމާ އެޅުމާއި، މަގުހެދުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވޭ. އަދި އެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދެން" ހިތަދޫ މޫލެކެޑެ އޮޑައްސައު ދާއިރާގެ ކައުންސިލަރ އަހުމަދު ސަޢީދު ވިދާޅުވިއެވެ.

ސަޢީދު އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، އޭޓީއެމްގެ ޚިދުމަށް ފުޅާ ކުރުމާއި ޑޮލަރު އޭޓީއެމް އެއް އައްޑޫގައި ބަހައްޓައި ދިނުމަށް އެދިފައިވެއެވެ. އަދި އެސްޓީއޯ އިން ވިއްކާ ހިލަ އާއި ހިލަވެލި، މާލެ އާއި އެއް ހަމައެއްގައި މި ހާރަށްވުރެ ހެޔޮކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގަތެވެ.

މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރ ޚާލިދާ މުޙައްމަދު ވިދާޅުވީ، މަރަދޫފޭދޫގައި މިސްކިތެއް އަޅަން އަދި ސްވިމިން ޓްރެކް އެޅުމަށް ދެ ފަރާތަކާއި ޙަވާލުކޮށްފައިވާއިރު މަސައްކަތް ކުރިއަށް ނުދާކަމަށެވެ. އަދި އުދަ އަރާ މައްސަލައިގެ އިތުރުން، ކުޑަކުދިންގެ ޕާކް ނެހެދި އޮތުމާއި، ދަނޑުގެ މަސައްކަތް ކުރިއަށް ނުދިއުން ވެސް ހިމެނެއެވެ.

ބައްދަލުވުމުގައި އައްޑޫ ސިޓީ މޭޔަރ ޢަލީ ނިޒާރު އެއްވެސްކަމެއް ހުށަހަޅުއްވާފައި ނުވާކަމަށް މަޢްލޫމާތު ލިބެއެވެ. ނަމަވެސް ފުރުޞަތު ދެއްވީ އެހެން ކައުންސިލަރުންނަށް ވަޤުތު ދެއްވުމަށެވެ. މި ބައްދަލުވުން ވަރަށް ބޮޑަށް ދިގު ލައިންގެން ގޮސް، ރައީސް ހިތަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އޮތް ޖަލްސާ ވެސް ވަނީ ކެންސަލްކޮށްފައެވެ.

ރައީސް ގެ ޖަވާބު

އައްޑޫ ކައުންސިލަރުންގެ ކަންބޮޑުވުންތަކަށް ރަޢީސް ދެއްވީ ކުރު ޖަވާބެކެވެ. ތި ހުރިހާ ކަމެއް ވެސް "ބައްލަވާނެ" ކަމަށެވެ. އަދި ހުރިހާކަމެއް ވެސް ނޯޓު ކުރައްވައިފިކަމަށެވެ. އަދި ޖުމްލަ 9 ސޮފްޙާގައި އެހުރިހާކަމެއް ނޯޓު ކުރެއްވިކަމަށެވެ. އެއްވެސް ކަމެއް ވަކިން ފާހަގަކުރައްވައި އެއްޗެއް ވިދާޅުވެފައި ނުވެއެވެ.

ހިތަދޫގެ ބާއްވަން އޮތް ޖަލްސާ ކެންސަލްކުރުމުން ހިތަދޫގެ ވަރަށް ގިނަބަޔަކު ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ. އަދި ހަމަ އެރޭ ފޭދޫގައި އޮތް ޖަލްސާއަށް ހިތަދޫ އަށް ނިސްބަތްވާ ސަޕޯޓަރުން ގޮސްފައިނުވާއިރު، ރައީސް ވަނީ ހިތަދޫ އަށް ވަކިން ޚާއްޞަ ދަތުރެއް ބާއްވާނެކަމަށް ވިދާޅުވެފައެވެ.

ޓެގްސް: އައްޑޫ އައްޑޫ ސިޓީ ކައުންސިލް ޑރ. މުއިއްޒު ރައީސްގެ ރަސްމީ ދަތުރުފުޅުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.