ރައީސް މުޢިއްޒު: ރޯދަމަސްތެރޭގައި އިންތިޚާބު ބާއްވާން ސަރުކާރުން ބޭނުންވަނީ ކީއްވެކަން ސާފެއް ނުވޭ

ހަބަރު

އިންތިޚާބަށް 18 ދުވަސް، ބިލް ތަސްދީދުކުރުމަށް ޤާނޫނުގައި ވަކި މުއްދަތެއް ނެތްނަމަވެސް ތަސްދީދުކުރުން ލާޒިމްކުރޭ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 29 ފެބުރުއަރީ 2024 , ބުރާސްފަތި 11:08   640

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 18 ދުވަހަށްވެފައިވަނިކޮށް، ދެވަނަ ފަހަރަށް އިންތިޚާބު ރޯދަމަހުގެ ފަހަށް ލަސްކުރުމުގެ ބިލް ތަސްދީދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަރިހަށް މަޖިލީހުން ފޮނުވައިފިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ޤާނޫނުހެދުމުގެ ހުރިހައި ބާރެއް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރުމަށްފަހު އެބިލް ޤާނޫނަކަށް ބަދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އެބިލެއް ތަސްދީދުކޮށް، ގެޒެޓްކުރަންޖެހެއެވެ. އަދި އެބިލެއް ރައީސްގެ އަރިހަށް އައުމުން، 15 ދުވަސްތެރޭގައި ތަސްދީދުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. ނަމަވެސް، މަޖިލީހުން އެބިލެއް ދެވަނަ ފަހަރަަށް ފާސްކޮށްފިނަމަ، ރައީސް އަށް ދެން އަނބުރާ ފޮނުއްވުމުގެ އިޚްތިޔާރު ލިބިގެން ނުވެއެވެ. އެބިލެއް ތަސްދީދުކޮށް ގެޒެޓްކުރަން ލާޒިމްވާނެއެވެ.

ކަން މިހެން އޮތްނަމަވެސް، ޤާނޫގައި ދެވަނަފަހަރަށް ބިލެއް ފޮނުވުން ތަސްދީދުކުރަން މުއްދަތެއް ބަޔާންކޮށްފައި ނުވެއެވެ. ޤާނޫނުގެ މަފްހޫމަކީ، ވީ އެންމެ އަވަސް ފުރުޞަތެއްގައި ރައީސް އެބިލެއް ތަސްދީދުކުރެއްވުމެވެ.

ސަރުކާރުން އަދި ރައީސް މުޢިއްޒު ވެސް، ބިލް ފާސްކުރަން ބޭނުންފުޅުވެވަޑައި ނުގަންނަވަނީ ކީއްވެކަން ސާފުކޮށްދެއްވާފައި ނުވެއެވެ.

---

ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް މިފަދަ މައްސަލައެއް ދިމާވިއެވެ. އެއީ، މިހާރުގެ ރައީސް އޮފީހުގެ މިނިސްޓަރު، ކުރީގެ ޑީއާރުޕީ މެމްބަރު ހުށަހެޅުއްވި ރާއްޖެއިްނ ބޭރުން ނަގަންޖެހޭ ލޯންތައް ނެގޭނީ މަޖިލީހުން ފާސްކޮށްގެންކަމަށް ބަޔާންކުރާ ބިލެވެ. ދެވަނަ ފަހަރަށް ބިލެއް ފޮނުއްވާއިރު ތަސްދީދުކުރަން ވަކި މުއްދަތެއް ޤާނޫނުގައި ބަޔާންކޮށްފައި ނުވާކަމަށް ވިދާޅުވެ، ރައީސް ނަޝީދު މިބިލް ތަސްދީދުނުކުރެއްވުމުން އޭރުގެ މެޖޯރިޓީ އޮތް ޑީއާރުޕީއިން ވަނީ ސުޕްރީމްކޯޓަށް ވަޑައިގެންފައެވެ.

ސުޕްރީމްކޯޓުގެ 7 ފަނޑިޔާރުންގެ ނިންމުމުން 2010 ވަނަ އަހަރު ޑިސެމްބަރު 10 ވަނަ ދުވަހު ނިންމެވީ، ބިލެއް ތަސްދީދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުއްވުމުން، ލިބިވަޑައިގަންނަވާނީ ހަމައެކަނި ފުރަތަ 15 ދުވަހުގެ މުއްދަތު އެކަނިކަމަށެވެ. އެ ޤަޒިއްޔާގައި އިސްތިސްނާއެއްގެ ގޮތުގައި އޮތީ، އިންސާނީ ބާރު ނުފޯރާ ފަދަ އަދި އަމިއްލަ އިހުތިޔާރުގައި ނުވާ ސަބަބެއް މެދުވެރިވުން އެކަންޏެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުން ނެރެފައިވާ ނަތީޖާތަކާއި، ޤާނޫނީ މާހިރުންގެ ފަންނީ ލަފާއަށް ބަލާއިއިރު، މިހާރު ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށޤ ފޮނުވާފައިވާ އިންތިޚާބު ލަސްކުރުމުގެ ބިލް ތަސްދީދުނުކޮށް ބޭއްވުމުގެ އެއްވެސް އިޚްތިޔާރެއް އަދި ޙުއްޖަތެއް ލިބިގެންނުވާކަން ސާފުވެއެވެ.

އިދިކޮޅު އެމްޑީޕީއިން ބުނަނީ ރައީސް ބިލް ތަސްދީދުނުކުރައްވައިފި ނަމަ ޤާނޫނާއި ޚިލާފުވެވަޑައިގެންވީކަމަށާއި، މައްސަލަ ސުޕްރީމްކޯޓަށް ވެސް ހުށަހަޅުއްވާނެކަމަށާއި، ރައީސް ވެރިކަމުން އަޒުލްކުރުމުގެ މަސައްކަތްވެސް ފައްޓަވާނެކަމަށެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް ޑރ. މުއިއްޒު މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.