ގާތްގަނޑަކަށް 25 އަހަރު ވެފައިވާ މިބޯޓަކީ ޢާއްމު އުދުހުންތަކުގައި ބޭނުންކުރުން ހުއްޓާލާފައިވާ ބޯޓެއް

ހަބަރު

މޯލްޑިވިއަންގެ ބޭނުންނުކުރާ ބާބޯޓެއް އެއަރ އެމްބިއުލާންސަކަށް ބަދަލުކޮށް ޚިދުމަތަށް ނެރެފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 1 މާރޗް 2024 , ހުކުރު 15:02   1309

ރަޢީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ސީ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް، މޯލްޑިވިއަން އިން ޢާއްމު އުދުހުންތަކުގައި ބޭނުންކުރުން ހުއްޓާލާފައިވާ ބާބޯޓެއް ސީއެމްބިއުލާންސަކަށް ބަދަލުކޮށް ޚިދުމަތްދޭން ފަށައިފިއެވެ.

މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ މި ބޯޓް އަކީ ގާތްގަނޑަކަށް 25 އަހަރަށް ދުއްވުމަށްފަހު ރިޓަޔަރކޮށްފައިވާ ބޯޓެއްކަމަށް މަޢްލޫމާތު ލިބެއެވެ. ޢާއްމު އުދުހުންތަކުގައި މި ބޯޓް ބޭނުންކުރުން ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އޭގެ ފަހުގައި މި ބޯޓް އޮތީ ކުރިއަށްދާނެ ވަކިގޮތެއް ނުނިމި ވެލާނާ އެއަރޕޯޓުގައި ޕާކްކޮށްފައެވެ. އަދި މިއީ މި ގޮތަށް ބޭނުންނުކުރެވި އޮތް ހަމައެކަނި ބޯޓެވެ.

ރައީސް މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި ފަހުން، ޑިސެމްބަރު މަހު އެއަރޕޯޓަށް ވަޑައިގެން، މި ބޯޓް، ބަލި މީހުން އުފުލަން ޚާއްޞަކުރުމަށް ޤައުމީ އެއަލައިން މޯލްޑިވިއަންގެ ކިބައިން އެދިވަޑައިގެންފައިވެއެވެ.

މި އަހަރު ކުރީކޮޅު ސަރުކާރުން ވަނީ އަވަށްޓެރި ލަންކާއާއިއެކު، ބަލި މީހުން އުފުލުމަށް ފްލައިޓްތަކަށް ހުއްދަ ދިނުން އަވަސް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ މި އެއްބަސްވުމާއިއެކު، ކުރިން 24 ގަޑިއިރުން ލިބޭ ހުއްދަ މިހާރު 2 ގަޑިއިރުން ލިބޭނެކަމަށެވެ.

މީގެކުރިން، ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި ސަރުކާރުން ބަރޯސާވަމުން އައީ އަވަށްޓެރި އިންޑިއާގެ ހެލިކޮށްޕްޓަރ އަދި ޑޯނިއާ ބޯޓަށެވެ. ނަމަވެސް، މި ސަރުކާރުން ބުނެފައިވަނީ އިންޑީއާގެ އެހީގައި ބަލިމީހުން އުފުލަން ބޭނުން ނުވާކަމަށާއި އެފަދަ ޚިދުމަތެއް ބޭނުންނުވާކަމަށެވެ.

ސަރުކާރުން މިއަދު ވަނީ ރަސްމީކޮށް އެއަރ އެމްބިއުލާންސް ގެ ޚިދުމަތް ފަށާފައެވެ.

ބޯޓުގައި އަވަސް ޙާލަތެއްގައި ފަރުވާދިނުމަށް ބޭނުންވާނެ ވާޞީލަތްތައް ޤާއިމުވެފައި ހުންނާނެކަމަށާއި، 5 ޑޯކްޓަރުންނާއި، 5 ނަރުހުން، އަދި 5 މެޑިކަލް ޓެކްނީޝަނުން ތަމްރީންކޮށްފައިވާކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

ޓެގްސް: މޯލްޑިވިއަން އެއަރ އެމްބިއުލާންސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.