އައްޑޫގައި ކާޑު ބެހުމުގެ މަސައްކަތް ކުރިއަށްދާ މަންޒަރު

ހަބަރު

އައްޑޫސިޓީ، ކާޑު ބެހުމުގައި ރައްޔިތުންނަށް ތަކުލީފު ނުޖެހޭ ގޮތަކަށް ކަންކަންތައް އިންތިޒާމު ވާންޖެހޭ - ކައުންސިލަރ ސަޢީދު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 21 މާރޗް 2024 , ބުރާސްފަތި 11:10   1319

އައްޑޫސިޓީ ގައި ކާޑު ބެހުމުގައި ރައްޔިތުންނަށް ތަކުލީފު ނުޖެހޭ ގޮތަކަށް ކަންކަންތައް އިންތިޒާމު ވާންޖެހޭކަމަށް އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރ އަހުމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އާބާދީގެ ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ފުށް ބަސްތާ އަކާއި 10 ކިލޯގެ ހަނޑޫ ބަސްތާއެއް މި ރޯދަމަހާއި ދިމާކޮށް ސަރުކާރުން ނިންމާފައިވާއިރު، އައްޑޫގެ ހުރިހައި އަވަށްތަކުގައި ވެސް ކާޑުބެހުމުގެ މަސައްކަތް ފަށާފައިވަނީ އިއްޔެއެވެ. މި ގޮތުން އައިޑީ ކާޑާއިއެކު އެ އަވަށެއްގެ އަވަށު އޮފީހަށް ދިއުމުން މިތަކެތި ދޫކުރަމުންދާކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މި މަސައްކަތްކުރިއަށްދާ ގޮތާއިމެދު ހިތްހަމަ ޖެހިވަޑައިނުގެން، ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައި ސަޢީދު ވިދާޅުވީ، ރޯދަމަހެއްގައި ކިއުޖައްސާލާފައި ރައްޔިތުން ބޭތިއްބުމަކީ އެދޭ ގޮތެއް ނޫންކަމަށާއި، ރައްޔިތުންނަށް ފަސާހަވާނެހެން ކަންކަން ކުރުމުގެ ވިސްނުން ކައުންސިލްގައި ހުންނަންޖެހޭނެކަމަށެވެ.

އެކްސްޕްރެސް ނިއުސް އާއި ފަހުން ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ، އޭނާގެ ވާހަކަތަކަށް ކައުންސިލް މެމްބަރުންގެ އިތުރުން އެވަޤުތު ރިޔާސަތުގައި އިންނެވި ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުޢާއު ވެސް އިޖާބަދެއްވާފައި ނުވާކަމަށެވެ.

ކޮންމެ ރަށެއްގައި އެބަތިބޭ އެތައް ބައިވަރު މުވައްޒަފުން. ކޮންމެ ރަށެއްގައި ޕިކަޕެއް އޮވޭ. މިތަކެތި މާއަވަހަށް މާކުޑަ ޚަރަދަކުން ކުރެވޭނެ ގޮތްގޮތް އެބަހުރި. ކޮންމެހެން އިދާރީ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާދީގެން، ރައްޔިތުން ކިއުގައި ބައިތިއްބާކަށް ނުޖެހޭ. އަޅުގަނޑުމެންނަކީ ރައްޔިތުންގެ ޚިދުމަތުގައި ތިބި ރައްޔިތުންގެ ޚާދިމުން. 20 ކިލޯ ހަދިޔާ ކޮނޑަށް ލައިގެން ކޮންމެ ކޮންމެ މީހަކަށް މި ރޯދަމަހަކު ނުދެވޭނެ.

~ ކައުންސިލަރ ސަޢީދު

މާލޭގައި ކޮންމެ މީޓަރު ބޯޑަކީ ގޭބީސީއެކެވެ. އައްޑޫގައި ވެސް ތަކެތި ބަހަމުން އަންނަނީ ގޭބީސީތަކަށް ބަލައިގެން ނަމަވެސް، އެކަން ބަލާފައިވަނީ ކައުންސިލްގެ ދަފްތަރަށް ބެލިގެންކަމަށް މަޢްލޫމާތު ލިބެއެވެ..

އައްޑޫސިޓީ އަށް ސަރުކާރުން ފޮނުވާފައިވަނީ ހަނޑޫ އަދި ފުށް، ކޮންމެ ބާވަތަކުން 6،279 ބަސްތާއެވެ. އެއީ ކައުންސިލުން މައި ސަރުކާރަށް ފޮނުވި ޢަަދަދުތަކަށް ބަލައިގެން، ކޮންމެ ގޭބީސީއަކަށް ބަސްއެއްގެ މަގުންނެވެ.

ގޭބީސީތަކަށް ބަލާއިރު ހިތަދޫގައި ހުރީ 2،908 ގޭބީސީއެވެ. ފޭދޫގައި 1،270 ގޭބީސީ، މަރަދޫގައި 749، މީދޫގައި 565، މަރަދޫފޭދޫގައި 449، އަދި ހުޅުދޫގައި 290 ގޭބީސީއެވެ.

އައްޑޫސިޓީ އަކީ ނިސްބަތުން ބޮޑުތަނަކަށްވެފައި އެއްތަނުންއަނެއްތަނަށް ދަތުރުކުރުމަކީ ފަސޭހަކަމަކަށް އޮންނަނީ ނުވެފައެވެ. މީގެ ކުރިން ވެސް ސަރުކާރުން ބަހާ މިފަދަތަކެތި ރައްޔިތުންނާއި ހަމައަށް ނުފޯރާކަމުގެ ޝަކުވާ ރައްޔިތުންގެ ތެރެއިން ބަޔަކު އުފުލާފައިވެއެވެ.

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.