ކުޑަ ޖަނެރޭޓަރެއް އެސެމްބްކުރުމުގެ މަސައްކަތްކުރަނީ. އައްޑޫގައި މިވަތު ކަރަންޓު ދެމުން އަންނަނީ 11 މެގަވޮޓުގެ ކުދި ގިނަ އިންޖީންތަކެއް...

ހަބަރު

އައްޑޫސިޓީ، ކަރަންޓު ޙާލަތު ރަނގަޅެއް ނުވޭ، ޕްރޮޖެކްޓްތައް ހުރީ ހުއްޓިފައި!

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 23 މާރޗް 2024 , ހޮނިހިރު 13:16   865

ސަރުކާރުން 1 މެގަވޮޓްގެ ގެނެރޭޓަރެއް އައްޑޫއަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަކަމަށް ބުނެފައިވާއިރު، އައްޑޫގައި ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް 1 މެގަވޮޓް ނުފުދޭކަމަށް ހިތަދޫ ފެނަކައިން ބުނެފިއެވެ.

އައްޑޫގައި ބޭނުންވާ ވަރަށް ކެޕޭސިޓީ ނެތުމުން، މި ރޯދަމަހު އަންނަނީ އެކި ސަރަޙައްދުތަކަށް ބަހާލައިގެން 1 ގަޑިއިރަށް ކަރަންޓު ކަނޑަމުންނެވެ. އަދި ސަރުކާރުން ބުނެފައިވަނީ 1 މެގަވޮޓްގެ ޖަނެރޭޓަރެއް އައްޑޫއަށް ފޮނުމުގެ މަސައްކަތް ކުރެވެން އަންނަކަމަށެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަމުން، ހިތަދޫ ފެނަކައިގެ މުވައްޒަފަކު ބުނެފައިވަނީ، އައްޑޫގައި މިދިޔަ އަހަރު 5.4 މެގަވޮޓްގެ ޖެނެރޭޓަރުތައް ބަދަލުކޮށްފައި ވީނަމަވެސް، ބޭނުންވާވަރަށް ކެޕޭސިޓީ އިތުރުކުރެވިފައި ނުވާކަމަށެވެ. އަދި 1 މެގަވޮޓްގެ ޖަނެރޭޓަރަކުން އައްޑޫގެ ކަރަންޓުގެ މައްސަލަ ޙައްލުނުވާނެކަމަށާއި، މިހާރުވެސް އައްޑޫއަށް ކަރަންޓު ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ގޮނެޖެހުމަކީ ކުދި ޖެނެރޭޓަރުތައް ގިނަވުން ކަމަށެވެ. ކުދި ޖެނެރޭޓަރުގެ އެފިޝެންސީ ދަށްކަމަށާއި އަވަހަށް އޯވާލޯޑްވާކަމަށެވެ.

ފާއިތުވެ ދިޔަ 6 އަހަރުތެރޭ އައްޑޫގައި ބޭނުންކުރާ ކަރަންޓު ވަނީ ދެގުނަ އިތުރުވެފައެވެ. މި ވަތުގުތު އައްޑޫ ގައި އުފައްދަމުންދާ ކަރަންޓުގެ ޖުމްލަ ކެޕޭސިޓީއަކީ ޖުމްލަ 11 މެގަވޮޓެވެ.

2020 ވަނަ އައްޑޫގެ ގްރިޑަށް 1.6 މެގަވޮޓްގެ ސޯލާ ހަރުކުރެވުނު ނަމަވެސް، ވަށަގެންވާ ގަސްތައް ކަނޑާ ސާފުކޮށް އެ ތަކެތި ނުބެލެހެއްޓޭތީ، އެހާވަރަށް އެ ޕެނަލްތަކުން ކަރަންޓު ނުއުފެއްދެއެވެ.

އައްޑޫގައި ނިމިދިޔަ ސަރުކާރުން ކުނިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢެއް ހިންގާފައިވާއިރު، މި ހާތަނަށް ލިބެންހުރި މަޢްލޫމާތުތަކަށް ބަލާއިރު އެ ތަނުން އުފެއްދެނީ ދުވާލަކަށް 700 ކިލޯވޮޮޓެވެ. މިއީ ތިމާވެއްޓާއި އެހާ ރަށްޓެހި ނޫންގޮތަކަށް ގިނަ ޢަދަދެއްގެ ޑީސެލް އަންދައިގެން ހިންގާ މަޝްރޫޢުއެކެވެ. މި މަޝްރޫގެ ތެރެއިން އުފައްދާ ކަރަންޓުގެ ތަފްޞީލްތައް ފެނަކައާއި ވެސް ޙިއްޞާކުރަމުން ނުދެއެވެ.

އައްޑޫގެ ސްކޫލެއްގައި ހަރުކޮށްފައި ސޯލާ ޕެނެލްތަކެއް

އައްޑޫގައި ކަރަންޓު ކެޕޭސިޓީ އިތުރުކޮށް ހިންގުމުގެ ޤާބިލްކަން އިތުރުކުރުމަށް ނިމިދިޔަ ސަރުކާރުން ފެށި، 4 ބުރީގެ އިންޖީނުގެ ޢިމާރާތާއި، ހިތަދޫގައި އަޅަމުންދިޔަ 3 ބުރީގެ އޮފީސް ޢިމާރާތުގެ މަސައްކަތް މިދިޔަ ޑިސެމްބަރުގެ ފަހުން ކުރިއަކަށް ނުދެއެވެ. މަޢްލޫމާތު ލިބޭގޮތުގައި ސަރުކާރުން ވަނީ މިމަޝްރޫޢުތައް ކުރިއަށް ގެންދިއުން މަޑުޖައްސާލާފައެވެ.

ހިތަދޫގައި ހަދަމުންދިޔަ އޮފީސް ޢިމާރާތް މަޑުޖެހިފައި

އައްޑޫގެ ލިންކް ރޯޑުގައި މަގުބައްތި ހަރުކޮށް ދިއްލަންފެށީ މިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުލީ ދުވަހުގެ އެއްރޭ ކުރިންނެވެ. އިންތިޚާބަށްފަހު އެ ބޮކިތައް އެންމެފަހުން ދިއްލާފައިވަނީ މިދިޔަމަހު ރައީސް މުޢިއްޒު އައްޑޫއަށް ވަޑައިގެންނެވި ދުވަހުގެ ރެއެވެ. މި ބޮކިތަކުގެ އިތުރުންވެސް އައްޑޫގެ މަގު ހެދުމުގެ ޕްރޮޖެކްޓާއިއެކު، އައްޑޫގެ ހުރިހާ އަވަށެއްގެ ހުރިހާ މަގެއްގައި ބައްތިތައް އަންނަނީ ހަރުކުރަމުންނެވެ. އެކަމަކު އެ ބޮކިތައް ދިއްލޭނެއިރެއް ނޭގެއެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން އައްޑޫސިޓީ މޭޔަރ މީގެކުރިން ވިދާޅުވީ، އައްޑޫސިޓީގެ ކަރަންޓުގެ ޙާލަތު ގޯސްކަމަށާއި، އެކަން ޙައްލުނުކޮށް މަގުބައްތިތައް ޖެހުނަސް ނުދިއްލޭނެކަމަށެވެ.

"މަގު ބޮކިތައް ޖެއްސުމުން، ކަރަންޓް އޯވާލޯޑްވާކަމަށް ފެނަކައިން އެބަ އަންގާ" މޭޔަރ ވިދާޅުވިއެވެ.

ފެނަކައިން، އައްޑޫގެ ޓޫރިޒަމް ޒޯންތަކަށާއި އައްޑޫގައި ހިއްކާފައިވާ ބިންތަކަށް ބޭނުންވާ ކަރަންޓުވެސް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ނިމިދިޔަ ސަރުކާރުން ފަށާފައިވީނަމަވެސް، އެމަސައްކަތްތައް ވެސް ކުރިއަކަށް ނުދެއެވެ.

ޓެގްސް: އައްޑޫ ފެނަކަ ކަރަންޓު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.