ހަމްދާ މުޙައްމަދު (ކ) ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް

ހަބަރު

މިފަހަރުގެ މަޖިލީސް އިންތިޚާބުގައި އެންމެ ހަގު ކެންޑިޑޭޓަކީ ހަމްދާ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 އޭޕުރިލް 2024 , އަންގާރަ 14:21 1   534

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެންމެ ހަގު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަނީ ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ހުޅުމާލޭ އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ހަމްދާ މުޙައްމަދު އެވެ.

ގދ. އަތޮޅަށް ނިސްބަތްވާ ޙަމްދާގެ ޢުމުރަކީ 22 އަހަރެވެ.

އޭނާ ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕޭން ޖަލްސާއެއްގައި ޒުވާނުންގެ ޙާލަތާއިގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކާއިއެކު ބޮޑު މަޤްބޫލުކަމެއް ހޯދަފައެވެ. ސޯޝަލްމީޑިއާގައި އެ ވީޑިއޯ ވައިރަލްވެ ގިނަބައެއްގެ ތަރްޙީބު ލިބިފައިވެއެވެ.

އޭގެ ފަހުގައި ވެސް އޭނާ ފެނިގެން ގޮސްފައިވަނީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ޙަރަކާތްތެރި ފަރާތެއްގެ ގޮތުގައެވެ. ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އޭރު އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީ އިން ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި އޭނާ ވަނީ ބޮޑު އަޣްލަބިއްޔަތަކުން އަންހެނުންގެ ގޮފީގެ ރައީސްކަން ވެސް ހޯއްދަވާފައެވެ.

މިހާރުގެ މަޖިލީހުގައި އެންމެ ޒުވާން މެމްބަރެއްގެ ގޮތުގައި ހުންނެވީ ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިސާމެވެ. އޭނާ އިންޚާބުވިއިރު ޢުމުރަކީ 24 އަހަރެވެ.

މިފަހަރުގެ އިންތިޚާބުގައި ޖުމަލް 368 ކެންޑިޑޭޓުން ވާދަކުރައްވާއިރު އޭގެތެރޭގައި ހިމެނެނީ އެންމެ 42 އަންހެން ކެންޑިޑޭޓުންނެވެ. އެއީ ނިޞްބަތުން ބަލާއިރު އެންމެ 11 އިންސައްތައެވެ.

ޓެގްސް: ދަ ޑިމޮކްރެޓްސް ޙަމްދާ މުޙައްމަދު މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.