ރައީސް މުޢިއްޒު ލާމުއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން

ހަބަރު

ކުރިއަށް އޮތް މަޖިލީސްތެރެއިން ބޮޑޫ ބަޖެޓެއް ބޭނުންވޭ، ލޯން ފައިސާ ވެސް ބޭނުންވޭ - ރައީސް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 12 އޭޕުރިލް 2024 , ހުކުރު 10:30   538

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް ތެރެއިން ސަރުކާރުން ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޖާގަދޭނެ ބަޖެޓެއް ފާސްކުރަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ލާމު އަތޮޅަށް (ހައްދުންމައްޗަށް) ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާވަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ ޕްރޮޖެކްޓްތައް މަޑުޖެހި އާޕްރޮޖެކްޓްތައް ފެށުން ލަސްވާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ މިދަނޑިވަޅުގައި އެމަނިކުފާނު ވިދާޅުވީ އަމާޒުހުރީ ނަތީޖާ ނެރެދިނުމަށް ކަމަށާއި، ޕްރޮޖެކްޓްތައް ލަސްވެގެން ދިއުމަކީ އެދޭގޮތެއް ނޫންކަމަށެވެ. އަދި އެއްގޮތަކަށް ލަހުން ކަންކަންކުރަން ބޭނުންފުޅު ނުވާކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ އިން، ސަރުކާރުން ވެރިކަމާއި ޙަވާލުވުމަށްފަހު ހުށަހެޅުއްވި ބަޖެޓުން ވަރަށް ބޮޑުތަން އުނިކޮށްފައިވާއިރު، އޭގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް ޕްރޮޖެކްޓްތައް މަޑުޖައްސަން ސަރުކާރަށް މަޖުބޫރުވެފައިވެއެވެ. މިއާއި ވިދިގެން، އިޤްތިޞާދީ ޙާލަތުވެސް ކުޑަތަންކޮޅެއް ރަނގަޅުވެފައިވާކަމަށް މަޝްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ.

މި ސަރުކާރުން ބިންހިއްކުމާއި ބޯހިޔާވަހިކަމާއި، ބްރިޖް އެޅުމާއި، ބޮޑެތި ޢުމްރާނީ މަޝްރޫޢުތަކެއްގެ ވަޢުދުތައް ރައްޔިތުންނަށް ވެފައިވާއިރު، މި ޕްރޮޖެކްޓްތައް ހިންގުމަށް ގިނަ ޢަދަދެއްގެ ލޯންފައިސާ ބޭނުންވެއެވެ. އަދި އެ ލޯންތައް މަޖިލީސްތެރެއިން ފާސްނުވެއްޖެނަމަ ޕްރޮޖެކްޓްތަކަށް ބުރޫ އަރާނެކަމަށް ސަރުކާޜުން ބުނެއެވެ.

އިދިކޮޅު އެމްޑީޕީ އިން މިވާހަކަތައް ރައްދުދެމުން ބުނެފައިވަނީ، ސަރުކާރުން ވަޢުދުވެފައިވަނީ ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގުމަށް ލޯނުފައިސާ އިތުރު ފައިސާ ނުނަގާނެކަމަށާއި، އެފަދަ އިތުރު ބޮޑެތި ލޯންތަކެއް ނަގަން ދައުލަތުގެ މާލިއްޔާއިން ޖާގަވެސް ނުދޭކަމަށެވެ.

ރާއްޖޭގެ މާލީ ޙާލަތަށް ބަލާއިރު މިހާރުވެސް، ދައުލަތުގެ ދަރަނީގެ ޖުމްލަ ޤައުމީ އުފެއްދުންތެރިކަމުގެ ނިޞްބަތަށްވުރެ ބޮޑުވެފައިވެއެވެ. އަދި ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ދިވެހި ސަރުކާރަށް އިންޒާރުގެ މެސެޖްތައް ދެމުންނެވެ.

ޓެގްސް: ދައުލަތުގެ ދަރަނި އިގްތިޞޯދު މަޖިލީސް އިންތިޚާބު ރައްޔިތުންގެ މަޖިލިސް ޑރ. މުއިއްޒު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.