ރިޔާސީ ބަހުސްގައި ދެ ބޭފުޅުން ސަލާންކުރައްވަނީ

ހަބަރު

ރައީސް އިބޫ އައްޑޫގައި، ރައީސް މުޢިއްޒު ވެސް މިއަދު ހަވީރު އައްޑޫއަށް ވަޑައިގަންނަވަނީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 12 އޭޕުރިލް 2024 , ހުކުރު 14:38   492

ރައީސް ޑރ. މުޙައްމަދު މުޢިއްުޒު އާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް މިއަދު އައްޑޫއަށް ވަޑައިގަންނަވާނެކަމަށް ދެބޭޅުން ނިސްބަތްވާ ޕާޓީތަކުން ބުނެފިއެވެ.

ދެ ބޭފުޅުން ވެސް އައްޑޫ އަށް ވަޑައިގަންނަވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށް ގޮނޑި ކާމިޔާބުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ އިން ބުނެފައިވަނީ ރައީސް ސޯލިޙް އައްޑޫ އަށް ވަޑައިގެންނެވީ އިއްޔެއެވެ. އަދި އެނބުރި މާލެ ފުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަޤުތެއްގައެވެ. އެ މަނިކުފާނުގެ މިދަތުރުގައި ރޭ ފޭދޫގައި ބައްދަލުވުމެއް ބާއްވާފައިވެއެވެ. އަދި މިރޭ ހިތަދޫ ހަރުގޭގައި ބައްދަލުވުމެއް ބާއްވާނެއެވެ. މީގެ އިތުރުން ކޮންމެ ދާއިރާއެއްގައި ވެސް ދޮރުންދޮރަށް ހިންގަވާނެއެވެ.

ރަޢީސް މުޢިއްޒު އައްޑޫއަށް ވަޑައިގަންނަވާނީ މިއަދު ހަވީރުއެވެ. އަދި މާދަމާ އެނބުރި ވަޑައިގަންނަވާނެއެވެ. އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީގެ ފަރާތުން ހިތަދޫ އަދި ފޭދޫގައި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޕާޓީގެ އިސް ފަރާތްތަކުން މަޢްލޫމާތު ދެއްވައެވެ.

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ މި ހިނގާ އެޕްރީލްމަހުގެ 21 ވަނަ ދުވަހުއެވެ. އެހެން ފަހަރު ތަކާއި ޚިލާފަށް މިފަހަރުގެ އިންތިޚާބުގައި ގިނަ ޢަދަދެއްގެ މެމްބަރުން ވާދަކުރެއެވެ.

އައްޑޫސިޓީގައި މިފަހަރު 8 ގޮނޑި ހުންނާނެއެވެ. ނިމިގެން މިދާ 19 ވަނަ މަޖިލީހުގައި 7 ގޮނޑީގެ ތެރެއިން ހުރިހައި ގޮނޑިއެއް ފުރުއްވަމުން ގެންދަވަނީ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންނެވެ.

އައްޑޫސިޓީ

އައްޑޫސިޓީ އަކީ އާބާދީގެ ނިސްބަތުން ބޮޑު ސަރަޙައްދެކެވެ. ޒަމާންތަކެއް ވަންދެން އެސަރަޙައްދުގެ ގޮނޑިތަކުގެ ބޮޑުބައެއް ފުރުއްވަމުން ގެންދަވަނީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެކަން އޮތީ އެގޮތަށެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން އައްޑޫގައި ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގާފައިވެއެވެ. އޭގެ ތެރޭގައި އައްޑޫގެ ހުރިހައި މަގުތަކެއްގައި ބޮކިލައި ތާރުއަޅައި ނަރުދަމާ އާއިއެކު ރަނގަޅުފެންވަރަކަށް ހެދުމުގެ އިތުރުން އައްޑޫއިން 200 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. އެއީ ނިސްބަތުން ބަލާއިރު ހުޅުމާލޭގެ ދަވަނަ ފޭސް އާއި އެއްވަރުގެ ބޮޑު ސަރަޙައްދެކެވެ. ހިއްކާފައިވާ ބިމުގެ ލޭންޑްޔޫސް ޕްލޭން ހެދުމުގެ މަސައްކަތް މިހާރު އައްޑޫސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. ޖުމްލަ 500 މިލިއަން ޑޮލަރު އައްޑޫގެ ތަރައްޤީއަށް ފަސް އަހަރުތެރޭގައި ޚަރަދުކޮށްފައިވާކަމަށް ރައީސް ސޯލިޙް ވިދާޅުވެފައިވެއެވެ.

މި ސަރުކާރުން ވެސް ޑރ. މުޢިއްޒު ވަނީ ބޮޑު ވަޢުދުތަކެއް އައްޑޫއަށް ވެވަޑައިގެންފައިވެއެވެ. އޭގެތެރޭގައި 2 ބިލިއަން ޑޮލަރަށްވުރެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ބެލެވޭ އައްޑޫސިޓީ ވެރިކަންކުރާ ރަށް ހިތަދޫ އާއި ވަކިން އެކަހެރިކޮށް އޮންނަ ހުޅުދޫ އާއި ގުޅުވުމަށް އެޅޭ 16 ކިލޯމީޓަރުގެ ދިގު ޕްރޮޖެކްޓް ހިމެނެއެވެ. މިއީ މާލެއިން ބޭރުގެ ސަރަޙައްދެއްގައި ހިންގޭ އެންމެ ބިޔަ މަޝްރޫޢުއަށް ވެގެންދާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

އައްޑޫގައި ބޯހިޔާވަހިކަމަށް އަމާޒުކޮށްގެން ފްލެޓްތަކެއް އެޅުމަށް ނިންމާފައިވެއެވެ. މި ފްލެޓްތަކުގެ ޢަމަލީ މަސައްކަތް މި ސަރުކާރުން ވަނީ ފައްޓަވާފައެވެ. ބޯހިޔާވަހިކަމަކީ އައްޑޫގެ ގިނަ ރައްޔިތުންގެ ޒަމާންވީ ޝަކުވާއެކެވެ. މީގެ އިތުރުން ވެސް، ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ނުލިބުމާއި، އައްޑޫ އެއަޕޯޓަށް ޕްލައިޓް ނުޖެއްސުމާއި، އެތޭރެގެ އުދުހުންތަކުގެ އަގު ބޮޑުވުން، ޓޫރިޒަމްގެ ހުވަފެންތައް ޙަޤީގަތަކަށް ނުވުން، އަދި ވަޒީފާގެ ފުރުޞަތުތައް އިތުރު ނުވުން ހިމެނެއެވެ.

އައްޑޫގެ ޝަނގްރިއްލާ ރިސޯޓް ބަންދުކޮށްފައި އޮންނަތާ ޒަމާންތަކެއް ވެއްޖެއެވެ. ޓޫރިޒަމް ކުރިއަރައިގެން ނުދާއިރު ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އައްޑޫގެ އިޤްތިސޯދު ވަނީ ވަރަށް ބޮޑުތަން ފަހަތަށް ޖެހިފައެވެ. މީރާ އަށް ޓެކްސްގެ ގޮތުގައި އައްޑޫގެ ވިޔަފާރިތަކުން ދައްކަމުން އައި ފައިސާވެސް ވަނީ ނިންބަތުން ދަށަށްގޮސްފައިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޓެގްސް: ޑރ. މުއިއްޒު ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ރައީސްގެ ރަސްމީ ދަތުރުފުޅުތައް މަޖިލީސް އިންތިޚާބު އެމްޑީޕީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.