މައިކޮލެޖްގެ ޗެއަރމަން އަޙްމަދު މޮއްތަކީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

ހަބަރު

ދަނޑުވެރިކަމަށް ޚާއްސަކޮށްގެން ސްކޫލެއް މައިކޮލެޖުން އައްޑޫގައި ހުޅުވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 10 މެއި 2022 , އަންގާރަ 21:13   353

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި 17 ބްރާންޗެއް ހިންގަމުން އަންނަ މައިކޮލެޖުން އައްޑޫ ކެމްޕަހުގައި އެގްރިކަލްޗަރަލް ސްކޫލެއް ހުޅުވައިފިއެވެ.

މިސްކޫލް ހުޅުވުމުގެ ރަސްިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓާރ އޮފް ސްޓޭޓް ފޯރ ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް ޢަބްދުއްﷲ ޞާދިޤް އެވެ. މީގެ އިތުރުން ސިޓީ ކައުންސިލަރުންނާއި، މައިކޮލެޖްގެ ޗެއަރމަން އަޙްމަދު މޮއްތަކީ އާއި ރެކްޓާރ ލަމްޔާ ޢަބްދުލް ހާދީ ގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. މަހްފޫޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މައިކޮލެޖްގެ ޗެއަރމަން އަޙްމަދު މޮއްތަކީ ވިދާޅުވީ މިއީ ރާއްޖޭގެ ސަރަޙައްދެއްގައި ހުޅުވޭ މިފަދަ ފުރަތަމަ ސްކޫލް ކަމަށެވެ. އެކަމުން ވެސް ދޭހަވަނީ އައްޑުއަށް އޮތް އަހައްމިޔަތުކަން ބޮޑުކަން ކަމުގައި ވިދާޅުވިއެވެ.

ރެކްޓާރ ލަމްޔާ ޢަބްދުލް ހާދީގެ ވާހަކަކޮޅުގައި ފާހަގަ ކުރެއްވީ ކާބޯތަކެތި އިމްޕޯރޓްކުރާ ޤައުމަކަށް ރާއްޖެ ވެފައި، ބޭރު ޤައުމުތަކަށް ބަރޯސާ ވާމިންވަރު ކުޑަކުރަންޖެހޭ ކަމަށެވެ. ދަނޑުވެރިކަމުގެ މަސައްކަތަކީ ރާއްޖޭގައި ކުރެވޭނެ މަސައްކަތެއް ކަމަށާއި މިއީ ކޮންމެހެން ކުރަން ޖެހިފައިވާކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެބޭފުޅުންނާއި އެކު ތިއްބެވި ތަޖުރިބާކާރު ބޭފުޅުންގެ އެހީއާއިއެކު މިކަން ކާމިޔާބުކުރެވޭނެކަމަށެވެ.

ވީޑިއޯ : ހުޅުވުމުގެ ރަސްިއްޔާތު ބައެއް އުސްއަލިތައް

ސްޓޭޓް މިނިސްޓަރ ޢަބްދުއްﷲ ޞާދިޤް ވިދާޅުވީ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް މާކެޓް އެބައޮތް ކަމަށެވެ. އަދި މިފަދަކަމެއް އައްޑޫގައި ފައްޓަވާތީ އުފާކުރައްވާ ކަމަށެވެ. ރާއްޖެ އަންނަ ޓޫރިސްޓުންނަށާއި ދިވެހިންގެ އަމިއްލަ ބޭނުންތަކަށް ވެސް ގިނަ ޢަދަދަކަށް މޭވާ އާއި ތަރުކާރީގެ ބާވަތްތައް ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ރަނގަޅަށް އެނގިގެން އަދި ދަސްކޮށްގެން ކަމަށް ވިދާޅުވިއެވެ.

މިފަދަ ތަޖްރިބާކާރު ބޭފުޅުންގެ އިރުޝާދާއި އެކު ރައްކާތެރި ގޮތުގައި ކާބޯތަކެތި އުފައްދަން ދަސްކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

"ގިނަ ފަހަރަށް ކިއުކަމްބާ ފަދާ ބާވަތްތައް ބޭނުން ނުކުރަން. ވަރަށް ޖެހިލުންވޭ. އެއީ ކެމިކަލްތަކަކީ ކިހާ ނުރައްކާތެރި ތަކެތިކަން ރަނގަޅަށް އެނގޭތީ. މިތަކެތީގެ ރައްކާތެރިކަން ކަށަވަރު ނުވޭ. އެކަން ކުރަން ޖެހޭ. އެކަން ކުރެވޭނީ އެކަމުގެ ތަޖުރިބާހުރި ބޭފުޅުން އައިސް ތިބެގެން" ސްޓޭޓް މިނިސްޓަރ ޞާދިޤް ވިދާޅުވިއެވެ.

މައިކޮލެޖުން މައްލޫމާތު ދެއްވާގޮތުގައި އަލަށް މިހުޅުވުނު ސްކޫލުގައި ހިންގާ ފުރަތަމަ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ބައިވެރިންނަށް ގިނަ ފުރުޞަތުތައް ފަހިވާގޮތަށް ޕްރޮގްރާމްތައް އެކުލަވާލާފައި ވާކަމަށެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.