އައްޑޫ ސިޓީކައުންސިލުން ފުރަތަމަ ފަހަރަށް ރައްޔިތުންނާއި ބައްދަލުކުރުން.

ހަބަރު

ރައްޔިތުންގެ ބައްދަލުވުން، 90 ޕަސެންޓަކީ ބިމުގެ މައްސަލަތައް - މޭޔާރ ނިޒާރު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 22 މެއި 2022 , އާދީއްތަ 16:00 4   406

ކައުންސިލަށް ހުށަހެޅޭ މައްސަލަތަކުގެ 90 ޕަސެންޓަކީ ބިމާއި ގުޅޭ މައްސަލަތައް ކަމަށް އައްޑޫ ސިޓީ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ، ކައުންސިލް ހުވާކުރިތާ އެއްއަހަރު ފަހުން، ހިތަދޫ ރައްޔިތުންނާއިއެކު ބޭއްވި ފުރަތަމަބައްދަލުވުމުގައެވެ. މިބައްދަލުވުން އޮތީ ހޮނިހިރު ދުވަހުގެރޭ އައްޑޫ ހައިސްކޫލްގެ ހޯލުގައެވެ.

ބައްދަލުވުމުގައި އައްޑޫ ސިޓީ މޭޔަރ އާއި ހިތަދޫގެ ފަސް ކައުންސިލަރުންގެ އިތުރުން އެހެންދާއިރާތަކުން ދެ ކައުންސިލަރަކު ބައިވެރިވިއެވެ.

އެޖެންޑާގެ ފުރަތަމަ އައިޓަމެއްގެ ގޮތުން، ކައުންސިލްގެ މާލީ ރިޕޯރޓް ހުށަހަޅައިދީފައިވެއެވެ.

ވީޑިއޯ : ބައްދަލުވުމުގެ އުސްއަލިތައް

މާލީ ރިޕޯރޓްގައިވާ މަޢްލޫމާތުތަކަށް ބަލާއިރު ނިމިދިޔަ 2021 ވަނަ އަހަރު ކައުންސިލުން ޖުމްލަ 100.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ޢާމްދަނީ އަށް ބަލާއިރު، ދައުލަތުގެ ބްލޮކް-ގްރާންޓްގެ ގޮތުގައި 72.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، ކައުންސިލްގެ ޢާމްދަނީގެ ގޮތުގައި 15.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ދައުލަތުގެ އެހެނިހެން އިދާރާތައް މެދުވެރިކޮށް 18.6 މިލިއަން ރުފިޔާ ލިބުނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް 4.4 މިލިއަން ރުފިޔާ ދީފައިވާއިރު، އޭގެތެރެއިން ޚަރަދު ކުރެވިފައިވަނީ 1.1 މިލިއަން ރުފިޔާއެވެ. މިބައްދަލުވުމުގައި އެކޮމިޓީގެ އެއްވެސް މެމްބަރަކު ބައިވެރިވެފައި ނުވެއެވެ.

ރައްޔިތުންގެ ޓްރަސްޓް ފަންޑަށް 26.4 މިލިއަން ރުފިޔާ ޖަމާވިއިރު، ޚަރަދުކޮށްފައިވަނީ އޭގެތެރެއިން އެންމެ 79،000 ރުފިޔާއެވެ. އެއީ ޓޫރިޒަމް ޕްރޮމޯޓްކުރުމަށްކަމަށް ރިޕޯޓްގައިވެއެވެ. ބާކީހުރިބައި ޚަރަދުނުކުރެވުމުގެ ސަބަބުން 2022 އަހަރުގެ ބަޖަޓަށް ކެރީ-ފޯރވާޑް ކުރެވިފައިވެއެވެ.

ސިޓީ ކައުންސިލްގެ ޚަރަދުތަކުގެ ތަފްޞީލަށް ބަލާއިރު އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ، އޮފީސްހިންގުމަށް ބޭނުމަށްޓަކައި ގަތް ތަކެއްޗަށެވެ. މިގޮތުން 3،813،249 ރުފިޔާ އެތަކެއްޗަށް ޚަރަދުކޮށްފައިވެއެވެ. ސަބްސިޑީއާއި ސަރުކާރުން ޚަރަދުކުރާ އިސްތިރާކުތަކަށް ދެއްކުމަށް 3،475،880 ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ރިޕޯރޓްގައިވެއެވެ. ދަތުރުފަތުރަށް 310،648 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއިން އެއްވެސް ޚަރަދެއްގެ ތަފްޞީލް މިބައްދަލުވުމުގައި ހާމަކޮށްފައިނުވެއެވެ.

ނިމިދިޔަ 2021 ވަނަ އަހަރު ކައުންސިލުން ޚަރަދުކޮށްފައިވާގޮތުގެ ޚުލާޞާ ރިޕޯޓް

"މީގެކުރިން ދޫކޮށްފައި ހުރި ބިންތައް ދޫކޮށްފައި ހުރީ ބިން އޮތީ ކޮންތާކުތޯ ވެސް ނުބަލާ. ކުޅިތަކުގެތެރެއިން ވެސް ބިންތައް ދޫކޮށްފައި އެބަހުރި. ބިމުގެ މައްސަލަ ޙައްލުކުރެވޭނީ ބިން ހިއްކައިގެން." ބިމުގެ މައްސަލައާއި ގުޅިގެން، ނިޒާރު ވިދާޅުވިއެވެ.

ކައުންސިލަށް އޮތް ގޮންޖެހުންތަކާއި މެދު ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ކައުސިލްތަކަށް އަދިވެސް އެކަށީގެންވާވަރަށް ޖާގަ އާއި ވަޞީލަތްތައް ނުލިބޭކަމަށެވެ. ހުރިހާކަމެއް ގޮސް ގުޅެނީ ލޭންޑްޔޫސް ޕްލޭނަށް ކަމަށްވެފައި، އެ ޕްލޭން ފުރިހަމަ ނުވުން އެއީ ބޮޑު ހުރަހެއް ކަމެއް ކަމުގައި ވިދާޅުވެފައެވެ. އަދި މިހާރު ކައުންސިލުން އަމިއްލައަށް އެކަން ކުރަމުން އަންނަކަން ވެސް ފާހަގަކުރެއްވިއެވެ.

"ނިމިދިޔަ 5 އަހަރު ކައުންސިލެއް ނުވެސް ނެތް. ހަމައެކަނި ބަލެހެއްޓީ ވިހައި-މަރުވާ. ނާސަރީގެ މަސައްކަތް ވެސް އެބަދޭ ކުރިއަށް. ކަރަންޓް ނުލެވިގެން ކުރިއަށް ނުދެވިފައި އޮތީ. މިހާރު ކަރަންޓުވެސް ލައި، ކޮންމެވެސް ވަރަކަށް ގަސްވެސް ހައްދަން ފަށފައިވަނީ." ނިޒާރު ވިދާޅުވިއެވެ.

ބައްދަލުވުމަށް ޙާޟިރުވި ބައެއް ޢާއްމުން

މިބައްދަލުވުމުގައި، ރައްޔިތުންގެ ތެރެއިން ސުވާލާއި މަޝްވަރާ ހުށެހެޅުމަށް ހުޅުވާލި ފުރުޞަތުގައި ގިނަބަޔަކު ވަނީ ބައިވެރިވެފައެވެ.

މިފުރުޞަތުގައި ވެސް، އެންމެ ގިނަ ޝަކުވާ ހުށަހެނު އެއްދާއިރާ އަކީ ބޯހިޔާވަހިކަމުގެ ދާއިރާއެވެ. އޭގެ އިތުރުން ލޭންޑްޔޫޒް ޕްލޭން ދިގުލައިން ދިއުމާއި، މަގުހެދުމުގެ ޕްރޮޖެކްޓަށް ހިތަދޫ ފަޅުން ވެލިނެގުމާއި، ޕާކްތައް ނުބެލެހެއްޓުމާއި، މަގުބައްތިތައް ނުދިއްލުމުގެ މައްސަލައާއި، މަސްތުވާތަކެތި ކޮންޓްރޯލްނުވުން ހުށަހެޅުނު ޝަކުވާތަކުގެތެރޭގައި ހިމެނެއެވެ. އަދި ކައުންސިލްގެ ހިންގުން ހަރުދާކުރުން މުހިއްމުކަމަށް ފާހަގަކުރައްވައި، ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެކަންކަމާއި ގުޅޭގޮތުން ޚިޔާލު ހުށަހެޅުނެވެ.

ކައުންސިލްތަކަށް އަހަރުކު ތިން ފަހަރު ރައްޔިތުންނާއި ބައްދަލުކޮށް ކައުންސިލްގެ މަސައްކަތްތަކާއި ގުޅޭ މަޢްލޫމާތުއަރުވާ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ޤާނޫނުން ލާޒިމް ކުރެއެވެ.

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް ރައްޔިތުންގެ ބައްދަލުވުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.