ގަވަރުނަރު، ފިނޭންސް މިނިސްޓަރު، އަދި އިކޮނޮމިކް މިނިސްޓަރު (ކ-ވ)

ހަބަރު

ކޮލަމް : ލަންކާއަށް ވީގޮތްވުން ވަރަށް ގާތް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 24 މެއި 2022 , އަންގާރަ 07:57   308

އެގޮތްވެދާނެކަމަކަށް ލަންކާ މީހުންވެސް ހިޔެއް ނުކުރެއެވެ. ރަޝިއާއިން ޔޫކްރޭނަށް އަރައި އެޤައުމު ސުންނާފަތިކޮށްލާނެއޭ ވެސް އެޤައުމުގެ ރައްޔިތުން ހިޔެއްނުކުރެއެވެ.

އަހަރުމެން ހީނުކުރާ ވަރަށް ގިނަކަންކަމާއި މިދަނީ ކުރިމަތިލަމުންނެވެ. ބުއްދިވެރިގޮތަކީ، ކަންއޮތްގޮތް ބަލައި ފިޔަވަޅުތައް އެޅެންއޮތް ދިމަދިމާލުން ފިޔަވަޅުތައް އެޅުމެވެ.

ސަރުކާރު ހިންގަން ޖެހެނީ އަދި ވަޢުދު ވާންޖެހެނީ ވެސް ލިބޭ ޢާމްދަނީއަށް ބަލައި، އެއީ ކުރެވޭނެވަރުގެ ކަމެއްތޯ ބަލައި ޔަޤީންކުރުމަށްފަހުއެވެ.

ދިވެހިރާއްޖޭގައި، މިފަހަކަށް އައިސް ބޮޑު މެނިފެސްޓޯ އަކާއި އެކު ވަޢުދުފޮށްޓެއް ކޮންމެ އިންތިޚާބަކާއި ދިމާކޮށް ނެރެއެވެ. އެއީ ފުއްދޭނެ ވަޢުތަކެއްތޯ ސަރުކާރަކުން ވެސް އަދި އަމުދަކުން ރައްޔިތުންވެސް ބަލާކަށް ބޭނުމެއް ނޫނެވެ. އެއްޗެއް ލިބެންޏާމު ހޯދަންވީއެވެ.

ބަނދަރު ހަދަން ނުޖެހޭ، ޤުދުރަތީގޮތުން ލަފާފުރުމުގައި މާބޮޑުދަތިތަކެއް ނެތް އެތައް ރަށެއްގައި ބަނދަރު ހަދައިފިއެވެ. އެއަރޕޯޓް ހަދައިގެން ދެކޮޅުނުޖެހޭ އެތައް ރަށެއްގައި އެއަރޕޯޓް ހަދައިފިއެވެ. ދައުލަތަށް އެއްވެސް ޢާމްދަނީއެއް އިތުރުނުވެ، މަގުހެދުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި، ބިންހިއްކުން ވެސް ހުރީ މެކުހުގައެވެ. ވެކްސިން ގެނެސް ހިލޭ ކޮވިޑް ވެކްސިން ވެސް ޖަހައިދީފިއެވެ. ކަރަންޓީނު ކުރީވެސް ދަޢުލަތުގެ ޚަރަދުގައި ތިންއިރަށް ކާންދީ، ވައިފައި ދީފައި ރިސޯޓްތަކުގައި ބައިތިއްބަގެންނެވެ.

މުސާރައިން ބައިލޯލާރި އެއްވެސް ނުކަނޑައެވެ. ވިއްޔާމުވީ އިތުރެވެ. ސިޔާސީ މަޤާމުތަކާއި ދައުލަތުގެ މުވައްޒަފުން ވެސް ވީއިތުރެވެ.

ދެން އައިސް ޓީޗަރުންގެ މުސާރަވެސް ބޮޑުކުރީއެވެ. އެއީވެސް 500 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމުގައި އެކަން އިޢްލާނު ކުރިއިރު ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އެވަރަކުން ވެސް ނުފުދެއެވެ. ޔުނިވާސިޓީތަކުގައި ކިވައިދޭ ލެކްޗަރަރ އިންގެ މުސާރަ އާއި ނަރުހުންނާއި ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ޖެހިއްޖެއެވެ. އެވަޢުދުވެސް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފިއެވެ.

ތެލާއި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެއްޖެއެވެ. ސައިކަލަށް އަޅާ ޕްޓްރޯލް އެކަންޏެއް ނޫނެވެ. ކައްކާ ތެޔޮ ވެސް އެހެރީ ކޮވިޑު ކުރިއާއި ބަލާއިރު ދެގުނަ ވެފައެވެ. ޓިނުގަނޑަކުން ވެސް 30 ޕަސެންޓް ބޮޑުވެއްޖެއެވެ. ޑޮލަރުގެ އަގު 20 ގައި ހުރެފައި މިހާރު ގޮސް އެހެރީ 17 ގައެވެ.

ރަޝިއާއިން ޔޫކްރެއިން އަށް އަރާފައިވާތީ، ރަޝިއާ ފަތުރުވެރިން ވެސް އަންނަނީ ވަރަށް މަދުންނެވެ. ގިނަ ރިސޯޓްތަކުން ކޮވިޑްތެރޭގައި ނަގާފައިވާ ލޯނުތަކައް ފައިސާދެއްކުން މަޑުޖައްސައި ދައުލަތުން އިތުރު ލުއިތަކާއި ކޮންސެޝަންތައް ހޯދާފައިވެއެވެ. ޓެކްސްގެ ކަންތައް ވެސް ދިޔައީ އެކަހަލަ ގޮތަކަށެވެ. އެމީހުން މިހާރު އެދިފައިއޮތީ ކުލިތައް ކުޑަކުރުމަށެވެ.

ސަރުކާރުގެ ގިނަ ކުންފުނިތައް ހިންގަނީ ގެއްލުމުގައެވެ.

ޢާމްދަނީ އިތުރުނުވެ، ޚަރަދު ބޮޑުކުރީމާ އެބައި އަންނާނެ ތަނެއް ވެސް ހުންނަންވާނެއެވެ. ރާއްޖޭގެ ދަރަނި އަތްނުފޯރާފަށަށް ގޮސްފިއެވެ. ބައިނަލް ޢަގުވާމީ މާލީ އިދާރާތަކުން ވެސް ވަނީ އެކަންބޮޑުވުން ފާޅުކޮށްފައެވެ. އަދިވެސް އަހަރެމެން ހޭލާކަށް ނުވޭހެއްޔެވެ.

މިއީ ވާހަކައެއް ނޫނެވެ. ދިވެހިރާއްޖޭގެ އަދުގެ ޙާލަތެވެ.

- ކިލެގެފާނު -

ޓެގްސް: ދައުލަތުގެ ބަޖެޓް ދައުލަތުގެ ދަރަނި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.