ބަނގްލާދޭޝް އެއަރޕޯޓުގައި މިފަދަ ގިނަ މެޝިންތައް ބެހެއްޓިފައިވޭ

ހަބަރު

އީ-ގޭޓް ބޭނުންކުރަންފެށި ދެކުނު އޭޝިއާގެ ފުރަތަމަ ގައުމަކަށް ބަނގްލަދޭޝް ވެއްޖެ

އަލީ އަޒްޔަން - ދެކުނު އޭޝިޔާ | 11 ޖޫން 2022 , ހޮނިހިރު 08:56   279

އީ-ގޭޓް ނިޒާމަކީ އިމިގްރޭޝަން އޮފިސަރުންނާއި ނުލާ ޕާސްޕޯޓް ޗެކްކޮށް އެގައުމަކަށް ވަނުމާއި ނިކުތުމުގެ ހުއްދަދޭ ނިޒާމެކެވެ.

މިޕްރޮޖެކްޓް އިފްތިތާޙް ކޮށްދެއްވާފައިވަނީ ބަނގްލާދޭޝްގެ ހޯމް މިނިސްޓަރ އަސަދުއްޒަމާންޚާން ކަމާލް އެވެ.

ބަނގްލާދޭޝް ސަރުކާރުން ބުނެފައިވަނީ އީ-ގޭޓްގެ 27 ގޭޓެއް މިހާރު ހަޒްރަތް ޝާހްޖަލާލް އިންޓަނޭޝަނަލް އެއަރޕޯޓުގައި ބެހެއްޓިފައިވާނެ ކަމަށެވެ. އަދި މީގެ ސަބަބުން އީ-ޕާސްޕޯޓެއް އޮތް ކޮންމެ މީހަކަށް މިގޭޓްތެރެއިން، އޮފިސަރެއްގެ އެހީއެއް ނެތި، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިމިގްރޭޝަން ހުރަސްކުރެވޭނެކަމަށެވެ.

ހަޒްރަތް އެއަރޕޯޓުން ބުނެފައިވަނީ އެންމެ 18 ސިކުންތުތެރޭގައި އިމިގްރޭޝަން ޕްރޮސެސް (މަސައްކަތް) ނިމޭނެކަމަށޭވެ.

މި ނިޒާމް ތަޢާރަފްވުމާއި އެކު ދިގު އިމިގްރޭޝަން ކިއުލައިންތަކުގައި ކިއުގައި މަޑުކުރަން ޖެހުން ނިމުމަކަށް އައީކަމަށް އެގައުމުން ބުނެއެވެ.

އިތުރަށް ބުނެފައިވަނީ މިފަދަ 50 އީ-ގޭޓް ބަނގްލާދޭޝްގެ އެއަރޕޯޓްތަކުގައި ބެހެއްޓޭނެކަމަށެވެ.

ބަނގްލާދޭޝް އަކީ މިފަދަ ނިޒާމެއް ތަޢާރަފްކޮށް ބޭނުންކުރަންފެށި ދެކުނު އޭޝިއާގެ ފުރަތަމަ ގައުމެވެ. މިނިޒާމް އެގައުމަށްގެނެސް ބަހައްޓައިދީ ތަމްރީންތައް ދީފައިވަނީ ޖަރުމަންވިލާތުގެ ކުންފުންޏެއް ކަމަށްވާ ވެރިޑޯސް އިންނެވެ.

ދިވެހިރާއްޖެއިން ވެސް މިފަދަ ނިޒާމެއް ތައާރަފް ކުރުމުގެ މަސައްކަތް 2010 ވަނަ އަހަރު ފެށިއެވެ. ރާއްޖެއިން އޭރު އެމަސައްކަތް ޙަވާލުކުރީ އިމިގްރޭޝަން ކޮންޓްރޯލަރ އަކަށް ހުންނެވި އިލްޔާސް ހުސެއިން ގެ ބެލުމުގެ ދަށުން މެލޭޝިއާގެ ނެކްސްބިޒް ކިޔާކުންފުންޏަކަށެވެ.

ނަމަވެސް އެ އެއްބަސްވުން ރައީސް ވަހީދުގެ ވެރިކަމުގައި އުވާލުމާއި ގުޅިގެން އެކުންފުނިން ސިންގަޕޫރު އާބިޓްރޭޝަން ކޯޓަށް މައްސަލަ ހުށަހަޅައި ކާމިޔާބުކޮށްފައެވެ. ނެކްސްބިޒުން ކޯޓުގައި އެދިފައިވީ 272 މިލިއަން ޑޮލަރު ބަދަލުގައި ހޯދުމަށް ނަމަވެސް ކޯޓުން ދިވެހި ދައުލަތުގެ މައްޗަށް ހުކުމްކޮށްފައިވަނީ 17.9 މިލިއަން ޑޮލަރު ދިނުމަށެވެ.

ދިވެހި ސަރުކާރުން ވަނީ އެފައިސާ 10 ފެބުރުއަރީ 2010 ގައި އެކުންފުންޏަށް ދައްކާފައިކަމަށް އެޓަރނީ ޖެނެރަލް ބުނެފައިވެއެވެ.

ޓެގްސް: އިމިގްރޭޝަން ބަނގްލަދޭޝް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.