ރައީސް ނަޝީދާއި އީވާ ވިދާޅުވަނީ ކޮންމެގޮތެއް ހެދިޔަސް ދޫނުދެއްވާނެކަމަށް

ހަބަރު

އެޅިހައި ބަތަކަށް ރިހަ ނިމުމަކަށް؟

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 15 ޖޫން 2022 , ބުދަ 11:23 1   452

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ކުރިމަތި ލައްވާނެކަން ވަނީ އެތައް ފަހަރެއްގެ މަތިން އިޢްލާން ކުރައްވާފައެވެ.

ރައީސް ސޯލިހްވެސް ގެންދަވަނީ ވެރިކަމުގައި ބާރު ގަދަ ކުރައްވަމުންނެވެ. އަދި ޕާޓީގެ ކޮންޓްރޯލް މިހާރު އޮތީ ރައީސް ސޯލިހްގެ އަތްޕުޅުގައެވެ. ކޯލީޝަން ޕާޓީތައް ވެސް އޮތީ އެމަނިކުފާނާއި އެކުއެވެ. ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ވެސް އެމަނިކުފާނު އަތްޕުޅުގައެވެ.

ރައީސް ނަޝީދު ޕާޓީގެ ކޮންޓްރޯލް ހޯއްދެވުމަށާއި، ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ތަކުރާރުކޮށް މަސައްކަތްކުރައްވާ އެކަންކަން ވަނީ ނާކާމިޔާބުވެ ވަޑައިގެންފައެވެ. ދެން މަސައްކަތް ކުރެއްވީ ރައްޔިތުންގެ އައްލަބިއްޔަތުން ރައީސުލްޖުމްރިއްޔާ ހޮވަން އޮންނައޮތުން ބަދަލުކުރެއްވުމަށެވެ. އެކަންވެސް ކާމިޔާބު ނުކުރެއްވުނެވެ.

ރައީސް ސޯލިހް ނިމިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަރަށް ސާފު އިބާރާތުން ވިދާޅުވެފައިވަނީ ދެވަނަ ދައުރެއް ހޯއްދަވަން ތައްޔާރުވެ ވަޑައިގެން ހުންނެވިކަމަށެވެ. އަދި އެމްޑީޕީ އަށް ވެރިކަން ލިބެންޖެހޭ ކަމަށާއި، ވެރިކަމަށް އަންނަންޖެހޭނީ އައްލަބިއްޔަތުން ކަމަށާއި، ކޯލީޝަނެއްގެ ތެރެއިން ނޫނީ މިރާއްޖޭގައި ވެރިކަން ނުކުރެވޭނެކަމަށާއި، ވެރިކަމުގެ ފޯމިއުލާ އޮތީ އެމަނިކުފާނު އަތްޕުޅުގައި ކަމަށެވެ.

މިވާހަކަތަކަށް ފަހު ރައީސް ނަޝީދު ވިދާޅުވީ މިވަގުތަކީ ވެރިކަމުގެ ހުވަފެން ބަލަންވީ ވަގުތު ނޫންކަމަށާއި، ގައުމު ދަރަނިން ސަލާމަތްކުރަން ޖެހިފައިވާކަމަށެވެ.

ދެން ފެނުނީ ރައީސް ސޯލިހް، ގާސިމް އިބްރާހީމް އާއިއެކު ވަރަށް އަރިސްކޮށް އދ. މާމިގިލީގައި ބައްދަލުވުންތަކެއް ބޭއްވި މަންޒެވެ. އަނެއްކާވެސް ނަޝީދުގެ ހުޅުގަނޑު ފަޅައިގެން ދިޔައެވެ. މިކަމާއި ވިދިގެން ނަޝީދު ވިދާޅުވީ، ލަގަން އޮތީ ގާސިމްގެ އަތްޕުޅުގައި ކަމަށެވެ.

ސަރުކާރުން ދަނީ މަޖިލީސްތެރެއިން ސަރުކާރުން ބޭނުންވާގޮތަށް ކަންކަން ހުށަހަޅައި ހުރިހާކަމެއް ފާސްކުރުވަމުންނެވެ. މިއާއި އެކު ރައީސް ނަޝީދު ފެކްޝަނަށް ނިސްބަތްވާ ގިނަ މެމްބަރުން ސަރުކާރުން ހުށަހަޅާ ކަންކަމާއި އިދިކޮޅަށް ވޯޓު ދޭން ފެށިއެވެ. އަދި ސަރުކާރުން މިކަމާއި ކަންބޮޑުވާން ފެށިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަކީ ޒަމާންތަކެއް ވަންދެން ރައީސް ނަޝީދު އަށް ވަފާތެރިކަމަށް ގިނަބަޔަކު ދެކެމުން އައި ފަރާތެކެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ނުހަނު ބޭނުންފުޅުވާކަމަށް ނަޝީދަށް ދެންނެވުމުން އެންމެފުރަތަމަ އެއްބަސްވެ ވަޑައިގަތަސް، މަންޒަރު ބަދަލުވެ މަޖިލީހުގެ ރައީސްކަމުގެ ގޮނޑިއާއި ޙަވާލުވެވަޑައިގެންނެވީ ރައީސް ނަޝީދެވެ. ނައިބަކަށް ވީ އީވާއެވެ. އަސްލަމް އާއި އަސްލަމް އަށް ތާޢީދުކުރައްވާ ބައެއް ފަރާތްތަކުން ދެކެނީ މިއީ ވަރަށްބޮޑު ބޭއިންސާފެއް ކަމަށެވެ.

މަހެއްހާދުވަސް ކުރިން ބޭއްވުނު، އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި އަލީ އާޒިމް އާއި ވާދަކުރައްވާ، އަސްލަމް ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ހޯއްދަވާފައެވެ. މިފަހަރު ރައީސް ނަޝީދުގެ ފަރާތްޕުޅުން ވާދަކުރެއްވީ އާޒިމެވެ.

މައްސަލަ އިތުރަށް ހޫނުވެ އެލާރޓްވާ ހިސާބަށް މިދިޔައީ އަސްލަމް އިސްކޮށް ހުންނަވާ ޕާލަމެންޓްރީ ގްރޫޕްގެ ތެރެއިން ވިޕްލައިންތައް ނެރުއްވަން ފެއްޓެވުމުންނެވެ. މިކަމާއި ނުރުހުން ފާޅުކުރައްވާ، ރައީސް ނަޝީދު ވިދާޅުވީ، ވިޕްލައިނާއި އެއްގޮތަށް ވޯޓު ނުދެއްވާނެ ކަމަށާއި، ޕާޓީން ކަނޑާލައިފިނަމަ ވަރަށް ދެރަވާނެ ކަމަށެވެ. އެމްޑީޕީ އަށް ނިސްބަތްވާ 65 މެމްބަރުންގެ ތެރެއިން، ޖުމްލަ 19 މެމްބަރަކު ވަނީ ނަޝީދުގެ ބަސްމަގަށް ތާޢީދުކުރައްވާފައެވެ.

މިހެން މިކަންވުމުން، އަނެއްކާވެސް އަސްލަމް ކޯފާ އިސްކުރައްވާ ވިދާޅުވީ، އެކަން އެގޮތަށް ކުރައްވައިފިނަމަ ދެން އޮންނަ މަޖިލީހުގެ އިންތިޚާބުގައި އެބަޔަކަށް ޕާޓީގެ ޓިކެޓަށް ވާދަނުކުރެވޭގޮތް ހަދަން މަސައްކަތް ކުރައްވަން ފައްޓަވައިފިކަމަށެވެ.

އަސްލަމްގެ ވާހަކައަށް ރައްދު ދެއްވައި އެމްޕީގެ ޕީޖީ ގްރޫޕްގެ ވަޓްސްއެޕް ގުރޫޕް ވަނީ ތަޢައްޔަރުކޮށް މެސެޖްތައް ބަންޑުންކޮށްލާފައެވެ.

އޭގެތެރެއިން މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ޑިޒްނީގެ ކެރެކްޓާރ އެއް ރަމްޒުކޮށްދޭގޮތަށް އަސްލަމް އަށް ނިސްބަތްކުރައްވާ ފޮޓޯއެއްލުމުގެ އިތުރުން، މަޖިލީހުގެ ނައިބް ރައީސް އަދި ޕީޖީ ގްރޫޕްގެ ނައިބް ލީޑަރު ވިދާޅުވީ، މައިނޯރިޓީ އާއި ދޭތެރޭ ވަރަށް އިހާނެތިކޮށް މެޖޯރިޓީ އިން ކަންކަން ކުރާކަމަށާއި، "އެޅިހައި ބަތަކަށް ރިހަ" އަޅަމުން ނުދެވޭނެ ކަމަށެވެ.

އިތުރަށް އީވާ ވިދާޅުވީ، ވޯޓުން ދޭނީ ބޭނުންވާ ގޮތަކަށް ކަމަށެވެ. އަސްލަމް އަށް ފެންނަގޮތަކަށް އަސްލަމްކަންކަން ކުރައްވަމުން ގެންދެވުމަށް ވެސް އެދިވަޑައިގަތެކެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު، ކުރިން އެކުގައި މަސައްކަތްކުރެއްވި އެތައް މިތުރުންނެއް ވަނީ ހަތުރުންނަށް ވެފައެވެ. އިންތިޚާބުގެ ހަލަބޮލިކަމާއި މިފަހަރު ދިމާވާއިރު، ގައުމުގެ މަލީ ހާލާތުވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.

ޓެގްސް: އެމްޕީ އީވާ އެމްޕީ އަސްލަމް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.