މޯލްޑިވިއަންގެ ފްލައިޓެއް އައްޑޫސިޓީ ގަމަށް ބަނދަރުކޮށްފައި

ހަބަރު

މޯލްޑިވިއަންގެ ޓިކެޓްތައް އަތް ނުފޯރާފަށަށް، 100 ދުވަހުގެ ވަޢުދު ބިލާހަކަށް!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 15 ޖޫން 2022 , ބުދަ 20:55 1   1463

ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވެސް ވައިގެ ދަތުރުތަކުގެ އަގު ބޮޑުގައުމެވެ. އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނާފައި އޮތް ވައުދެކެވެ. މިވަޢުދު ސަރުކާރުން ފުއްދާފައިވަނީ 2 ޖެނުއަރީ 2019 ވަނަދުވަހުއެވެ.

އޭރު ޓިކެޓްތަކުގެ އަގުހެޔޮކުރިކަން އިޢްލާން ކުރަވަމުން، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ، ގެނެވުނު ބަދަލުގެ ތެރެއިން 25-30 ޕަސެންޓް ހުރިހާ މަންޒިލެއްގެ ހުރިހާ ޓިކެޓްތަކުން އަގުހެޔޮ ވާނެކަމަށެވެ.

ހަމަ އެދުވަހު ރިޒްވީ އިތުރަށް ވިދާޅުވީ، ޓިކެޓްތައް އަގުހެޔޮކުރިއިރު ކޮންމެ މަހަކު އަގުހެޔޮ ރޭންޖްގައި 15،000 ސީޓް ލިބޭނެކަމަށެވެ. "އެވަރަށް ޖާގަ ދޭ އިރު ވަރަށް ގިނަ ބޭފުޅުންނަށް އޮންނާނީ އަގުހެޔޮކޮށް ޓިކެޓް ލިބިފައި،" ރިޒްވީ ވިދާޅުވި އެވެ.

އޭރު ސަރުކާރުން ވަޢުދުވީ، ސަރުކާރުން ސަބްސިޑީދީގެން ވިޔަސް އެކަން އެގޮތަށް ދަމަހައްޓާނެކަމަށެވެ.

އެކަމަކު ކަންހިނގާދިޔައީ އެގޮތަކަށް ނޫނެވެ. މިހާރު ދެން ކޮވިޑްގެ ޙާލަތުވެސް ފިލައިފިއެވެ. އެވިދާޅުވާ އަގުހެޔޮޮ ސީޓް ހޯދާހޯދާ ނުފެނުނެވެ. ފުލައިޓުތައް ދަތުރު ނުލިބޭތީ ހުއްޓާލާފަކާ ވެސް ނެތެވެ. ޓޫރިސްޓުން ވެސް އެބައާދެއެވެ. ހުރިހާ ފްލައިޓެއްހެން ދުއްވަނީ ފުރި ބާރުވެގެންނެވެ. ދުއްވާނެ އިތުރު ފްލައިޓްތައް ވެސް އެބަގެނެއެވެ. ހުރި ފްލައިޓްތައް ވިއްކާލާކަށް ނުޖެހެއެވެ.

އޭރު ސަރުކާރުން ޓިކެޓްތައް އަގުހެޔޮކުރިކަން އިޢްލާން ކުރިއިރު ބައެއް މަންޒިލްތަކުގެ ޓިކެޓްތަކުގެ އަގު ހުރި ގޮތާއި މިހާރުހުރި ގޮތް:

  • މާލެ އިން ހަނިމާދޫ އަށް 1294ރ. (ކުރިން 805ރ އަށް) - %60 ބޮޑު
  • މާލެ އިން ދަރަވަންދުއަށް 1209ރ. (ކުރިން 599ރ އަށް) - %100 ބޮޑު
  • މާލެ އިން މާފަރަށް 1209ރ. (ކުރިން 750ރ. އަށް) - %60 ބޮޑު

މޯލްޑިވިއަން އިން މީގެ ކުރިން 500 ނުވަތަ 600 ރުފިޔާ އަށް ގިނަ ރަށްތަކަށް ދަތުރުކުރެވެއެވެ. ނަމަވެސް، މޯލްޑިވިއަންގެ ވެބްސައިޓު މިއަދު ބަލާލިއިރު އެންމެ އަގުހެޔޮކޮށްވެސް ޓެކެޓެއް ވިއްކަން ހުރީ 1209 ރުފިޔާއަށެވެ. އައްޑޫ އާއި ފުވައްމުލަކަށް އެންމެ އަގުހެޔޮކޮށް ދަތުކުރެވެނީ 1400 ރުފިޔާއިން މައްޗަށެވެ. އެހެން ހުރިހާ ޓިކެޓެއް ހުރީ 1200 އިން މަތީގައެވެ.

ކުރިއަށް މިއޮތް ޢީދު ބަންދާއި ދިމާކޮށް ގިނަބަޔަކު އެކިއެކި ޒަރޫރީ ބޭނުންތަކުގައި ދަތުރުކުރަން ފޮށިތަންމަތި ބަންނަމުންދާއިރު، ޓިކެޓްތަކުގެ އަގުތައް އިންތިހާއަށް ބޮޑުކޮށްފައިވާތީ، ރައްޔިތުންގެތެރެއިން ގިނަބަޔަކު ދަނީ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ. ސޯޝަލްމީޑިއާގައި އިހްތިޖާޖްކުރަމުންނެވެ.

ދާދި ފަހުން މޯލްޑިވިއަންގެ އޮންލައިން ޕޯޓަލް އިން ގަންނަ ޓިކެޓްތައް ފުރަންދާއިރު މޯލްޑިވިއަންގެ ސިސްޓަމްތަކުން ނުފެންނަ މައްސަލަތަކެއް ވެސް ވަނީ ސޯޝަލްމީޑިއާގައި ފެންމަތިވެފައެވެ. އޮންލައިންކޮށް ޓިކެޓްތައް ކުރިއަށް ނުވިއްކާ މައްސަލައަކީ ވެސް ރައްޔިތުންގެ ޝަކުވާއެކެވެ.

ބޭރުގެ އެތައް އެއަރލައިނަކުން ރާއްޖޭގައި އަގުހެޔޮކޮށް އެތެރޭގެ އުދުހުންތައް ބާއްވަދޭން ހުށަހެޅުމުން ވެސް މޯލްޑިވިއަން އިން އެކަމަށް ހުރަސް އަޅާފައިކަމަށް އެއަރލައިންތަކުން މީގެކުރިން ބުނެފައިވެއެވެ.

ޓެގްސް: މޯލްޑިވިއަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.