އައްޑޫސިޓީގެ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި: ފުލުހުން ވަނީ މިތަކެތި އަތުލައިގެންފައި

ހަބަރު

ވައްކަމުގެ ތަފާތު ތިން މައްސަލައެއްގައި އައްޑޫސިޓީން ގެއްލުނު ތަކެތި ފުލުހުން ހޯދައިފި

އަމާނީ - އައްޑޫ އަތޮޅު | 1 ސެޕްޓެންބަރ 2022 , ބުރާސްފަތި 16:18   249

ވައްކަމުގެ މައްސަލަ އިންތިހާއަށް ބޮޑުވެ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ކުރަމުންދަނިކޮށް މިފަދަ 3 މައްސަލައެއްގައި ގެއްލުނު ތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫއިން ހުޅަހަޅާފައިވާ ވައްކަމުގެ މައްސަލަތަކަކާ ގުޅިގެން ގެއްލުނު ތަކެތި ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެ ތަކެތި ހޯދާފައިވާ ކަމަށެވެ.

އެގޮތުން، ގެއަކުން ތިޖޫރީއެއް ވަގަށް ނަގާފައިވާ ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން ތިޖޫރީވަނީ ހޯދާފައެވެ. ތިޖޫރީ ހޯދާފައިވަނީ ހިތަދޫގެ ފަޅު ހިސާބެއްގައި ވަޅުލާފައިވަނިކޮށެވެ. ތިޖޫރީގައި ޕާސްޕޯޓު ތަކަކާއި ޑޮރަލު ތަކަކާއި ޗެކް ފޮތްތަކެއްގެ އިތުރުން އެހެނިހެން ތަކެތި ހުރިކަމަށް ފުލުހުން ބުނެއެވެ.

އަދި އޯގަސްޓް 30 ވަނަ ދުވަހު ސައިކަލެއް ވަގަށްނަގާފައިވާ ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ސައިކަލު ހޯދުމަށްވެސް ޚާއްސަ މަސައްކަތްތަކެއް ފުލުހުންވަނީ ކޮށްފައެވެ. އެގޮތުން އެ ރަށު ފަޅު ގެއެއްގައި، ސައިކަލު ރޫޅާލާފައި ހުއްޓައިވަނީ ހޯދާފައެވެ.

އޭގެ އިތުރުން، މި މަހު 29 ވަނަ ދުވަހު ހިތަދޫ ގެ އަކުން އޭސީ އައުޓް ޑޯ ޔުނިޓެއް ވަގަށް ނަގާފައިވާ މައްސަލައެއް ހުށަހަޅާފައިވާއިރު އެ މައްސަލައާ ގުޅިގެން އޭސީ އައުޓް ޑޯ ޔުނިޓް ހޯދުމަށް ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް، ދެ މީހަކު ވެގެން ޔުނިޓް އަންދާލަނިކޮށް ވަނީ ފެނިފައެވެ. އައުޓްޑޯ ޔުނިޓް ވަގަށް ނެގި މައްސަލައާ ގުޅިގެން 45 އަހަރުގެ ދިވެހި ފިރިހެނަކާއި 54 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

މި ތިން މައްސަލަވެސް ހިތަދޫ ޕޮލިސް ސްޓޭޝަނުން ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.

ވައްކަމުގެ މައްސަލަތައް އައްޑޫގައި އިތުރުވެފައިވަނީ ތަކުރާރުކޮށް ކުށްކުރާ ކުށްވެރިންތަކެއް ދޫވެފައި ތިބުމުންކަމަށް ރައްޔިތުން ތުހުމަތު ކުރެއެވެ. މި ފަހަކަށް އައިސް ގޭގޭގެ ފެންމޯޓަރާއި، އައުޓްޑޯ ޔުނިޓްތަކާއި، ގޭސްފުޅި ފަދަ އަގުބޮޑު ސާމާނުތައް ވަގަށް ނަގާ މައްސަލަ އިންތިހާއަށް ބޮޑުވެފައިވެއެވެ. މިމައްސަލައަށް ޙައްލެއް ހޯދުމަށް ހިތަދޫ ޕޮލިސް ސްޓޭޝަނުން ޚާއްސަ ޕްރޮގްރާމެއް ހިންގައި ރަށުތެރެ އިތުރަށް ޕެޓްރޯލް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް ވައްކަމުގެ މައްސަލައަކީ އައްޑޫގައި އެއްވެސް ޙައްލެއް މިހާތަނަށް ލިބިފައިނުވާ މައްސަލައެކެވެ. މިކަމުގެ ސަބަބުން ޢާންމު ރައްޔިތުން ނަށް މާލީ އެތައް ގެއްލުންތަކަކާ ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހެއެވެ.

ޓެގްސް: ކުށްކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.