ވެރިކަމަށް އައުމުގެ ކުރިން އެމްޑީޕީއިން ވަނީ އައްޑޫއަށް ޚާއްޞަ ވަޢުދުނާމާއެއް އިޢްލާނުކުރައްވާފައި، ފޮޓޯ: ރައީސް ސޯލިޙް ޖެނުއަރީމަހު އައްޑޫގައި

ހަބަރު

ވަޢުދުތައް ނުފުއްދޭ، ރައީސް އަނެއްކާވެސް އައްޑޫއަށް!

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 3 ޖޫން 2023 , ހޮނިހިރު 11:54   1182

އައްޑޫގައި ބިން ހިއްކުމުގެ މަޝްރޫޢު ފައްޓަވައިދެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް މިއަދު އައްޑޫއަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސްގެ ދަތުރުފުޅަކީ މޭ މަހުގެ 3 އިން 4 އަށް އައްޑޫއަށް ކުރައްވާ ސަރުކާރުގެ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން އަދި އިސް އެހެން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަަވާނެއެވެ.

ރައީސަށް މަރުޙަބާ ދެންނެވުން އޮތީ ސ.ފޭދޫ ބަނދަރުގައި މިއަދު ހަވީރު 3.45 ގައެވެ.

މިދަތުރުފުޅުގައި ރައީސް ބިން ހިއްކެވުމުގެ މަޝްރޫޢު ފައްޓަވާދެއްވުމުގެ އިތުރުން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ވެސް ފައްޓަވައިދެއްވާނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އައްޑޫއަށް ޚާއްޞަކޮށްގެން މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ވަޢުދު ނާމާއެއް ތައްޔާރުކޮށްފައިވާއިރު، އެވަޢުދުނާމާގައި، އައްޑޫގެ ތަރައްޤީއަށް ބޭނުންވާ ގިނަކަންކަން ހިމެނެއެވެ.

ސަރުކާރުން [5 އަހަރުތެރޭގައި] އައްޑޫއަށް ޚާއްޞަކުރި ވަޢުދުނާމާގެ މުޙިއްމު ބައެއް ބައިތައް:

  1. 50 އަހަރަށް ބޭނުންވާ ވަރަށް އައްޑޫގެ ބިން ހިއްކައި ދިނުން
  2. ހިއްކާ ހުރިހާ ބިމަކަށް ފެނާއި، ކަރަންޓާއި، ނަރުދަމާ އަޅައި ދިނުން
  3. އައްޑޫގެ ހުރިހާ މަގެއްގައި ތާރު ނުވަތަ ގައު އަޅައިދިނުން
  4. 8،000 އެނދު ތައްޔާރުކޮށްދިނުން
  5. އައްޑޫގެ ސަރަޙައްދީ ބަދަރުގެ ޚިދުމަތްތައް ފުރިހަމަކޮށްދީ ބަނދަރު ތަރައްޤީކޮށްދިނުން
  6. 2،000 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއް ބިނާކޮށްދިނުން
  7. ގަމުގައި 3 ސިޓީ ހޮޓާއެޅުން
  8. މަރަދޫ އާއި ހިތަދޫ އާއި ދެމެދު ބްރިޖެއް އަޅައިދިނުން
  9. ހަންކެޑެ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށްދިނުން
  10. ފަޅުން ބައެއް ހިއްކައިން އިތުރު 3 ރިސޯޓު ހެދުން
  11. ވަޒީފާ ބޭނުންވާ ކޮންމެ މީހަކަށް ވަޒީފާ ލިބޭނެގޮތް ފަހިކޮށްދިނުން
  12. ދުނިޔޭގެ 5 މަންޒިލަކުން ދުވާލަކު 5 ފްލައިޓް އައްޑޫއަށް ޖެއްސުން
  13. ސީޕްލޭން އޮޕަރޭޝަން ދެމެހެއްޓެނިވި ގޮތަކަށް ފެށުން
  14. ކްރޫޒް ޝިޕް ޓާމިނަލްއެއް ޤާއިމުކުރުން
  15. އެއަރކްރާފްޓް އިންޖިނިއަރިން ސްކޫލެއް ހެދުން
  16. ހުޅުމީދޫގައި ޑޮކްޔާޑެއް ހެދުން
  17. ގެދޮރު ނެތް ފަަރާތްތަކަށް ގެދޮރު ދިނުން
  18. ގެދޮރު އެޅުމަށް ލުއި ފަސޭހަ ލޯނު ދިނުން
  19. ލިންކް ރޯޑާއި ބޮޑެތި މަގުތަކުގައި ބައިސިކަލް ލޭނުއަޅައި ދުވޭގޮތް ހެދުން
  20. މުޅި ސިޓީ ސީސީޓީވީ ކެމެރާ ކުރުން
  21. މުޅި ސިޓީ ގެ މަގުތައް ދިއްލުން
  22. މުޅި ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް ފުރިހަކޮށްދިނުން
  23. ލޭންޑް ޔޫޒް މާސްޓާ ޕްލޭނެއްގެ ދަށުން، މުޅި ސިޓީގެ 60 ޕަސެންޓް ކަރަންޓު އިޔާދަކުރަނިވި ހަކަތަ އަށް ބަދަލުކުރުން
  24. ކުނި ނައްތާލުމުގެ ފުރިހަމަ ނިޒާމެއް ޤާއިމުކޮށް ކުނިން ހަކަތަ އުފެއްދުން
  25. މާމަލުގެ ފިނި ބަގީޗާތައް ހެދުން
  26. އައްޑޫގެ ހުރިހާ ބަނދަރެއް ރަނގަޅު ފެންވަރެއްގައި ހަދައި ހުރިހާ ވަޞީލަތްތަކެއް ޤާއިމުކޮށްދިނުން
  27. ފެންވަރު ރަނގަޅު ރީހެބެއްގެ ޚިދުމަތް
  28. ކްލައިމެޓް ޗޭންޖް ރިސާރޗް ސެންޓަރެެއް ހަދާދިނުން
  29. މަލްޓީ ޕާޕަސް ސްޕޯޓްސް އެރީނާއެއް ހަދާދިނުން
  30. ސުވިމިންގ ޕޫލް ކޮމްޕްލެކްސް އެއް ހަދާދިނުން
  31. ރޯވިންގ ހިމެނޭގޮތަށް، މޫދު ކުޅިވަރަށް ޚާއްޞަ އެރީނާއެއް ހެދުން
  32. އެތްލެޓިކްސް ކޮމްޕްލެކްސް އެއް ހަދާދިނުން
  33. ރަނގަޅު ފެންވަރަކަށް އައްޑޫގެ ކުޅިވަރު ދަނޑުތައް ހަދާދިނުން
  34. ބޭރުގެ ފުޓުބޯޅަ ޓީމުތަކަށް ޓްރޭނިން ކޭމްޕް ހިނގޭނެ ތަނެއް ޤާއިމުކޮށްދިނުން
  35. ފޮޓޯގްރަފީ ގެލަރީއެއް ހަދައިދިނުން
  36. ޝޯތަކާއި ކޮންސާރޓަށް ޚާއްޞަ އެރީނާއެއް ހެދުން
  37. ފެންވަރު ރަނގަޅު ސިނަމާއެއްގެ ޚިދުމަތް
  38. ބިޒްނެސް އިންކިއުބޭޝަން ސެންޓަރެއް ޤާއިމުކުރުން
  39. އެއީއެޗްގެ ހުރިހާ ޚިދުމަތެއް ޓާޝަރީ ފެންވަރުގައި ފޯރުކޮށްދިނުން
  40. ނަފްސާނީ ބަލިތަކަށް ޚާއްޞަ މަރުކަޒެއް ހެދުން

އެމްޑީޕީއިން ވެރިކަމަށް އައުމުގެކުރިން އައްޑޫއަށް ޚާއްޞަކުރި ވަޢުދު ނާމާއިން، މިހާތަނަށް ފަށާފައިވަނީ ހަމައެކަނި ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތެވެ.

އިންޑިއާގެ ދެކުންފުންޏަކާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަގުހެދުމުގެ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ދުވަސްވަރާއި ދިމާކޮށެވެ. ނަމަވެސް މިހާތަނަށް އައިއިރު މަސައްކަތުގެ 20 ޕަސެންޓް ވެސް ނިމިފައިނުވާއިރު، މަސައްކަތުގެ ފެންވަރު ދަށްކަމުގެ ގިނަ ޝަކުވާ ހުށަހެޅިފައިވެއެވެ.

ބިން ހިއްކުމުގެ ޕްރޮޖެކްޓުން ވެސް ބައެއް އުނިކޮށްފައިވާތީ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު އަންނަނީ އެކަމާއި ވެސް ސުވާލު އުފައްދަމުންނެވެ.

މިލިޔުމާއި ގުޅޭ :

ވަޢުދުތައް ނުފުއްދޭތީ، މަސްއޫދު އެމްޑީޕީ ދޫކޮށް ޕީޕއެމް އަށް

ޓެގްސް: ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް އައްޑޫ އެމްޑީޕީ އިންތިޚާބު އައްޑޫ ވަޢުދުނާމާ ބިން ހިއްކުން ބިން ހިއްކުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.