އެފްރިކާ - އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރުވާންޑާގެ އިންތިހާބުގައި، ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވަން ނިންމާފައިވާކަމަށް ރުވާންޑާގެ ރައީސް ޕޯލް ކަގަމޭ ފުރަތަމަ ފަހަރަށް ވިދާޅުވެއްޖެއެވެ.
"އާދެ، އަހަންނަކީ ހަމަގައިމުވެސް ކެންޑިޑޭޓެއް،" ދިހަވަރަކަށް އަހަރު ވަންދެން ގޮށްމުށުގެ ބާރުން ގައުމުގައި ވެރިކަން ކުރައްވާފައިވާ ކަގަމޭ މީޑިއާ އަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
"ރުވާންޑާ މީހުން އަހަންނަށް ކޮށްފައިވާ އިތުބާރާ މެދު އަހަރެން ހިތްހަމަޖެހޭ. އަހަރެން އަބަދުވެސް އެމީހުންނަށް ޚިދުމަތް ކުރާނަން، އަހަންނަށް ކުރެވެން އޮތްހާ ހިނދަކު،" އުމުރުން 65 އަހަރުގެ ކަގަމޭ ބުނެފައިވެއެވެ.
އަންނަ އަހަރުގެ އޮގަސްޓް މަހު ބާއްވަން ހަމަޖެހިފައިވާ ޕާލަމެންޓްރީ އިންތިހާބާއި ރިޔާސީ އިންތިހާބުގެ ތާރީހުތައް އެއްތަން ކުރުމަށް ރުވާންޑާ ސަރުކާރުން ވަނީ މާޗް މަހު ނިންމާފަ އެވެ.
މީގެ ކުރިން ކަގާމޭ ވަނީ އޭނާގެ ނިޔަތް ސާފުކޮށް ނުދެއްވި ނަމަވެސް 2015 ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކުގެ ރިޔާސަތު ރިޔާސަތު ބަލަހައްޓައި އިތުރު ދައުރަކަށް ކުރިމަތިލައި 2034 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ދެމިހުރުމުގެ ފުރުސަތު ލިބިފަ އެވެ.
2003، 2010 އަދި 2017 ވަނަ އަހަރު ބޭއްވި އިންތިޚާބުތަކުގައި، އޭނާ ވެރިކަން ކުރައްވަމުން ގެންދަވަނީ، 90 ޕަސެންޓަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެން އެވެ.
އެފްރިކާގެ އެންމެ ހަމަޖެހޭ އެއް ގައުމު ކަމަށް ރުވާންޑާއިން ދައުވާ ކުރާއިރު، ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ތުހުމަތު ކުރަނީ ކަގަމޭ ވެރިކަން ކުރައްވަނީ ބިރުވެރިކަމުގެ މާހައުލެއްގައި ކަމަށާއި ޚިޔާލުތަފާތުވުންތައް ފިއްތާލާފައިވާ ކަމަށެވެ.
