އައްޑޫގައި ބޭއްވޭ ސްކޫލްތަކުގެ އެތްލެޓިކްސް މީޓް 2024 އަށް އައްޑޫސިޓީ ކައުންސިލްގެ އިސްނެންގެވުމާއިއެކު މުޅި އައްޑޫ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް ތައްޔާރުވެފައި

ހަބަރު

މާލެސިޓީ މޭޔަރ މާދަމާ އައްޑޫއަށް، ސައިނާގެ ސްޓޭޖް ޙަރަކާތަކާއިއެކު އެތްލެޓިކްސް މުބާރާތް ފެށުން މާދަމާ ހަވީރު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 10 ފެބުރުއަރީ 2024 , ހޮނިހިރު 20:50   1107

ޤައުމީ އެތްލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން އައްޑޫގައި ބޭއްވޭ ސްކޫލްތަކުގެ އެތްލެޓިކްސް މީޓް 2024 ގެ ޚާއްޞަ މެޙްމާނެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލްގެ މޭޔާރ އާދަމް އާޒިމް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ކުރީގެ އެސްޓީއޯ އާއި އެމްޓީސީގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާފައިވާ އާދަމް އާޒިމް އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރެވެ.

އައްޑޫގައި މިފަދަ މުބާރާތެއް ނުބޭއްވި ގިނަ ދުވަސްތަކެއްވެފައިވާއިރު، މި މުބާރާތް އައްޑޫސިޓީ އާއި ހަމައަށް ގެނެސްފައި މިވަނީ އައްޑޫސިޓީ ކައުންސިލްގެ ވަރަށް ގިނަ މަސައްކަތާއި ހޭދައަށްފަހު ކަމަށް މަޢްލޫމާތު ލިބިފައިވެއެވެ.

ހަމަ އެހެންމެ މި މުބާރާތަށްޓަކައި، އައްޑޫސިޓީ ކައުންސިލްގެ އިސްނެންގެވުމާއިއެކު، އަައްޑޫގެ އެކިއެކި މުއައްސަސާތަކާއި ސްކޫލްތައް ހިމެނޭގޮތަށް، މުޅި އައްޑޫ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް ތައްޔާރުވެފައެވެ.

މިމުބާރާތުގައި ހަތް އަތޮޅަކުން 31 ޓީމާއި އެކު ޖުމްލަ 2،047 އެތްލީޓުން ބައިވެރިވެއެވެ. މީގެ ތެރޭގައި އައްޑޫގެ 10 ސްކޫލެއްގެ 500 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެެއެވެ.

މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމަކަށް ވެސް މަރުޙަބާ ދެންނެވުމުގެ ގޮތުން ޚާއްޞަ ޙަފްލާތަކެއް އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މި މުބާރާތް އޮންނާނީ 11 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

މާދަމާގެ ހުޅުވުމުގެ ރަސްމިއްޔާތު:

މާދަމާގެ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ އައްޑޫ ސްޓޭޑިއަމްގައި މާދަމާ ހަވީރު 4.00 ގައިކަމަށް އައްޑޫސިޓީ ކައުންސިލުން މަޢްލޫމާތު ދެއްވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ޓީމްތަކުގެ ތަޢާރަފެއް އެރުވުން އޮންނާނެއެވެ. އޭގެ ފަހުގައި ޝަރަފްވެރި މެޙްމާނު މާލެސިޓީގެ މޭޔަރާއި އައްޑޫސިޓީ މޭޔަރާއި އެކު ޤައުމީ ދިދަ ނެގުން އޮންނާނެއެވެ. އެތްލެޓިކްސް އެސޯސިއޭޝަންގެ ދިދަ ނަންގަވައި ދެއްވާނީ އެ އެސޯސިއޭޝަންގެ ޓްރެޝަރާރ މުސްތަފާ މުހައްމަދެވެ. އެއަށްފަހު މުބާރާތުގެ ލޯގޯ ހިމެނޭ ދިދަ ނަންގަވައި ދެއްވާނީ އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއުއެވެ.

ދެން އޮންނާނީ ބޭންޑާއިއެކު ޤައުމީ ލަވަ ކިޔުމެވެ.

އޭގެފަހުގައި މުބާރާތް ފެއްޓުމުގެ ގޮތުން، ދަންމަރު ސްޓޭޖްމަތިން ޙަވާލުކުރުން އޮންނާނެއެވެ. މި ޙަރަކާތުގައި އައްޑޫގެ އެންމެ ވަރުގަދަ ދެ އެތްލީޓުން ބައިވެރިވާނެއެވެ.

ޚާއްޞަ ކަމެއްގެ ގޮތުގައި މޯލްޑިވިއަން އިން ވިދާލި އައްޑޫސިޓީއަށް ނިސްބަތްވާ ތަރި ސައިނާ ސްޓޭޖުގައި މުބާރާތުގެ ރަސްމީ ލަވަ ހުށަހަޅައިދިނުމާއި އެކު ޝަރަފުއްދީން ސްކޫލްކުދިންގެ ފަރި ޙަރަކާތްތަކެއް ހުށަހަޅައިދިނުން އޮންނާނެއެވެ.

އެއަށްފަހު ޝަރަފްވެރި މެޙްމާން މާލެސިޓީގެ މޭޔަރުގެ ވާހަކަފުޅު ދެއްކެވުން އޮންނާނެއެވެ.

އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން ވިދާޅުވީ، މުބާރާތުގެ ކަންކަން ބެއްލެވުމަށް އައްޑޫގެ ގިނަ ޢަދަދެއްގެ ބަޔަކު ދަނޑަވަޑައިގަތުމަށް އެދިވަޑައިގަންނަވާކަމަށެވެ.

މި ލިޔުމާއި ގުޅޭ:

އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތް: އެހެން ސަރަޙައްދުތަކުން ބައިވެރިވާ ޓީމުތަކަށް އައްޑޫއިން ހޫނު މަރުޙަބާއެއް ކިޔައިފި

ޓެގްސް: އެތްލެޓިކްސް އައްޑޫގައި ބޭއްވޭ އިވެންޓްތައް އައްޑޫ ސިޓީ ކައުންސިލް އެތްލެޓިކްސް އެސޯސިއޭޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.