ފެށުމުގެ ރަސްމިއްޔާތު ތެރެއިން، އެތްލެޓިކްސް އެސޯސިއޭޝަނުން...

ހަބަރު

ކުލަގަދަ ރަސްމިއްޔާތަކާއި އެކު އިންޓަ ސްކޫލް އެތްލެޓިކްސް މީޓް 2024 އައްޑޫސިޓީގައި ފަށައިފި

ދާނިޝް - އައްޑޫ އަތޮޅު | 12 ފެބުރުއަރީ 2024 , ހޯމަ 23:58   787

ހަތް އަތޮޅަކުން 31 ޓީމާއި އެކު ޖުމްލަ 800 އަށްވުރެގިނަ އެތްލީޓުންނާއި އެކު އިންޓް ސްކޫލް އެތްލެޓިކްސް މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއި އެކު އައްޑުސިޓީ ހިތަދޫގައި މިއަދު ހަވީރު ފަށައިފިއެވެ.

މި މަހުގެ 11-16 އަށް ޤައުމީ އެތްލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން އައްޑޫގައި ބޭއްވޭ ސްކޫލްތަކުގެ އެތްލެޓިކްސް މީޓް 2024ގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އައްޑޫސިޓީ މޭޔަރު އަލްފާލިލް އަލީ ނިޒާރެވެ. މި ރަސްމިއްޔާތުގައި އައްޑޫސިޓީ ކައުންސިލާއި، އެމްއެންޑީއެފް ސަދަން ކޮމާންޑްގެ އިސްވެރިންގެ އިތުރުން މުބާރާތުގައި ބައިވެރިވި ސްކޫލް ތަކުގެ އިސްވެރިން ބައިވެރި ވިއެވެ. ހަމައެހެންމެ ކުޅިވަރާއި ބެހޭ ވުޒާރާތަކާއި މުއައްސަސާތަކުގެ އިސް ބައެއް ވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ތަޢާރަފެއް އެރުވުގެން ދިޔައެވެ. އަދި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު އައްޑޫސިޓީ މޭޔަރު އަލީ ނިޒާރާއި، އެތްލެޓިކްސް އެސޯސިއޭޝަންގެ އެ އެސޯސިއޭޝަންގެ ޓްރެޝަރާރ މުސްތަފާ މުހައްމަދުގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރު ކާނަލް މުހައްމަދު ޖަމްޝާދުއާއި އެކު ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވުނެވެ.

މުބާރާތް ފެއްޓުމުގެ ގޮތުން، ދަންމަރު ސްޓޭޖްމަތިން ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނާއި ޙަވާލުކުރީ ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ވިދަމުން އަންނަ އައްޑޫސިޓީގެ ވަރުގަދަ ދެ އެތްލީޓުން ކަމަށްވާ ހުސެއިން ޝަހުދާން ފަހުމީ އަދި އަލްހާ ހުސެއިންނެވެ.

މުބާރާތުގެ ރަސްމީ ލަވަ ހުށަހަޅައި ދިނުމަށް މޯލްޑިވިއަން އައިޑަލް އިން ވިދާލި އައްޑޫސިޓީއަށް ނިސްބަތްވާ ތަރި ސައިނާ ބައިވެރިވި އިރު އައްޑޫސިޓީގެ ނޫރާނީ ސްކޫލާއި ޝަރަފުއްދީން ސްކޫލުގެ ފަރި ސްޓޭޖް ހަރަކާތްތަކެއް ފެނިގެން ދިޔައެވެ.

ދެކުނުގެ އަތޮޅުތަކަށް ކުރާ ވިއްސާރައިގައި، އައްޑޫސިޓީގެ މޫސުން ގޯސްވުމާއި އެކު އިއްޔެ ބޭއްވުމަށް ތާވަލު ކުރެވުނު މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތި މިއަދަށް ފަސްކުރެވުމާއި ގުޅިގެން މުބާރާތް ތާވަލާއި އެއްގޮތައް ކުރިއަށް ދާނެ ކަމާއި މެދު ސުވާލު އުފެދުނު ނަމަވެސް، މިހާ ފުރިހަމަ ގޮތެއްގައި މި ރަސްމިއްޔާތު ކުރިއަށް ގެންދެވުނީ އިންތިޒާމީ ޓީމުންނާއި ބައިވެރިވި ހުރިހާ ސްކޫލް ތަކުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެކު ކަމަށް އައްޑޫސިޓީގެ މޭޔަރު ވިދާޅުވިއެވެ.

" މި މުބާރާތުގައި މަސައްކަތް ކޮށްދެއްވި އެންމެހައި ބޭފުޅުން، އޭގެތެރޭގައި ސްޑޭޑިއަމްގެ ސްޓާފުން، ކައުންސިލްގެ ސްޓާފުން، ޕަބްލިކް ވޯރކްސްގެ މުވައްޒަފުން އަދި އެތްލްޓިކްސް އެސޯސިއޭޝަނުން ވަޑައިގެންނެވި އޮފިޝަލުންނާއި އަވަށު އޮފީސްތަކުން ކޮށްދެއްވަމުންދާ ބުރަ މަސައްކަތައް ވަރަށް ބޮޑަށް ޝުކުރު އަދައި ކުރަން" މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވިއެވެ.

ހަމައެހެންމެ މުބާރާތް އަމަން އޮމާން ކަމާއި އެކު ރޭވިފައިވާ ގޮތަށް ކާމިޔާބު ކަމާއި އެކު ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މޭޔަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މި އެތްލެޓިކްސް މުބާރާތަކީ 2017 ވަނަ އަހަރަށް ފަހު އައްޑޫގައި ބޭއްވޭ އެންމެ ފުރަތަމަ އެތްލެޓިކްސް މުބާރާތެވެ.

މި މަހުގެ 11-16 އަށް ކުރިއަށްދާ މި މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު އޮންނާނީ 16 ވާ ހުކުރު ދުވަހުގެ ރޭގަނޑުގައި ކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުމާއި ގުޅޭ:

އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތް: އެހެން ސަރަޙައްދުތަކުން ބައިވެރިވާ ޓީމުތަކަށް އައްޑޫއިން ހޫނު މަރުޙަބާއެއް ކިޔައިފި

ފޮޓޯތައް:

ޓެގްސް: އައްޑޫ އެތްލެޓިކްސް އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.