އައިޝަތް ޝާޔާ ޝަފީއު، ވިލާ އިންޓަނޭޝަނަލް ސްކޫލް

ހަބަރު

އެތުލީޓް ޝާޔާ، ޑިސްކަސް އަދި ޝޮޓްޕުޓުން އިން އައު މީޓް ރިކޯޑެއް ގާއިމުކޮށްފި

ދާނިޝް - އައްޑޫ އަތޮޅު | 16 ފެބުރުއަރީ 2024 , ހުކުރު 19:58   772

ވިލާ އިންޓަނޭޝަނަލް ސްކޫލުގެ ފަރާތުން އިންޓާ ސްކޫލް އެތްލެޓިކްސް މުބާރާތް 2024 ގައި ބައިވެރިވާ، ހިތްވަރުގަދަ އަދި ޑިސިޕްލިން ދަރިވަރެއް ކަމަށްވާ އައިޝަތް ޝާޔާ ޝަފީއު 20 އަހަރުން ދަށުގެ އުމުރު ފުރައިން ޑިސްކަސް އަދި ޝޮޓްޕުޓުން އިން އައު މީޓް ރިކޯޑެއް ގާއިމުކޮށްފިއެވެ.

އެކްސްޕްރެސް މީޑީއާއަށް ޝާޔާ ދިން އިންޓަވިއުގައި އޭނާ ބުނެފައިވަނީ މި މުބާރާތުގައި އޭނާގެ މައިގަނޑު އަމާޒަކަށް ވީ މީޓް ރިކޯޑެއް ހެދުން ކަމަށާއި، އެ އަމާޒާއި ހަމައަށް ވާސިލު ވުމުން ވަރަށް ބޮޑަށް އުފާވި ކަމަށެވެ.

ކޮންމެ އެތުލީޓެއްގެ ދަތުރަކީ ވެސް ތަފާތު އަސްލެއް އޮންނަ ދަތުރެކެވެ. އެކަމަކު ޝާޔާ ރެކޯޑް ބްރޭކިން އެތުލީޓަކަށް ވުމުގެ މަގު ފެށުނީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. މިގޮތުން އެތުލެޓިކްސް އަށް ޝާޔާގެ ދަތުރު ފެށުނީ ހީވެސް ނުކުރާ ގޮތަކަށް 2019 ވަނަ އަހަރު އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިންނެވެ. ނެޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ އާއި އޭނާގެ ޓީމަށް މި ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ކޯޗުގެ ފަރާތުން ލިބުނު ހިތްވާރާއި އެކު އޭނާ މި މުބާރާތުގެ ޑިސްކަސް އަދި ޝޮޓް ޕުޓް އިވެންޓް ގައި ބައިވެރިވީ ހަމަ ތަފާތު، މަޖާ ކަމެއް ކޮށްލުމުގެ އުސޫލުން ކަމަށް ޝާޔާ ބުނެއެވެ.

މި ޗެމްޕިއަންޝިޕްގައި ޝާޔާ 15އަހަރުން ދަށުގެ ޝޮޓް ޕުޓް ރެކޯޑް މުގުރާލިއެވެ. އަދި މިއީ އެންމެންވެސް، ޚުދު ޝާޔާވެސް ވަރަށް ހައިރާން ވެގެން ދިޔަ ނަތީޖާއެއް ކަމަށް ޝާޔާ ބުނެއެވެ.

މި ހީވެސް ނުކުރާ ފަދަ ކާމިޔާބީ އާއި އެކު ކޯޗުންނަށް ޝާޔާގެ ހުރި ހުނަރު ފެނި، މައިންބަފައިންނާއި ރަހުމަތްތެރިން ހިމެނޭހެން، އެންމެންގެ އެހީތެރި ކަމާއި އެކު އެހާރުއްސުރެ ޝާޔާ ދަނީ ޓްރެއިން ވަމުންނެވެ. އަމިއްލަ އަށް ކުރި އެކްސްޕެރިމެންޓެއްގެ ގޮތުގައި ފެށުނު ކަންތައް ބަދަލުވެގެން ދިޔައީ ރަން ވަނަތަކެއް ހޯދުމުގެ އަޒުމުގައި ކުރާ ސީރިއަސް މަސައްކަތަކަށެވެ.

މިގޮތުން ހަފުތާއަކު ހަ ދުވަހު ތަމްރީނުތައް ހަދަމުން އަންނަ ޝާޔާ ވަނީ އޭނާގެ ހުނަރު ދައްކުވައިދީ، ގިނަ ރެކޯޑްތަކެއް މުގުރާލައިފައެވެ. އެގޮތުން

2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޓައިމް ޓްރަޔަލްތަކުގައި ޑިސްކަސްގެ ގައުމީ ރެކޯޑް މުގުރާލައި، އޭގެ ފަހުން އިތުރު ހަތަރު ފަހަރެއްގެ މަތިން ޑިސްކަސްގެ ގައުމީ ރެކޯޑް މުގުރާލައި އޭނާ ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. ޝާޔާ އަކީ 2021 ވަނަ އަހަރުގެ ޓައިމް ޓްރަޔަލްތަކުގައި ހެދި ޝޮޓްޕުޓްގެ މިހާރުގެ ގައުމީ ރެކޯޑް ހޮލްޑަރެވެ. މީގެ އިތުރުން މާލޭ އިންޓަސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕާއި އަތޮޅު އިންޓަސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް އަދި މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަދަ ރާއްޖޭގެ އެކި މުބާރާތްތަކުގައި 17 އަހަރުން ދަށުގެ މުޅި އުމުރުފުރާގައި ޑިސްކަސް އަދި ޝޮޓްޕުޓްގެ މީޓް ރެކޯޑް އޮންނަ އެތްލީޓްވެސް މެއެވެ.

ޝާޔާ އޭނާގެ މި ފަޚުރުވެރި އެތްލެޓިކްސްގެ ދަތުރުގައި ކޯޗުންނާއި މައިންބަފައިން އަދި ރަހުމަތްތެރިންގެ ފަރާތުން ލިބޭ އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަ ކުރެއެވެ.

"އަޅުގަނޑުގެ ކާމިޔާބީގެ އަސްލަކީ އެއީ. އެމީހުން ނެތިއްޔާ މިއަދު މިހާ މަތީ ފަންތީގައި ޕާފޯމް ނުކުރެވޭނެ. ހަޔާތުގެ އެންމެ ދަށު ހިތްދަތި ދުވަސްވަރުތަކުގައި މޯޓިވޭޓް ކުރުމަށް އެމީހުން އެހީވެދޭ. ބޮޑެތި އަނިޔާތަކާއި މާޔޫސްވާ މުބާރާތްތަކުގައި... މުބާރާތްތަކުގައި އަޅުގަނޑަށް އެއްބާރުލުން ދީ، ކާމިޔާބީތައް ފާހަގަކުރި. އަޅުގަނޑުގެ ކޯޗުންނަކީ އަހަރެންގެ މެންޓަރުން. އެބޭފުޅުން ތިއްބެވީ އަޅުގަނޑުގެ އަމާޒުތަކަށް ވާސިލުވުމަށް އަޅުގަނޑަށް އިރުޝާދު ދެއްވުމަށް. އެކުވެރިންނަކީ އަހަރެން ދާން ބޭނުން ނުވާ ދުވަސްތަކުގައި ވެސް ޕްރެކްޓިހަށް ދާ ސަބަބު. އަދި ޕްރެކްޓިހަށް ވެސް ދާ ސަބަބަކީ އަޅުގަނޑުގެ މައިންބަފައިން. ކޮންމެ ހާލަތެއްގައިވެސް ޕްރެކްޓިސްއަށް ސްޑޭޓިއަމް އަށް ލާނެ. އެހެންވީމާ، އެބޭފުޅުންނަކީ މިއަދުވެސް އަޅުގަނޑަށް ލިބުނު ކާމިޔާބީގެ ވަރަށް ބޮޑު ބައެއް. އަދި އެކަކުވެސް ހީނުކުރާ ވަރަށް އަޅުގަނޑު މި ކަންކަމަށް ޝުކުރުވެރިވަން"

އެހެން އެތުލީޓުންނެކޭ އެއްފަދައިން ޝާޔާއަށް ވެސް ކޮންމެ މުބާރާތެއްގައި ވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން މި މުބާރާތުގައި ތަފާތު ޑިސްކަސް އާއި ޝޮޓްޕުޓް ސައިޒުތަކުގައި ދަތިތަކާ ކުރިމަތިވި ކަމަށް ޝާޔާ ބުނެއެވެ. ނަމަވެސް މަޑުމައިތިރި ކަމާއި ކެތްތެރިކަމާއި އެކު އާ ހާލަތްތަކަށް އެޑަޕްޓްވެ، އުކާލުމުގެ ޓެކްނިކްތައް އެޑްޖަސްޓް ކުރުމުގެ ސަބަބުން ހުރަސްތައް ނައްތާލައި ޕާފޯމަންސް ރަނގަޅު ކުރުމަށް މަގުފަހިވިކަމަށް ޝާޔާ ގަބޫލު ކުރެއެވެ.

އެތްލީޓެއްގެ ގޮތުން ޝާޔާ ދޭން ބޭނުންވާ ނަސޭހަތަކީ މޮޅުވާން ބޭނުންނަމަ އެކަން ހާސިލްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ. ކުރަންޖެހޭ ގުރުބާނީތައް ޤަބޫލުކުރުމަށެވެ. އަދި އެހެން މީހުންނާއި އެމީހުން ބުނެފާނެ ވާހަކަތަކާ މެދު ނުވިސްނާ، ހާއްސަކޮށް އެތުލެޓިކްސް އަކި އިންޑިވިޖުއަލް ކުޅިވަރެއް ކަމުން، ބަލިވުމަކީވެސް މޮޅު އެތުލީޓަކަށް ވުމުގެ ބައެއްކަން އަބަދުވެސް ހަނދާން ބަހައްޓުމަށެވެ. ހަމައެހެންމެ ކާމިޔާބަކީ ދުވަހަކުވެސް ސީދާ މަގެއް ނޫން ކަމަށާއި އެކަން ހަނދާނުގައި ބަހައްޓައިގެން އަބަދުވެސް ރަނގަޅު ވިސްނުމެއް ގެންގުޅެ އަމިއްލަ ނަފްސަށް އިތުބާރާއި އެކު ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމަށް ޝާޔާ ގަބޫލުކުރެއެވެ.

މިލިޔުމާއި ގުޅޭ:

އައްޑޫއަށް އުފަން، އިސްކަންދަރުގެ ހަމައެކަނި އެތްލީޓް ޒީކް އަށް 2 ގޯލްޑް މެޑަލާއިއެކު 2 މީޓް ރެކޯޑް

ޓެގްސް: އެތްލެޓިކްސް އައްޑޫގައި ބޭއްވޭ އިވެންޓްތައް ވިލާ ކޮލެޖް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.