ސީޑީއީ ކުންފުނީގެ އެމްޑީ،ޑރ. ސިމާދު (ވ) - އެކި ސަރުކާރުތަކުގައި ސީޑީއީ އަށް އައްޑޫ ރައްޔިތުންގެ ނަމުގައި ގިނަ ޕްލޭންތައް ހަދަން ދީފައިވާއިރު...

ހަބަރު

އައްޑޫ: އަނެއްކާވެސް އާ ޓޫރިޒަމް ޕްލޭނެއް! ޕްލޭން ހަދާފައިވަނީ ރައްޔިތުންގެ ބަހެއް ނެތި، ކުރީގެ ޕްލޭންތަކާއި ފުށުއަރާގޮތަށް - ކައުންސިލަރުން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 23 ފެބުރުއަރީ 2024 , ހުކުރު 19:55   1092

އައްޑޫސިޓީގެ ޓޫރިޒަމް ތަރައްޤީކުރުމުގެ ޕްލޭންގެ ނަމުގައި އަނެއްކާވެސް ސަރުކާރުން ޕްލޭނެއް ހަދައި ބޮޑު ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ޕްލޭން އިފްތިތާޙްކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އައްޑޫއަށް ވަޑައިގެން އައްޑޫސިޓީ ކައުންސިލާއިއެކު ބޭއްވި ރަސްމިއްޔާތުގައެވެ.

މި ޕްލޭން ހެދުމަށް ސަރުކާރުން ޙަވާލުކުރެއްވީ، އައްޑޫސިޓީ ހުޅުދޫ އަށް ނިސްބަތްވާ، ޑރ. ސިމާދު ސައީދު އަމިއްލަ ކުންފުނި، ސީޑީއީ ކޮންސަލްޓިން އާއިއެވެ.

ސީޑީއީ އަކީ ހުރިހާ ސަރުކާރެއްގައި ވެސް އައްޑޫގެ ޓޫރިޒަމާއި، ތަރައްޤީއާއި ގުޅޭ ހުރިހައި ޕްލޭންތައް ހަދަމުންއައި ފަރާތެވެ. ވަކިން ޚާއްޞަކޮށް އެމްޑީޕީ ސަރުކާރުގައި ސީޑީއީ އަށް މިފަދަ ގިނަ މަސައްކަތްތައް ޙަވާލުކޮށްފައި ވީނަމަވެސް، އެއްވެސް މަސައްކަތެއް/ޕްލޭނެއް ފުރިހަމަކުރެވި ކޮޅެއްގައި ޖެހިފައި ނުވާކަމަށް އައްޑޫސިޓީ ކައުންސިލުން ވެސް މީގެ ކުރިން ބުނެފައިވެއެވެ. އޭގެތެރޭގައި އައްޑޫގެ ލޭންޑް ޔޫޒް ޕްލޭނާއި ތަރައްޤީގެ ޕްލޭން ހިމެނެއެވެ. ފަހުން އެމަސައްކަތް ވަނީ އެކުންފުނިން ނަގައި ސިޓީކައުންސިލްގެ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައެވެ.

ސީޑިއީ އިން މީގެ ކުރިން 'ވިޝަން އައްޑޫ' ނަމުގައި ވެސް ތަރައްޤީގެ ޕްލޭނެއް އައްޑޫ ސިޓީ ކައުންސިލަށް ހަދާ ދީފައިވެއެވެ. އެޕްލޭންގެ ވެސް އެއްވެސް މަސައްކަތެއް ކުރެވިފައިނުވެއެވެ.

އަލަށް ތައްޔާރުކުރި ޓޫރިޒަމް ޕްލޭން

އަލަށް ސަރުކާރުން ސީޑީއީ ލައްވައި ތައްޔަރުކޮށްފައިވާ ޕްލޭނަކީ 15 ވަރަކަށް ސޮފްޙާގެ ޕްލޭނެއްކަމަށް މަޢްލޫމާތުލިބެއެވެ.

އައްޑޫސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވަނީ މި ޕްލޭނާއި ގުޅޭތުން ހުރި ކަންބޮޑުވުންތައް ޙިއްޞާކުރައްވާފައެވެ.

މި ޕްލޭންގައި ޖުމްލަ 130 މިލިއަން ޑޮލަރު އެކި ރަށްތަކަށް ބަހާލައިގެން އިންވެސްޓްކުރުމަށް ހަމަޖެހިފައިވާއިރު، އޭގެތެރޭގައި ހިތަދޫގައި ހަދާ ޔޮޓްމެރީނާއެއް ވެސް ހިމެނެއެވެ. ނަމަވެސް، އައްޑޫސިޓީ ކައުންސިލުން ވެސް، އަދި ކުރީ ސަރުކާރުން ވެސް އައްޑޫގައި ޔޮޓް މެރީނާއެއް އެޅުމަށް ނިންމާފައިވަނީ ފޭދޫގައެވެ. އަދި މިކަމަށްޓަކައި، އައްޑޫސިޓީ ކައުންސިލުން ވަނީ ބިޑަށް ހުޅުވާލައި ބަޔަކާއިއެކު އެއްބަސްވުމެއް ވެސް ހަދާފައެވެ.

މިކަމުން ދޭހަކޮށްދެނީ، މި ޕްލޭން ހެދުމުގައި އައްޑޫސިޓީ ކައުންސިލާއި ކަމާއިބެހޭ ފަރާތްތަކާއިއެކު އެކަށީގެންވާ ވަރަށް މަޝްވަރާކޮށް ކައުންސިލާއި ރައްޔިތުންގެ ބަސް ހިމަނާފައި ނުވެއެވެ.

މިއީ އިޚްލާޞްތެރި މަސައްކަތެއް ކަމަކަށް ނުދެކެން. ހަދަންޖެހޭ ދިރާސާތަކެއް ނެތް ހަދާފަ. ރައްޔިތުންނާއި މަޝްވަރާކޮށްގެން ކުރިކަމެއް ނޫންކަމަށް ދެކެނީ. އަޅުގަނޑުމެންގެ ބަހެއް ނެތް ހިމަނާފައި. އިންތިޚާބަކާއި ދިމާކޮށް، އަވަސް އަރުވާލައިގެން ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއް މިއީ. އަނެއްކޮޅުން ފަށާފައި ހުރި އެއްވެސް ޕްރޮޖެކްޓަކާއި ދިމާނުވޭ. ފަށާފައި ހުރި ޕްރޮޖެކްޓްތައް ނިމޭ ހިސާބަށް ގެންދިއުން މާ މުހިއްމު.

~ އައްޑޫސިޓީގެ ކައުންސިލަރެއް

ނަންނުޖެހުމަށް ޝަރުތުކޮށް އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަމުން ކައުންސިލަރަކު ބުނީ ދެ ފަހަރެއްގެ މަތިން ކުޑަކުޑަކޮށް މިނިސްޓްރީގެ ފަރާތުން ވާހަކަދެއްކި ކަމަށާއި، ތަފްޞީލީ ގޮތަކަށް އެއްވެސް ދިމާލަކުން މަޝްވަރާތަކެއް ކުރެވިފައި ނުވާކަމަށެވެ.

އައްޑޫސިޓީ ކައުންސިލުން ވަނީ ނިމިދިޔަ ހަފްތާގައި ހިތަދޫގައި މޫދުކުޅިވަރަށް ޚާއްޞަކޮށްގެން ވޯޓާރސްޕޯޓްސް ސެންޓަރެއް ހެދުމަށް 12 ބިމެއް ދޫކުރުމަށް އިޢްލާންކޮށްފައެވެ. އަދި ނިމިދިޔަ ސަރުކާރުން، ތިން ރަށެއް ހިތަދޫގެ ފަޅުތެރެއިން ހިއްކައި ރިސޯޓްތައް ތަރައްޤީކުރުމަށް ޚާއްޞަކުރެވިފައިވެއެވެ. މިހާރު އެބިންތައް ހިއްކައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.

ނަމަވެސް މިއިން ކަމެއްގެ އެއްވެސް ވާހަކައެއް މި ދެންނުވުނު ޕްލޭނުން ފެންނަން ނެތެވެ.

ކައުންސިލަރަކު ކޮށްފައިވާ ޓުވީޓެއް

އެހެން ކައުންސިލަރަކު ބުނެފައިވަނީ "ކީއްވެ ހިއްކާފައިވާ ރަށްރަށުގައި ރިސޯޓް ހަދާވާހަކަ ނުގެނެވެންވީ. ހަންކެޑެއަށް ވެސް މި ޕްލޭންގައި ނެތް މާބޮޑު ތަފްޞީލެއް ހިމަނާފައި.

ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމަށް ތަރައްޤީކުރުމަށް ޗައިނާގެ ކުންފުންޏަކާއި ނިމިދިޔަ ސަރުކާރުން ވަކިވެދިއުމުގެ ކުޑަ ދުވަސްކޮޅެއްކުރިން ވަނީ ޙަވާލުކޮށްފައެވެ. އަދި އިނީޝަލް ޕޭންޓް [ފައިސާ] ވެސް ވަނީ ދީފައިކަމަށް މަޢްލޫމާތު ލިބެއެވެ. ނަމަވެސް، ޕްރޮޖެކްޓް ކުރިއަކަށް ނުދެއެއެވެ. އަދި ސަރުކާރުން މިކަމާއި ގުޅޭ އެއްވެސް މަޢްލޫމާތެއް ހާމަނުކުރެއެވެ.

މިލިޔުމާއި ގުޅޭ

މީދޫ ޓޫރިޒަމް-ޒޯން ލޭންޑްސްކޭޕިންގ މަސައްކަތް ބޭކާރުވެފައި

ޓެގްސް: އައްޑޫގެ ޓޫރިޒަމް ދެކުނުގެ ޓޫރިޒަމް އައްޑޫ ސިޓީ ކައުންސިލް ޓޫރިޒަމް މިނިސްޓްރީ ތަރައްޤީގެ މަސައްކަތްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.