އިޒްރޭލުގައި އަލްޖަޒީރާ ބަންދުކުރަން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގޮވާލާފި

ދުނިޔެ

އަލްޖަޒީރާ ބަންދު ކުރަން މަގު ފަހިކޮށްދޭ ގާނޫނެއް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

ދާނިޝް - މެދުއިރުމަތި | 2 އޭޕުރިލް 2024 , އަންގާރަ 11:36   61

ގައުމަށް ސަލާމަތީ ނުރައްކަލެއް ކަމަށް ބެލެވޭ ބޭރުގެ ނިއުސް ނެޓްވޯކްތައް ބަންދުކުރުމުގެ ބާރު އިސް ވަޒީރުންނަށް ދޭ ގާނޫނެއް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެގައުމުގައި އަލްޖަޒީރާގެ އޮޕަރޭޝަންތައް "ވަގުތުން ހުއްޓާލުމަށް ފިޔަވަޅު އަޅާނެ" ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވައުދު ވެއްޖެއެވެ.

"އަލްޖަޒީރާ މިހާރު އިސްރާއީލުން ބްރޯޑްކާސްޓް ނުކުރާނެ" ކަމަށް ނަތަންޔާހޫ ހޯމަ ދުވަހު ގާނޫނަށް ރުހުން ލިބުމާ އެކު އެކްސްގައި ކުރި ޕޯސްޓެއްގައި ލިޔެފައިވެ އެވެ.

އަދި އެ ޗެނަލްގެ ހަރަކާތްތައް ހުއްޓުވުމަށް ޓަކައި އާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވަގުތުން ފިޔަވަޅު އެޅުމުގެ ވިސްނުން ގެންގުޅޭ ކަމަށްވެސް މި ޕޯސްޓްގައި އޭނާ ބުނެފައިވެއެވެ.

އިސްރާއީލުން މި ފާސްކުރި ގާނޫނާއި އެކު އެ ގައުމުގައި ހަރަކާތްތެރިވާ ބޭރުގެ ނެޓްވޯކްތައް ބަންދުކޮށް، އެ ނެޓްވޯކްތަކުގެ ސަބަބުން "ދައުލަތުގެ ސަލާމަތަށް ގެއްލުމެއް" ލިބޭ ކަމަށް ގަބޫލުކުރެވޭ ނަމަ އެ ނެޓްވޯކްތައް ހިފެހެއްޓުމަށް އަމުރު ކުރުމުގެ ބާރު ބޮޑުވަޒީރާއި ކޮމިއުނިކޭޝަން މިނިސްޓަރަށް ލިބިދެ އެވެ.

އަލްޖަޒީރާގެ ސްޓޭޝަން ބަންދުކުރަން ނަތަންޔާހޫ އަނެއްކާވެސް ބާރު އަޅަން ފަށައިފާ މިވަނީ ހަމާސްއާ އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި ނަތަންޔާހޫ އަމަލުކުރެއްވި ގޮތާ ދެކޮޅަށް ނަތަންޔާހޫއަށް ބޮޑެތި މުޒާހަރާތަކެއް އިސްރާއީލުގައި ކުރަމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ކިޔުން އިއްވަމުން ފާސްކުރި މި ބިލު އިޒްރޭލުގެ ޕާލަމެންޓަށް އަނބުރާ ފޮނުވާފައި މިވަނީ ލުބުނާނުގެ އައުޓްލެޓް އަލް މަޔާދީން ބްލޮކް ކުރާނެ ކަމަށް އިޒްރޭލުން ބުނިތާ ގާތްގަނޑަކަށް ފަސް މަސް ފަހުންނެވެ.

މިދިޔަ އޮކްޓޫބަރު މަހު ހަނގުރާމަ ފެށުމާއެކު އިޒްރޭލުގެ ސަރުކާރުން ވަނީ ހަނގުރާމައިގެ ދުވަސްވަރުގެ ގަވައިދުތައް ފާސްކޮށް، އެ ގައުމުގެ ގައުމީ މަސްލަހަތަށް ނުރައްކާވާ ކަމަށް ބެލެވޭ ބޭރުގެ މީޑިއާތައް ކޯޓުތަކުގެ ރުހުމާ އެކު ވަގުތީ ގޮތުން ބަންދު ކުރެވޭ ގޮތަށް ފާސްކޮށްފަ އެވެ.

އަދި އަލްޖަޒީރާ އެއްފަހަރާ ބަންދުކުރުމާ ދުރުހެލިވިއެވެ. ނަމަވެސް ކޮމިއުނިކޭޝަން މިނިސްޓަރު ޝްލޯމޯ ކާހީ އޭރު ބުނެފައިވަނީ ގަތަރުގެ ހިއްސާ އޮންނަ އަލްޖަޒީރާއާ ދެކޮޅަށް އެ ފިޔަވަޅުތައް ބޭނުން ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އިސްރާއީލުން ވަށާލާފައިވާ އެންކްލޭވްގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި ޣައްޒާއިން ލައިވްކޮށް ބްރޯޑްކާސްޓްކުރި ބައިނަލްއަގްވާމީ މަދު މީޑިއާ ޗެނަލްތަކުގެ ތެރޭގައި ހިމެނޭ ކާހީ ވަނީ އަލްޖަޒީރާއިން ހަމާސްއަށް ތާއީދުކޮށް އިސްރާއީލާ ދެކޮޅަށް ފިތުނަ އުފައްދައި، އިސްރާއީލާ ދެކޮޅަށް ހިތްވަރު ދޭ ކަމަށް ތުހުމަތު ކޮށްފައެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރި އާއި ޣައްޒާގައި އޮފީސްތައް ހުންނަ އަލްޖަޒީރާއަށް އެކި ގޮތްގޮތުން ފާޑުކިޔުންތައް އަމާޒުކުރާ ކަމަށް އެ މީޑިއާއިން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އިސްރާއީލު ސިފައިން ވަނީ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ޖެނިންގައި އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާއެއް ކަވަރު ކުރަމުން ދަނިކޮށް އަލްޖަޒީރާގެ ސީނިއާ ނޫސްވެރިޔާ ޝީރީން އަބޫ އަކްލޭހް ބަޑިޖަހައި މަރާލާފައެވެ.

މި ހާދިސާއާއި ގުޅިގެން އދ އިން އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވަނީ އިސްރާއީލުގެ ސިފައިން މަރާލުމުގައި "ޖަސްޓިފިކޭޝަނަކާ ނުލައި ލީތަލް ފޯސް" ބޭނުންކޮށް، އެކަމަނާގެ "ދިރިހުރުމުގެ ހައްގަށް" އުނިކަން އައިސްފައިވާ ކަމަށެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގައި އަލްޖަޒީރާގެ ގިނަ ނޫސްވެރިންނާއި އެ މީހުންގެ އާއިލާގެ މީހުން ވަނީ މަރުވެފަ އެވެ.

ނަތަންޔާހޫގެ ސަރުކާރުން މިފިޔަވަޅު އަޅާފައި މިވަނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާގެ ސަލާމަތީ ކަންކަން ފެއިލްވެފައިވާކަމަށް ބުނެ އިސްރާއީލުގެ ބޮޑުވަޒީރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިޒްރޭލުން ބުނި ގޮތުގައި އެ ހަމަލާތަކުގައި ގާތްގަނޑަކަށް 1،140 މީހުން މަރުވެ، ގާތްގަނޑަކަށް 250 އެއްހާ މީހުން ޣައްޒާއަށް ގެންގޮސްފައިވެ އެވެ.

ނަތަންޔާހޫ ޣައްޒާއަށް ބަދަލުހިފުމުގެ ގޮތުން ކުރި ހަނގުރާމައިގައި މިހާތަނަށް 32،782 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މިދިޔަ އާދީއްތަ ދުވަހު ގުދުސްގައި ހުންނަ އިސްރާއީލުގެ ޕާލަމެންޓް އިމާރާތުގެ ބޭރުގައި ނަތަންޔާހޫއާއި ދެކޮޅަސް އެތައް ހާސް ބަޔަކު އެއްވެފައިވާއިރު މިއީ ހަނގުރާމަ ފެށުނު ފަހުން ސަރުކާރާ ދެކޮޅަށް ބޭއްވި އެންމެ ބޮޑު މުޒާހަރާގަ އެވެ.

އާދީއްތަ ދުވަހުގެ މި މުޒާހަރާގެ ބައިވެރިން ވަނީ ހަމާސް ޖަމާއަތުން ހައްޔަރުކޮށްފައި ތިބި މީހުން މިނިވަންކުރާނެ ގޮތަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ސަރުކާރަށް ހޯދައި، އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލައިފަ އެވެ.

ޓެގްސް: އިޒްރޭލް މެދުއިރުމަތި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.