މާލޭގެ ފިހާރައަކަށް ފެންވަންނާތީ ބަސްތާ ޖަހައިދެނީ

ހަބަރު

ވެރިރަށް މާލޭގައި ފެންބޮޑުވެ ތަކެއްޗާއި ގެދޮރަށް ގެއްލުންވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 14 އޭޕުރިލް 2024 , އާދީއްތަ 09:32   521

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ވެރިރަށް މާލޭގައި ފެންބޮޑުވެ ތަކެއްޗާއި ގެދޮރަށް ގެއްލުންވެއްޖެކަމަށް ކަމާއިގުޅޭ އިދާރާތަކުން ބުނެފިއެވެ.

ޤައުމީ ކާރިސާއާއި ބެހޭ މަރުކަޒުން ބުނެފައިވަނީ 5 ގެއަކަށް ގެއްލުން ލިބުމުގެ ސަބަބުން 34 މީހަކު ވަގުތީ ހިޔާތަކަށް ގެންދެވިފައިވާކަމަށެވެ. ގެންދެވުނު ފަރާތްތަކުގެ ތެރޭގައި 11 ކުޑަކުދިން ހިމެނެއެވެ.

މީގެ އިތުރުން ވެސް ފިހާރަތަކާއި ގެ ތަކަށް ފެންވަދެ ހިފާގެންގުޅޭ ގިނަ ސާމާނާއި ތަކެއްޗަށް ބޮޑެތި ގެއްލުން ލިބިފައިވެއެވެ. އަދި ސަރުކާރުގެ ކަމާއިގުޅޭ އެކި އިދާރާތަކުން ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ޖުމްލަ 500 ވެލި ބަސްތާ މާލޭގެ އެކި ސަރަޙައްދުތަކުގައި ޖަހައިދީފައިވާކަމަށް ޤައުމީ ކާރިސާ އާއިގުޅޭ މަރުކަޒުން މަޢްލޫމާތު ދެއްވައެވެ. އަދި މަގުތަކުގައި ފެންހިއްކުމަށް 7 ސަރަޙައްދެއްގައި 15 ޕަމްޕު އަޅާފައިވެއެވެ.

މޭލޭގައި މޫސުމް ގޯސްވާ ކޮންމެ ފަހަރަކު ފެން ބޮޑުވެއެވެ. އެކި ސަރުކާރުތަކުން މިމައްސަލައަށް ޙައްލުހޯދުމަށް ބޮޑެތި ހޭދަތައްކޮށް ގިނަ މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް މިއަދާއި ހަމައަށް މިމައްސަލައަށް ޙައްލު ހޯދިފައިނުވެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ މާލޭ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ޗައިނާގެ ހިލޭ އެހީ ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އެމަސައްކަތާއި ގުޅޭ އިތުރު މަޢްލޫމާތެއް މިހާތަނަށް ހާމަވެފައިނެތެވެ.

ޓެގްސް: ކާރިސާ ފެންބޮޑުވުން މާލެ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.