އުފެދުމުގައިވެސް ޚާއްޞައެހީއަށް ބޭނުންވާ ދެކުދިން : އަޒްޔަން (5އ) ރައްޔާ (7އ)

ހަބަރު

ރައްޔާ އަދި އަޒްޔަން : އެހީއަށް އެދިއެދި

އަލީ އަޒްޔަން - ކ. މާލެ | 19 މެއި 2022 , ބުރާސްފަތި 19:51   462

މިދިޔަ ހޮނިހިރު ދުވަހު އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށް ދިޔައިރު، އަޅުގަނޑުމެންގެ ޓީމު ގޮސް މަޑުކުރީ އިސްކަންދަރު ސްކޫލަށެވެ. މަޑުމަޑު ރާގަކަށް ވާރޭވެހެމުން ދިޔައިރު، އެތަނުގެ ގޯތިތެރޭގައި ދެ އަންހެނަކު ފޮއްޓެއް ހިފަހައްޓައިގެން [ވޯޓްލާއިރު ބޭނުންކުރާ ކަހަލަ] ކޮއްޅަށް ތިއްބާ ލޮލުގާ އަޅައިގަތެވެ.

އެމީހުން ހިފަހައްޓައިގެން ތިބި ފޮއްޓާއި ކޮންމެވެސް ވަރަކަށް މީހުން ކައިރި ވަމުންދިޔަތަން ފެނުނެވެ. މިވާގޮތެއް ބަލާލަން އެތަނާއި ކައިރިއަށް ޖެހިލީމެވެ. ޚަބަރު ބަލާލިއިރު، އެއީ ރައްޔާ އަދި އަޒްޔަން ގެ ދެ ބޮޑުދައިތައިންނެވެ. އެމީހުން އެތާ އެތިބީ އެމީހުންގެ ތުއްތު ދެދަރިންގެ ފުރާނައިގެ ޙައްޤުގައެވެ. ހަދާނެ އެހެން ގޮތެއް ނުތުމުންނެވެ. އެ ދެ ދަރިންނަކީ ވެސް، ވިހެއިއްސުރެ ޚާއްޞަ އެހީތެރިކަމަށް ބޭނުންވެފައިވާ ދެދަރިންނެވެ. މިބައްޔަށް އަސްލު ކިޔަނީ، އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ (އޭސްޑީ) އެވެ.

މިބައްޔަކީ ކުއްޖާ ޅަފަތުގައި، ސިކުނޑިއަށް އަންނަ ބަދަލުތަކަކުން، އުފެދި ބޮޑުވުމުގެ މަރުޙަލާގައި ދިމާވާ ނުކުޅެދުންތެރިކަމެކެވެ. މައްސަލަދިމާވަނީ ޢާއްމުގޮތެއްގައި، މުޢާމަލާތުކުރުމަށާއި، ޙަރަކާތް ކުރުމަށެވެ. އަދި މީގެ ވެސް ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ.

ކޮންމެއަކަސް، އެކުދިންގެ މަންމަ ހިފަހައްޓައިގެން ހުރި ފޮއްޓަށް މަދުމަދުން ނަމަވެސް މީހުން ލާރި އަޅާ މަންޒަރު ފެނުނެވެ. އެފޮށީގެ ބޭރުގައި، އެދެކުދީންގެ ފޮޓޯ އާއި އެކު ދެ މަންމައިންނަށް ގުޅޭނެ ނަމްބަރުތަކާއި، ފާއިސާ ފޮއްޓަށް ނާޅައި ޖަމާކުރެވޭނެގޮތަށް ބޭންކް އެކައުންޓް ނަމްބަރުތައް ވެސް ލިޔެލާފައި ހުއްޓެވެ. އެތަނުން އެކަކު އެޅުގަނޑުމެންނަށް އިތުރު މަޢްލޫމާތު ދޭންވެސް މަސައްކަތް ވެސް ކުރިއެވެ.

ޖެހިގެންއައި ދުވަހު، އިތުރަށް ބަލާލާނަމޭ ހިތާ، އެތަނުން އެއް ނަމްބަރަށް ގުޅީމެވެ. އެއީ އަޒްޔަންގެ މަންމައެވެ. އަދި ވަރަށް އަސަރާއި އެކު އެ ދެކުދިންގެ ޙާލަތު ކިޔާދިނެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެން ދިޔައީ އިންޑިއާގެ ނިއުރޯޖަން [ސިކުނޑިއާއި މައިބަދައިގެ ޚާއްޞަ] ހޮސްޕިޓަލަށް. އެއީ މުމްބާއިގަ އިންތަނެއް. އަޒްޔަން ދިޔައީ ޑިސެމްބަރ 26 ގައި. ރައްޔާ ދިޔައީ ިއަހަރު ފެބްރުއަރީ 6 ގައި.

~ އަޒްޔަން ގެ މަންމަ

ފުރަތަމަ ފަރުވާއަށް ފަހު 6-9 މަސްތެރޭ އިތުރު ފަރުވާއަށް ދާންޖެހޭ. ދެކުދިންނަށް ވެސް އެއްކަހަލަ ކަންކަން މިދިމާވަނީ. ވާހަކަ ނުދެއްކޭ. އަބަދު ދޭތެރެދޭތެރެއިން ފިޓު ޖެހޭ. ބަލިވިޔަސް މާގިނަ ބޭހެއް ނުދެވޭ. އަޒްޔާން އަކީ ނިދާ ބޭސް ދީގެން ނިންދަވާ ކުއްޖެއް. މިހާރު ދެއަހަރާއި ބައިވަނީ އެގޮތަށް ބޭސްދޭތާ. އެއީ އެކުއްޖާއަށް 15 މަހުން ފަށައިގެން. ރައްޔާ ވެސް 7 މަހުން ފަށައިގެން ފިޓު ޖެހޭތީ ބޭސްދެމުން މިދަނީ.

ސްޓެމްސެލް ފަރުވާ އާއި ގުޅޭގޮތުން އިންޑިއާގެ ނިއުރޯޖެން ހޮސްޕިޓަލުން ދީފައިވާ ލިޔުން
އަޒްޔަން މިހާރު ޢުމުރަކީ ގާތްގަނޑަކަށް 5 އަހަރު، ރައްޔާގެ ޢުމުރަކީ 6 އަހަރު

ބައްޔަށް ބޭސްކުރުމަށްޓަކައި ސްޓެމްސްލް ފަރުވާ ހޯދުމަށް އާސަންދައިން ވެސް އެހެނިހެން ސަރުކާރުގެ އެހީތެރިކަމެއް ވެސް ހޯދޭނެގޮތެއް ނޯވެއެވެ. މިއީ އާ ޓްރީމެންޓަކަށް ވެފައި ގިނަފަހަރަށް މި ފަރުވާ ދެވެނީ ދިރާސާތަކެއް ކުރުމަށްޓަކައެވެ. ފަރުވާއެކޭ ކިޔާފަ އެހޭދެވޭނެ ގޮތެއްނެތެވެ. ނަތީޖާއަށް ބަލާއިރު ވެސް މުޅިއެކު ކާމިޔާބު ފަރުވާއެއް ވެސް ނޫނެވެ. އެހެންނަމަވެސް ޢާއިލާއިން ދެކެނީ މިހާތަނަށް އައިއިރު ކުރިން ދެވިފައިވާ ފަރުވާއިން ލިބުނު ކުރިއެރުން ރަނގަޅުކަމަށެވެ.

"އިމްޕްރޫވްމެންޓް ފެންނާތީ ދެވަނަ ސްޓެމްސެލް ފަރުވާއަކަށް މިދަނީ. ތަފާތު ފެންނާތީވެ ގެންދަން ބޭނުންވަނީ. ގާތްގަނޑަކަށް 40 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާކަމަށް މިބަލަނީ. ކުރީގައި ބޭސްދީގެން ވެސް ނުނިދާނެ. އެކްޓިވޭޓްވާން ނަގާނެ 4-5 ގަޑިއިރުވަރު. މިހާރު ބޭސްދޭތާ ގަޑިއިރެއްގެތެރޭ ނިދޭއެބަ. ރާއްޔާގެ ވާހަކަ ދެއްކުމަށް ވެސް ބަދަލު އައިސްފި. މިހާރު ބައެއް އެއްޗިހި ބުނެލެވޭ. ކުރިންވެއްޖިއްޔާމު ކިރިޔާކަމެއް ވާއިރަށް ބޭސްދިނީމަ ވެސް ވަރަށް ބޯތަޅާނެ. ފާރުގަ ތަޅާނީވެސް. ނިދިން ހޭލާފަވެސް ތަޅާނެ. މިހާރު ވަރަށް މަދު ބޯތަޅާލެއް. " އަޒްޔަންގެ މަންމަ ކިޔާދިނެވެ.

ފަރުވާ އަށް ބަލާއިރު މިފަރުވާ ދެވެނީ ދުނިޔޭގެ ވަރަށް މަދުތަނެއްގައެވެ. އެއީ އިންޑިއާގެ މުމްބާއީގެ އިތުރުން ޕެނަމާގައެވެ. ޚަރަދަށް ބަލާއިރު، ރާއްޖެއާއި ކައިރިވެފައި ޚަރަދުކުޑައީ އިންޑިއާގައެވެ. ޕެނަމައީން ފެރުވާދެންޏާމު ހުރިހާ ޚަރަދެއް އެއްކޮށް 25،400 ޑޮލަރު އަރާއިއިރު، އިންޑިއާގެ މުމްބާއީގައި ހުންނަ ނިއުރަޖެން ހޮސްޕިޓަލުން ވެއްޖިއްޔާމު އެއީ 13،900 އެމެރިކާ ޑޮލަރެވެ. ދެން އިންޑިއާ އަށް ދަންޏާމު ޓިކެޓާއި، ހުރުމުގައި އެހީތެރިކަމެއްގެ ގޮތުން 1،000 ޑޮލަރު ދޭނެއެވެ. ޕެނަމާ ވެއްޖިއްޔާމު އެހީ ލިބޭނެ އެއްވެސް ގޮތެއް ނޯވެއެވެ.

އިންޓަވިއު : އަޒްޔަންގެ މަންމަ އެކްސްޕްރެސް ނޫހާއި ވާހަކަދައްކަނީ

ދެން މިކުދިންނަށް ބޭނުންވާ ތެރެޕީތައް ދިނުމުގައި ސަރުކާރުގެ އެހީތެރިކަން ލިބެމުން އަންނަކަމަށް ވެސް އަޒްޔަންގެ މަންމަ ކިޔާދިނެވެ. ކޮންމެ ދުވަހަކު ތެރެޕީގެ ހަތަރު ކުލާހަށް ދެކުންދިންވެސް ގެންދަން ޖެހެއެވެ. އޭގެތެރޭގައި، ސްޕެޝަލް އެޑިއުކޭޝަން، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަރަލް ތެރަޕީ ފަދަ ތެރެޕީތައް ދެމުންދެއެވެ. މިތެރެޕީތަކަށް ކޮންމެ ކުއްޖަކަށް މަހަރަކު 26،000 ރުފިޔާ ދައްކާ އެންސްޕާ މެދުވެރިކޮށް ލިބެއެވެ. އަތުން ދައްކަންޖެހެނީ ކުއްޖަކަށް 7،000 ރުފިޔާއެވެ.

އެކްސްޕްރެސް ނޫހަށް ލިބިފައިވާ ބައްޔާއި ގުޅޭ ގިނަ ޑޮކިއުމެންޓްތައް ހުރިއިރު، މިކުދިން އެންމެ ފުރަތަ ފަރުވާ ހޯދަން ފަށާފައިވަނި ލަންކާއިން ނެވެ. އޭގެ ފަހުން މެލޭޝިއާއިން ވެސް ފަރުވާ ހޯދާފައިވެއެވެ. ނަމަވެސް ވިސާގެ މައްސަލަތަކެއް ދިމާވެ، އެފަރުވާތައް މެދު ކަނޑާލަން ޖެހިފައިވެއެވެ.

"ކުރިއަށް އޮތް ފަރުވާގެ ދަތުރަށް ޓިކެޓާއި އެކު ހުރިހާކަމަށް 25،400 ޑޮލަރު (ގާތްގަނޑަކަށް 400،000 ރުފިޔާ) ކޮންމެ ކުއްޖަކަށް ބޭނުންވާނެކަމަށް މިބަލަނީ. އޭގެތެރޭގައި ފަރުވާއަށް ދައްކަންޖެހޭ 16،400 ޑޮލަރު ވެސް ހިމެނޭ. މިފައިސާގެ ތެރެއިން އަދި ދެބައިކޮށްފަ އެއްބައިވެސް ހަމަ ނުވޭ." އަޒްޔަންގެ ކިޔައިދިނެވެ.

މިކުދިންނަށް އެހީ ވުމަށްޓަކައި ފައިސާ ފޮނުވޭނެ ނަމްބަރުތައް

  • Fizna Hussain (Rayya's Mom) (MVR) 7730000336881
  • Fizna Hussain (Rayya's Mom) (USD) 7730000429719
  • Fathmath Ihsana (Azyan's Mom) (MVR) 7701153120101
  • Ali Ibrahim (Azyan's Dad) (USD) 7730000107811

ދެމަންމަ އިންނަށް ގުޅޭނެ ނަމްބަރު

  • ފިޒްނާ ހުސެއިން، ރައްޔާންގެ މަންމަ، 9846664
  • ފާތިމަތު އިހުސާނާ، އަޒްޔަންގެ މަންމަ، 9759991
ޓެގްސް: ޚާއްޞައެހީއަށް ބޭނުންވާ ކުދިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.