ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، މިއަދު ލޭންޑްޔޫޒް ޕްލޭނާއިގުޅޭ އިސްލާޙެއް މަޖިލީހަށް ހުށަހަޅުއްވަނީ

ހަބަރު

ލޭންޑްޔޫޒް ޕްލޭންގެ މުއްދަތައް ބަދަލުގެންނަން މަޖިލީހުންވެސް އެއްބަހެއްނުވި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 31 މެއި 2022 , އަންގާރަ 20:05   258

ލޭންޑްޔޫޒް ޕްލޭންތަކަކީ ރަށްރަށުގެ ބިންތައް ބިންތައް ބޭނުންކުރާނެ ގޮތުގެ ޕްލޭނެކެވެ. މިޕްލޭންގައި ރައްޔިތުންނާއި ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، އެހޯދާ ޚިޔާލުތައް އޭގައި ހިމެނުމާއިއެކު، ދުރު މުސްތަޤްބަލުގެ އާބާދީއަށާއި މިހާރު އެރަށެއްގައި ދިރިއުޅޭ އާބާދީއަށް އެކަންކަމުގެ ސަބަބުން ކުރާނެފައިދާއާއި އަސަރުތައް ސާފުކޮށް ބަޔާންކޮށްދޭންޖެހެއެވެ.

ލޭންޑްޔޫޒް ޕްލޭންތައް ނުނިމި ދިގުލައިގެންދާތީ، ކައުންސިލްތަކުގެ ޚިދުމަތްތަކަށް ބުރޫ އަރާފައިވާކަމަށް ބުނެ ކައުންސިލްތަކުން ޝަކުވާކުރަމުން އަންނަތާ މިހާރު ދުވަސްތަކެއް ފާއިތުވެއްޖެއެވެ.

ދާދިފަހުން ސަރުކާރުން އިންތިޒާމުކޮށްގެން އއ.އުކުޅަހުގައި ބޭއްވި ކޮންފަރެންސްގައި ވެސް ކައުންސިލްތަކުގެ އެންމެބޮޑު ޝަކުވާއަކަށްވީ ހަމަ މި ޕްލޭންތައް ނުހެދޭ މައްސަލައެވެ.

ޤާނޫނުގައި އޮންނަގޮތުން ރަށްރަށުގެ ލޭންޑްޔޫޒް ޕްލޭންތަކާއި ގުޅޭ މިންގަނޑުތައް އެކަށައަޅައި ބަލަައްޓައްޖެހޭ ސަރުކާރުގެ އިދާރާ އަކީ ޕްލޭނިންގ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ލޭންޑް ސާވޭ އޮތޯރިޓީއެވެ.

ގިނަ ކައުންސިލްތަކަކުން ޕްލޭނިންގ މިނިސްޓްރީ ކުށްވެރިކުރަމުންދާއިރު، އެއިދާރާއިން ބުނަނީ ކައުންސިލުތަކުން އެކަށީގެންވާ މަސައްކަތް ނުކުރާކަމަށާއި، އެއްބާރުލުން ނުލިބޭކަމަށެވެ.

މިކަމާއި ގުޅިގެން، މަޖްލިސް މެމްބަރަކު ލޭންޑްޔޫޒް ޕްލޭންތަކުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް މަޖިލީހުގެ ތަޅުމުގައި ޕްލޭނިންގ މިނިސްޓަރ މުޙައްމަދުގެ ކިބައިން އެދުމުން، އެމަނިކުފާނު ރައްދުގައި ވިދާޅުވީ އެއީ ކުރެވޭނެވަރުގެ ކަމެއް ނޫންކަމަށެވެ. އަދި އެމަނިކުފާނަށް ވެސް ނޫނީ އެހެން ވަޒީރަކަށް ވިޔަސް ޤާނޫނުގެމަތިން ނޭރޭނެކަމަށެވެ. އަދި ލޭންޑްޔޫޒް ޕްލޭންތަކަކީ ޤާނޫނުގައިވާގޮތަށް ފުރިހަމަކުރަންޖެހޭ، އަދި ކުރަން އުނދަނގުލޭ ކިޔާފައި ނުކޮށް ދޫކޮށްލެވޭ ޒާތުގެކަމެއް ވެސް ނޫންކަމަށެވެ.

ހަމަ މިފަދަ މޭރުމަކުން ވިއަވަތި ކޮންފަރެންސުގައި ވެސް އެމަނިކުފާނުވާހަކަ ދައްކަވާފައިވެއެވެ. އެއާއި ވިދިގެން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައިވެސް އެވާހަކަތައް ދިފާޢުކުރައްވާފައިވެއެވެ.

އެހެންކަމުން މިކަމުގައި ސަރުކާރުގެ ސްޓޭންޑް [ވިސްނުންހުރިގޮތް] ވަރަށް ސާފެވެ.

ސަރުކާރުން ދެކެވަޑައިގަންނަވާގޮތުގައި މިކަމަށް އޮތް ހައްލަކީ ފައިސާއެވެ. މިއީ ޚަރަދު ހިނގާ ޕްރޮފެޝަނަލް މަސައްކަތެކެވެ. އެއީ މިކަމުގައި ސަރުކާރުގެ ނިޔަތްހުރީ ލާމަރުކަޒީ އުސޫލުންކަންކަން ފަހި ކުރަމުން ދިޔަޔަސް ހިފަހައްޓަންޖެހޭ މިންގަނޑުތައް ދޫކޮށްގެން ނުވާނެކަމެވެ. މިިހާރު މިހެދޭ ޕްލޭންތަކުން ދުރު މުސްތަޤްބަލުގެ އާބާދީއަށް އޭގެ އަސަރުތައް ދެމިގެންދާނެކަމަށް ސަރުކާރުން ދެކެއެވެ. ކުރިން ރާއްޖޭގެ ހުރިހާ ޕްލޭންތައް ހެދެމުން އައީ މަރުކަޒީ އުސޫލުން ކަމުގައިވެފައި އޭރު ކުރަންޖެހުނު ޚަރަދުތައް ނިސްބަތުން ކުޑައެވެ.

މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އިންޑިއާ ސަރުކާރާއި ވެސް ވާހަކަ ދައްކަވަމުންދާކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވެއެވެ.

އަނެއްކޮޅުން ހަމަ މިކަމާއި ގުޅިގެން ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ރައްޔިތުންގެ މަޖިލީހުގެ، ދަނގެނތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް، ޕީއެންސީގެ ޕާޓިގެ ފަރާތުން ވަނީ އިސްލާޙެއް ހުށަހަޅުއްވާފައެވެ.

އެއިސްލާޙުގައި ބުނަނީ، ލޭންޑްޔޫޒް ޕްލޭންތައް ފުރިހަމަކުރަންޖެހޭ މުއްދަތުގެ ގޮތުގައި 60 ދުވަސް (ގާއްގަނޑަކަށް ދެމަސްދުވަސް) އަށް ބަދަލުކުރެއްވުމަށެވެ. މިހާރު ޤާނޫނުގައި އިންނަނީ 30 ދުވަހުގެ މުއްދަކެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި އެކު އެމުއްދަތު ވަނީ ކިތަންމެތަނެއް ދިގުލައިގެން ގޮސްފައެވެ.

މިމައްސަލައިގައި ބަހުސްކުރެއްވި ގިނަ މެމްބަރުން، ވަކިން ޚާއްސަކޮށް އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން މިއިޞްލާޙާއި ދެކޮޅެވެ. ދެކޮޅުހެއްދެވި މެމްބަރުން ވިދާޅުވާގޮތުން، 30 ދުވަހުން 60 ދުވަހަށް ހެދިކަމުގައި ވީނަމަވެސް ނުހެދިހުރި ޕްލޭންތަކަށް ކުރާނެ މާބޮޑު އަސަރެއް ނެތްކަމަށެވެ.

އެހެންކަމުން މިއިސްލާހު މިވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައެވެ. މިއީ ޕީއެންސީގެ ފަރާތުން މަޖިލީހަށް ހުށަހެޅި މިފަދަ ފުރަތަމަ ހުށަހެޅުމެވެ.

ޓެގްސް: ލޭންޑްޔޫޒް ޕްލޭން ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.