ފިނޭންސް މިނިސްޓަރ އަމީރު، އާފިޔަވަޅުތަކާއި އެކު ސާކިއުލާރއެއް މިއަދު ނެރެފައިވޭ

ހަބަރު

އެންމެފަހުން ހަރުކަށި ގިނަފިޔަވަޅުތަކެއް އަޅުއްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 ޖޫން 2022 , އާދީއްތަ 21:53   835

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވައި، ޚަރަދުކުޑަކުރުމުގެ ހަރުކަށި ގިނަ ފިޔަވަޅުތަކާއި އެކު ސަރުކާރުގެ އޮފީސްތަކަށް ސާރކިއުލާއެއް ފޮނުއްވައިފިއެވެ.

އެސާރކިއުލާގައި ވާގޮތުން، ފިޔަވަޅުތައް އަޅަންޖެހުނީ ޔޫކްރޭން ހަނގުރާމަ ދިގުލައިގެން ދިއުމާއި، ތެލަށް ކުރާ ޚަރަދު ބޮޑުވަމުންދާތީއެވެ. އަދި އޭގެ ސަބަބުން ބަޖެޓް ޑެފިސިޓްވެ ނަގަންޖެހޭ ދަރަނި ބޮޑުވަމުންދާތީ ކަމަށެވެ.

ޖުމްލަ ހަތް ދާއިރާއަކުން ފިޔަވަޅުއަޅުއްވަން ނިންމަވާފައިވެއެވެ.

އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ބައެއްކަންކަމުގެ ތެރޭގައި:

  • އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި ކޮންމެހެން ކުރަންޖެހޭ ޚަރަދެއްމެނުވީ ނުކުރުން
  • އާ ސްކޯލާރޝިޕް ނުދިނުން، ހުއްދަ ނުހޯދައި ޕްރޮމޯޝަން ނުދިނުން
  • ސްޓަޑީ ޓުއަރތަކާއި، ޓްރެއިނިންގ ޕްރޮގރާމްތައް ހުއްޓާލުން
  • ކޮންމެހެން ކުރަންޖެހިން ނޫންގޮތަކަށް ބޭރަށް ދަތުރުނުކުރުން
  • ރަސްމީގަޑީގެ އިތުރުން މަސައްކަތް ނުކުރުން
  • ކޮންމެހެން ކުރަންޖެހިގެން ނޫނީ މަރާމާތެއް ނުކުރުން
  • ކޮންމެހެން ކުރަންޖެހޭ ކެޕިޓަލް ޚަރަދެއް ނޫނީ ނުކުރުން
  • 5،000 ރުފިޔާއިން މަތީގެ ޚަރަދު ކުރުމުގައި ފިނޭންސް ހުއްދަ ހޯދުން

ސާކިއުލާގައި ވާގޮތުން، މާދަމާއިން ފެށިގެން މިފިޔަވަޅުތަކަށް ޢަމަލުކުރަން ފަށަންޖެހެއެވެ.

މިފިޔަވަޅުތަކާއި އެކު، މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމަށް ނިންމާފައި ނުވެއެވެ.

މީގެ ކުރިން ބޭރުގެ އިދާރާތަކުންނާއި، ނޫސްތަކުން ކެނޑިނޭޅި ރާއްޖޭގެ މާލީ ހާލަތު ގޯސްވަމުންދާކަމަށް ބުނެފައިވާއިރު، ސަރުކާރުން ވަނީ އެކަމާއި ކޮންމެފަހަރަކުމެ އިންކާރުކުރައްވާ، ދެކޮޅުހައްދަވާފައެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްއޭގެ ގަވަރުނަރު ވެސް ވަނީ މީގެކުރިން ވާހަކަދައްކަވާފައެވެ.

އަދި ދައުލަތުގެ ދަރަންޏާއި ގުޅިގެން މަޖިލީހުގެ ރައީސް އާއި މެމްބަރުން، އަދި ފިނޭސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރާއި މެދު ކޮންމެ ދުވަހަކުހެން ހޫނު ބަހުސްތަކެއް ހިނގާފއިވެެއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ބޯޑަރުތައް ބަންދުކުރަން ޖެހުމާއި، މިހާރު ޔޫރަޕްގައި ހިނގަމުންދާ ހަނގުރާމައިގެ ސަބުބުން ދުނިޔޭގެ ހުރިހާ އިގްތިސާދަކަށް ދަނީ އޭގެ އަސަކުރަމުންނެވެ. އަދި އޭގެ ސަބަބުން ތެލާއި ކާބޯތަކެތީގެ ބާވަތްތަކުގެ އަގު އިންތިހާއަށް އުފުލިފައިވެއެވެ. އެހެންކަމުން ގައުމުތަކުން ކުރަންޖެހޭ ހޭދަ އެތައް ތަނެއް ބޮޑުވެފައިވެއެވެ.

އަވަށްޓެރި ސްރީލަންކާގެ މުޅި އިގްތިސާދު ބަނގުރޫޓުވެ އަތައް މިލިއަން މީހުން ހާލުގައި ޖެހިފައިވާއިރު، ޕާކިސްތާނުގެ އިގްތިސާދު ވެސް އެފަދަ ނުރައްކަލެއްގައި އޮތްކަމަށް އެގަމުގެ ސަރުކާރުން ވަނީ ނިމިދިޔަ ހަފްތާ ތެރޭގައި އިޢްލާންކޮށްފައެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދިއުމާއި މަންކީޕޮކްސް :

ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވަމުންދާކަމަށް ބުނެފައިވީ ނަމަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް ސަރުކާރުން އަޅާފައިނުވެއެވެ.

ލޮކްޑައުން އަކީ ހައްލުކަމަށް ނުދެކި ދުރާލައި ފިޔަވަޅުތައް އަޅަންޖެހެއެވެ.

ކޮވިޑްގައި މިއަދު ވެސް އެކަކު ދުނިޔެ ދޫކޮށްފައިވާއިރު، މިބަލީގައި ޖުމްލަ 300 މީހަކު މިހާތަނަށް ދުނިޔެ ދޫކޮށްފައިވެއެވެ. ވެކްސިންގެ ތިންވަނަ ޑޯސް ފުރިހަމަ ކުރުން އަވަސްކުރަން ޖެހިފައިވާކަމަށް ދުނިޔޭ ސިއްހަތާއި ބެހޭ އިދާރާއިން ކެނޑިނޭޅި އިލްތިމާސްކުރަމުންދާއިރު، މިހާތަނަށް ރާއްޖެއިން 3 ޑޯސް ހަމަކޮށްފައިވަނީ ކިހާމީހުންނެއް ކަމެއް ސާފެއް ނުވެއެވެ.

ދަތުރުފަތުރުކުރުމުގައި ވެސް ޚާއްސަ ފިޔަވަޅު ގިނަ ގައުމުތަކުން ދަނީ އަޅަމުންނެވެ. ތިން ޑޯސް ހަމަނުކޮށް ދަތުރު ނުކުރެވޭގޮތް ހަދަން ޖެހެއެވެ. އަދި ދަތުރުކުރާއިރު މާސްކް އަޅަން ޖެހެއެވެ.

މިހާރު ޔޫރަޕްގައި ހަލުވިކަމާއިއެކު ފެތުރެމުންދާ މަންކީޕޮކްސް އަކީ ވެސް ނުރައްކާތެރި ބައްޔަކަށް ވާއިރު، ދިވެހިރާއްޖެއަށް އަންނަ ގިނަ ޓޫރިސްޓުންނަކީ ޔޫރަޕް މީހުންނެވެ. މަންކީޕޮކްސް ރާއްޖެއަށް އަތުވެއްޖެނަމަ އެއީ އަނެއްކާ އަނެއް އަނދަވަޅެވެ.

ބުއްދިވެރިގޮތަކީ ދުނިޔެ ހިނގަމުންދާގޮތުގެ ހަގީގަތް ގަބޫލުކޮށް އެއާއި އެއްގޮތަށް އަޅުގަނޑުމެންގެ ކަންކަން ބައްޓަންކުރަމުން ދިއުމެވެ.

ޓެގްސް: ދައުލަތުގެ ދަރަނި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.