ޢަބްދުއްﷲ ދީދީ - ހިތަދޫ ފުލުސް ސްޓޭޝަން އިންޗާރޖް

ހަބަރު

އައްޑޫގައި ފުލުހުން ގިނަ ފިޔަވަޅުތަކެއް އަޅައިފި، ވައްކަމާއި ބިދޭސީންނާއި ގުޅުން ބޮޑު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 30 އޯގަސްޓު 2022 , އަންގާރަ 09:30 1   1217

އައްޑޫ ސިޓީގައި ސިލްސިލާކޮށް ހިންގަމުންދާ ވައްކައްތަކާއި ގުޅިގެން ފުލުހުން މަސައްކަތްކުރާގޮތަށް ބައެއް ބަދަލު ގެނެސް، ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފިއެވެ.

އައްޑޫގައި ތިއްބަވާ އައްޑޫގެ ފުލުސް އިންޗާޖުންގެ ތެރެއިން ބައެއް ބޭފުޅުންނާއި، އެކްސްޕްރެސް ނޫހުން ވާހަކަދައްކާލުވުން ވިދާޅުވީ، އައްޑޫގައި މިހާރު ހިންގަމުންދާ ވައްކަމުގެ ގިނަ މައްސަލަތަކަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތެކެއް ކަމަށެވެ.

އެގޮތުން މަސްތުވުމަށް ދެވިހިފާފައިވާ ގިނަބަޔަކު، އެކި ސަބަބުތަކާއި ހުރެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޖްތަމަޢަށް ދޫވެފައިވާކަމަށެވެ. އެމީހުންނަކީ ކާންބޯން ކުރާނެ މަސައްކަތެއް ނެތި ވަޒީފާ އަދާކުރާބަޔަކަށް ނުވެފައި، ޢާއިލާގެ އިތުރުން މުޖްތަމަޢުންވެސް އަޅާލުން ކުޑަ ފަރާތްތަކެއް ކަމަށެވެ.

ކެއުމުގެ އިތުރުން މަސްތުވުމަށްޓަކައި އެމީހުންނަށް ފައިސާ ބޭނުންވާކަމަށާއި، ވައްކަންކުރުން ފިޔަވައި އިތުރުގޮތެއް އެމީހުންނަށް ނެތްކަމަށް ބުނާކަމަށެވެ. "ހައްޔަރު ކުރާ ގިނަ މީހުން ބުނަނީ، އެމީހުންނަކީ މަސްތައް ދެވިހިފާފައިވާ ބައެއްކަމަށް، އަދި ޢާއިލާ މީހުންގެ ފަރާތުން ވެސް އެހީތެރިކަމެއް ނުލިބޭކަމަށް. އެކަން އެކުރަނީ ބޭނުންވެގެން ނޫންކަމަށް" ފުލުހުން ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ އޮޕަރޭޝަނުގައި، ވޭތުވެދިޔަ 48ގަޑި އިރުތެރޭގައި، ރާ ކައްކަމުން ދިޔަ ހަތަރުތަނެއް ފުލުހުން ވަނީ ރޫޅާލާފައެވެ. އަދި މިއަދު ހެނދުނު ކުރިވައްކަމެއްގައި ގެއަކުން ވަގަށް ގެންދިޔަ އޭސީއެއް، އަދި އިއްޔެ ވަގަށް ގެންދިޔަ ސައިކަލެއް ކުޑައިރުކޮޅެއްގެތެރޭ ވަނީ ހޯދާފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ވައްކަންތަކާއި، މިހާރު އެކި ޕްރޮޖެކްޓްތަކަށް މަސައްކަތްކުރަން އައްޑޫއަށް އެތެރެކުރެވިފައިވާ ބިދޭސީންނާއި ވެސް ގުޅެއް އޮންނަކަމަށް ފާހަގަކުރެވިގެން ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށާއި، އަދި އެމީހުންނާއި ޙަވާލުވެތިބި ކުންފުނިތަކުގެ ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށެވެ.

ވަރަށް ގިނަފަހަރަށް މިގެންދަނީ ވަރަށް އަގުބޮޑު ސާމާނު. އައިފޯނު ކަހަލަ ސާމާނު. ދެން އޭސީތައް ރޫޅާލައިގެން ކޮއިލް ނަގާ ދޭތެރެދޭތެރެއިން އައްޑުއަށް ކައިރިކުރާ ބޭރުންއަންނަ ބޯޓު ފަހަރަށް ވިއްކަމުންދޭ. ދެން އެއަށް ސަޕްލައިކުރާ ދެތިން އެޖެންޓުން ވެސް ތިބޭ. ބައެއް ފަރާތަކާއި އަޅުގަނޑުމެން ބައްދަލު ވެސް ކޮށްފިން.

ވަރަށް ގިނަ ފަހަރަށް ދިވެހިންނަށް ވުރެ ގިނައިން މިތަކެތި ގަންނަކަމަށް ފާހަގަ ކުރެވެނީ ބިދޭސީ މަސައްކަތުމީހުން. އަޅުގަނޑުމެން ވާނީ އައްޑޫގައި މަސައްކަތްކުރާ 3 ކުންފުނަކަށް ސިޓީ ފޮނުވާ، ލިޔުމުން އެކަންކަން ސަމާލުކަމަށް ގެނެސްދީފައި. އެމީހުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބޭ. މާދަމާއިން ފެށިގެން އެސައިޓުތައް އަޅުގަނޑުމެން ބަލާ ޗެކް ކުރަމުންދާނަން. އެހުއްދަ ވެސް ވަނީ ލިބިފައި. އަދި ކުންފުނިތަކުގެ ފަރާތުން މިހާތަނަށް 11 މީހަކު ވަނީ ޑީޕޯޓް ވެސް ކޮށްފައި [އަނބުރާ ގައުމަށް ފޮނުވާލެވިފައި]

~ ފުލުހުންގެ ފަރާތުން މަޢްލޫމާތު ދެއްވި އިސް އޮފިޝަލެއް

ފުލުހުން ވިދާޅުވީ ކުށްމަދު ކުރުމަށްޓަކައި ޕެޓްރޯލްކުރަން އިތުރަށް މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް ކުށްކުރާ މީހުން މިހާރު ކުށްކުރާގޮތް ވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން، ކުރިން ރޭނގަޑު ކުރާ ވައްކަން މިހާރު ދުވާލު ވެސް ކުރާ ކަމަށާއި، ގިނަފަހަރަ ސާފުނުކޮށް ހުންނަ ފަޅުގެތަކާއި އަނދިރި އެކަހެރި ހިސާބުތައް ތަކެތި ފޮރުވުމުގައި ބޭނުންކުރާކަމަށެވެ.

ޢާއްމުންގެ ފަރާތުން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން އެދިވަޑައިގަންނަވާ ބައެއްކަންކަން:

  • ކެމެރާ ސިސްޓަމް ހަރުކުރުމުގައި ގޭގެ ވަށައިގެން ފެންނާނެހެން ހުރުމާއި، ރެކޯޑްކުރެވެން ހުރިކަން ޔަގީންކަން ކުރުން
  • މީހުން ގިނައިން ބޭރުގައި އުޅޭނަމަ، އަދި އަގުބޮޑު މުދާ ބަހައްޓާނަމަ، އެލާމް ސިސްޓަމް ފަދަ ތަކެތި ބޭނުންކުރުން
  • ގޭގެ ވަށައިގެން އަލިކަން ބެހެއްޓުން
  • ފެންލައިޓާއި ބިއްދޮށު ގޭޓާއި ދޮރުފަދަތަންތަން ރަނގަޅަށް ތަޅުލެވި ބަންދުކުރެވިފައިވާކަން ޔަގީންކުރުން

އިތުރަށް ފުލުހުން ވިދާޅުވީ އައްޑޫގައި ކުށްވެރިން ބައިތިއްބާނެ ޖާގަ އާއި ވަޞީލަތްތައް ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން މިއަހަރު ތެރޭގައި ވެސް އިތުރު 12 ސްޓާފުން ނެގިފައިވާކަމަށެވެ. އަދި ވެހިކަލްތައް ވެސް ކޮންމެވެސް ވަރަކަށް އިތުރުކުރެވިފައިވާކަމަށެވެ. އަދި އައްޑޫ ޕޮލިސް ޓްރޭނިންގ ސްކޫލްގައި މިހާރު ތަމްރީނު ވަމުންދާ 197 ކުދިން ކޮމިނިއުޓީ ފޭސްގައި މަސައްކަތް ކުރަމުންދާނީ ވެސް އައްޑޫގައި ކަމުން، އެކަމުން ވެސް އިތުރު ލުއިތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ޓެގްސް: ކުށްކުރުން ޕޮލިސް އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.