ރައީސް ނަޝީދު އައްޑޫގައި، އެކްސްޕްރެސް ނޫހައް އެކްސްކްލޫސިވް އިންޓަވިއުއެއް ދެއްވަނީ

ހަބަރު

އައްޑޫ ރައްޔިތުން "އަދި އެހާ ހާސްވެ ކަންބޮޑުވެލައްވާކަށް އަޅުގަނޑަކަށް ނުފެނޭ" - ރައީސް ނަޝީދު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 14 ސެޕްޓެންބަރ 2022 , ބުދަ 22:21   545

ކޮރެލް އިންސްޓިޓިއުޓްގެ ޙަރަކާތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީއަށް ވަޑައިގެން ބޭރުގެ ޚަބަރުފަތުރާ ވަޞީލަތްތަކުން ވަގުތުން ގެނެސްދީފައިވާ، ޚާއްޞަ ފޯރަމެއްގައި ބައިވެރިވެވަޑައިގެންފިއެވެ.

އަދި މި ފޯރަމްގައި، ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ދުނިޔޭގެ ބަދަލުވަމުންދާ މޫސުމުގެ ސަބަބުން މޫސުމީ ކާރިސާތައް ގިނަވެ، ދައުލަތުން ބޭރުގެ އެކި ފަރާތްތަކުން ބޮޑެތި ލޯނުނަގައިގެން، ރަށްރަށުގެ ތޮށިލުންފަދަ ކަންކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ ތަރައްޤީއަށް ހޭދަކުރާނެ ފައިސާއެއްނެތްކަމަށް ވިދާޅުވެ، އެކަން ބައިނަލްއަޤްވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެންނެވުމަށް މަސައްކަތްކުރައްވާފައެވެ.

މިފޯރަމް ނިންމެވުމަށްފަހު، އެކްޕްރެސް ނޫހަށް އެމަނިކުފާނު ވަނީ އެކްސްކްލޫސިވް އިންޓަވިއުއެއް ދެއްވާފައެވެ. އެއިންޓަވިއުގައި އެމަނިކުފާނު ވިދާޅުވީ، ތަރައްޤީއަށް ކުރާ މަސައްކަތުގައި ތިމާވެއްޓަށް ސަމާލުވާން ޖެހިފައިވާކަމަށެވެ. އަދި ވިސްނަންވީ ބަނދަރު ހެދުމާއި، ބިން ހިންކުމާއި، މަގުހެދުން ދޫކޮށްލައި، ޖީބަށް އެއްޗެއް ވަންނާނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރަން ކަމަށެވެ.

އައްޑޫގެ ތަރައްޤީއަށް ބޭނުންވާ މަސައްކަތްކުރަންޖެހޭނެ. ހިއްކަން ޖެހިއްޖިއްޔާ ހިއްކަން ޖެހޭނެ. އެހެން ކަމެއް ކުރަންޖެހިއްޖިއްޔާ އެހެންކަމެއް ކުރަންޖެހޭނެ. އެކަމަކު ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ގުދުރަތީ ރޭވުމަށް އަންނަ ބަދަލު. އަޅުގަނޑުމެންގެ މަސައްކަތްތަކުން އިތުރު ތަކުލީފެއް މާދަމާ އުފުލަން ޖެހިއްޖިއްޔާ އެދެން ވަރަށް ވަރަށް ބޮޑު ގޯހެއް އެއީ.

ކޮންމެވެސް މީހަކު އައިސް އަޅުގަނޑުމެން ގާތުގައި ބުނާނެ. މިދިމާލަށް ފައިކަށި ދަމާލީމާ ނިމުނީއޭ. އެދިމާލުގައި އެއްގަމުތޮއްޓެއް އަޅާލީމާ ނިމުނީއޭ އިނގޭތޯ. ހުރަސްތޮއްޓެއް މިތަނުން އެޅީމާ ނިމުނީއޭ. ދެން މިވާހަކައެއް މިހެން ކިޔާ ކިޔާ އެންމެފަހުން އެއްގަމު ތޮއްޓެއް އަޅާނީ. އަޅާފަ ދެން އަންނަ ހުޅަނގުގައި ބަލާލިއިރު އަނެއް ގޭ ދޮށުން ގިރާ ނިމިއްޖެ. އެހެންކަމެއް، މާބޮޑުކަމެއް ވެ ނިމިއްޖެ. ދެން އަނެއްކާ އެތަން ހިމާޔަތްކުރަން މިޖެހެނީ. އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ، ދެންވެދާނެ ގޮތްތަކަށް.

ތިން ފޫޓު ގޮނޑުދޮށް ސަލާމަތްކުރުމަށް، ގިރާ ސަރަޙައްދު އަޅުގަނޑުމެން މިކިޔަނީ. ބޭރުން އެބައަޅަންޖެހޭ ބޮޑު ހިލަ. ދެން އެތެރޭގައި އަޅަންއެބަޖެހޭ އަނެއްކާ ރިވެޓްމެންޓް. މިކަންކަން ކުރުމަށް އެބަދޭ، ފަސް ހާސް، ހަ ހާސް، ހަތްހާސް ޑޮލަރު. ފަރަކުން ވެސް ކުރަނީ، ބޮޑު ލިހަ ތޮއްޓަކުން ކުރާ މަސައްކަތް. ފަރަށް ހައްދަން 25 ޑޮލަރު ވެސް ނުދޭ، މީޓަރަކަށް. ދެން އެހެން ނޫނިއްޔާމު ހޭޅިފަށެއް ހައްދަން ވެސް ނުދޭ މީޓަރަކަށް 10 ޑޮލަރުވެސް. ދިމާވާ އުނދަގުލަކީ އެއްޗިހި ހެދެން ނަގާ މުއްދަތު.

~ ރައީސް ނަޝީދު

އިތުރަށް އެމަނިކުފާނު ވިދާޅުވީ އައްޑުއަށް އާދެވުނީމާ ވަރަށް އުފާވެވަޑައިގަންނަވާ ކަމަށެވެ.

ވަރަށް ދެރަވޭ އެހާ ގިނަ ދުވަސް މިތަނަށް ނައިސް ހުންނަން ޖެހުނީމާ. ދެން ވަރަށް އުފާވޭ މިތަނަށް އާދެވުނީމާ. އަޅުގަނޑު އެދެން ވަރަށް ބޮޑަށް ކަންތައްތައް ކުރަން. އެކަންކަން ކުރެވޭތޯ ބެލުން އެއީ އަޅުގަނޑުގެ ވަރަށް ބޮޑު ބޭނުމެއް. އަޅުގަނޑު އައްޑޫ ރައްޔިތުންނަށް ދަންނަވާލާނީ، އަދި އެހާ ހާސްވެ ކަންބޮޑުވެލައްވާކަށް އަޅުގަނޑަކަށް ނުފެނެޔޭ. އަރައިނުގަނެވޭނެތަނެއް އަދި އަޅުގަނޑަކަށެއް ނުފެނެޔޭ އަދި އިރާދަކުރެއްވިއްޔާމު އަރައިވެސް ގަނެވޭނެ.

ބޭނުންވެގެން މިއުޅެނީ ޢާމަދަނީ އިތުރުވާނެ ގޮތެއް ހޯދުން. ކިތަންމެވަރަކަށް ބަނދަރުހެދިޔަކަށް ޖީބަކަށް އަދި އެއްޗެއް ނުވަދޭ. ޢާމްދަނީއެއް ނުލިބޭ. މަގުގައި ދުއްވާނެ ކާރެއް ނެތި، އަޅާނެ ޕެޓްރޯލް ލިބޭނީ ޢާމްދަނީއެއް ލިބިގެން.

~ ރައީސް ނަޝީދު

އަދިވެސް އިތުރަށް ރައީސް ނަޝީދު ވިދާޅުވީ، އައްޑޫ ބަދަރުތަކުގެ މަސައްކަތަކީ އެންމެ މުހިއްމުކަން ދީގެން ކުރަންޖެހިފައިވާ މަސައްކަތްކަމަށެވެ.

ފުލް އިންޓަވިއު:

މިލިޔުމާއި ގުޅޭ:

ރައީސް ނަޝީދު އައްޑޫ ސިޓީގައި

ޓެގްސް: ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.