ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލް

ދުނިޔެ

އެމެރިކާގެ ސަރުކާރުން އަލް-ޝިފާ ހޮސްޕިޓަލުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް "އޯކޭ" އެއް ނުދޭ-އެމެރިކާ

ދާނިޝް - މެދުއިރުމަތި | 16 ނޮވެންބަރު 2023 , ބުރާސްފަތި 20:35   407

އެމެރިކާގެ ސަރުކާރުން ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލް ބަލައި ފާސްކުރުމަށް އިޒްރާއީލަށް ފެހި ސިގްނަލެއް ނުދޭ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ މިހެން ބުނެފައި ވަނީ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އިޒްރާއީލުގެ ފައުޖުން ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލުގެ ތެރެއަށް ވަދެ، ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި އެމެރިކާއިން ބައިވެރިވާ ކަމަށް ހަމާސް ޖަމާއަތުން ކުރާ ތުހުމަތުތަކަށް ރައްދު ދެމުންނެވެ.

"ހޮސްޕިޓަލުގެ ވަށައިގެން އެމީހުންގެ އަސްކަރީ އޮޕަރޭޝަންތަކަށް އޯކޭ އެއް ނުދޭ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކިރްބީ ވިދާޅުވި އެވެ. މީގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި، .

ބައިޑަން އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޝްވަރާތަކުގައި އިޒްރޭލުން އެމެރިކާއަށް މި ހަމަލާގެ މައުލޫމާތެއް ދިންކަމެއް ނުވަތަ ނޫންކަމެއް ބުނަން ކިރްބީ ވަނީ ދެކޮޅު ހަދާފައެވެ.

އެމެރިކާއިން މީގެ ކުރިން ބުނެފައި ވަނީ ޣައްޒާގެ އެންމެ ބޮޑު ސިއްހީ މަރުކަޒު ކަމަށްވާ އަލް-ޝިފާ ހޮސްޕިޓަލަކީ ހަމާސްގެ ބޮޑު ކޮމާންޑް ސެންޓަރެއް ކަމަށް އިޒްރޭލުން ބުނާ ބުނުމަށް އެމެރިކާގެ އިންޓެލިޖެންސް އެސެސްމަންޓަކުން ތާއީދު ކުރާ ކަމަށެވެ.

ފަލަސްތީނުގެ އެތައް ސަތޭކަ ބަލިމީހުންނައި، ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކަށް ހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ އަލްޝިފާއަށް އިސްރާއީލު ސިފައިން ވަދެފައިވާއިރު މިކަމާ މެދު މުޅި ދުނިޔެ ވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"ހޮސްޕިޓަލްތަކަކީ ހަނގުރާމައިގެ މައިދާންތަކެއް ނޫން،" އދ.ގެ އަންޑަ ސެކްރެޓަރީ ޖެނެރަލް ފޮރ ހިއުމެނިޓޭރިއަން އެފެއާޒް އަދި އެޖަމިއްޔާގެ އިމަޖެންސީ ރިލީފް ކޯޑިނޭޓަރު މާޓިން ގްރިފިތްސް މި ޖަރީމާތަކަށް ރައްދު ދެއްވަމުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

ޙަމާސް ޖަމާޢަތުގެ މުޖާހިދުން ހޯދުމުގެ ނަމުގައި އިޒްރާއީލުން އަލް-ޝިފާ ހޮސްޕިޓަލުގައި ހިންގަމުންދާ އުދުވާނުގައި އެއްގަމު މަގުންނާއި ވައިގެ މަގުން ދަނީ ހޮސްޕިޓަލާއި އަމާޒުކޮށް ހަމަލާދެމުންނެވެ. މި ހަމަލާ ތަކާއި ގުޅިގެން ހޮސްޕިޓަލުގެ ކަރަންޓުގެ ހިދުމަތް ވެސް ވަނީ ކެޑިފައެވެ. މިއާއި އެކު ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތް ތަކަށް ވަނީ ބުރޫއަރައިފައެވެ. ބައިނަލްއަޤްވާމީ މީޑިއާއަށް މައުލޫމާތު ލިބޭ ގޮތުގައި އިޒްރާއީލުގެ އަސްކަރީ ޓޭންކުފަހަރު ވަނީ އެ ހޮސްޕިޓަލް ވަށައިލާފައެވެ. އަދި ބައެއް ޓޭންކުތައް ހޮސްޕިޓަލްގެ ގޭޓުން އެތެރެއަށް ވެސް ވަދެ، ހޮސްޕިޓަލުގެ އެންމެ ވޯޑުތަކާއި، އޮޕަރޭޝަން ތިއޭޓަރުތަކަށް ބަރު ހަތިޔާރާއެކު ސިފައިންވެސް ވަނީ ވަދެ އެތައް ހަމަލާތަކެއް ދީފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނާގޮތުގައި އަލް-ޝިފާ ހޮސްޕިޓަލުގައި ހިންގަމުންދާ އޮޕަރޭޝަންތަކުގައި އެ ގައުމުގެ ސިފައިންނަށް އޮޕަރޭޝަނަލް ކޮމާންޑް ސެންޓަރަކާއި ހަމާސްގެ މުދާތަކެއް ވަނީ ފެނިފައެވެ. ނަމަވެސް މި ވާހަކަތައް ސާބިތުކޮށްދޭނެ ހަރުދަނާ ހެއްކެއް އިޒްރާއީލަކަށް ދެއްކިފައެއް ނުވެއެވެ.

މީގެ އިތުރުން އިޒްރާއީލުގެ ލަޝްކަރުން ވަނީ ހޮސްޕިޓަލްގެ ކޮމްޕައުންޑުގައި ހުރި ގޮތް ނޭނގޭ އިމާރާތަކުން ފެނުނު ބައެއް ސާމާނުގެ ތެރޭގައި އޮޓޮމެޓިކް ހަތިޔާރާއި ގްރެނޭޑާއި ފްލޭކް ޖެކެޓް ހުރި ކަމަށް ބުނާ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.

މި ކަމާއި ގުޅިގެން ޣައްޒާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު މުނީރު އަލް ބުރްޝް ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ހޮސްޕިޓަލަށް ވަދެ ގަތުލުއާމު ހިންގިއިރު އެއްވެސް ހަތިޔާރެއް ފެނިފައި ނުވާ ކަމަށެވެ. އަދި ހޮސްޕިޓަލަކީ ހަތިޔާރު ގެންގުޅެން ހުއްދަދެވުފައިވާ ތަނެއް ނޫންކަމުގައި ވިދާޅުވެފައެވެ.

ޣައްޒާގައި އިޒްރާއީލުން ހިންގަމުންދާ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 11,200 އަށް ވުރެ ގިނަ ވެފައިވާއިރު ޒަޚަމުވި މީހުންގެ ޢަދަދު 29,000 އިން މަށްޗަށް ވަނީ އަރައިފައެވެ.

ޓެގްސް: ފަލަސްޠީން އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.