އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އަދި ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ 123 އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދުނިޔެ

އެމެރިކާ އާއި ފިލިޕީންސްއާ ދެމެދު ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދާނިޝް - ދެކުނު އޭޝިޔާ | 17 ނޮވެންބަރު 2023 , ހުކުރު 21:01   440

ނިއުކްލިއާ ހަކަތަ ބޭނުންކޮށްގެން ހަކަތައިގެ މިނިވަންކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ މެނީލާއަށް ނިއުކްލިއާ ޓެކްނޮލޮޖީ އާއި މެޓީރިއަލް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ވޮޝިންޓަނަށް ލިބޭނެ ތާރީހީ އެއްބަސްވުމެއްގައި އެމެރިކާ އާއި ފިލިޕީންސުން މިއަދު ސޮއިކޮށްފި އެވެ.

އެމެރިކާގެ ސެން ފްރެންސިސްކޯގައި މިހާރު ކުރިއަށްދާ އެޕެކް ސަމިޓުގެ ހަވާސާގައި މި އެއްބަސްވުމުގައި، ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވީ ފިލިޕީންސްގައި ކުދި މޮޑިއުލާ ރިއެކްޓަރުތަކާއި އެހެނިހެން މަދަނީ ނިއުކްލިއާ ހަކަތައިގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެމެރިކާއަށް އެކަމުގައި ބޭނުންވާ ސާމާނާއި މެޓީރިއަލް ފިލިޕީންސްއާ ހިއްސާ ކުރެވޭނެ ކަމުގައެވެ. މި 123 އެއްބަސްވުމުގެ މަޝްވަރާތައް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

"2032 ވަނަ އަހަރު އަންނަންވާއިރަށް ނިއުކްލިއާ ހަކަތަ ފިލިޕީންސްގެ އެނާޖީ މިކްސްގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނޭ، އެމެރިކާއާއެކު މި މަސައްކަތުގައި ކުރިއަށް ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ދެއްވި ތަގުރީރުގައި ވިދާޅުވި އެވެ.

މި އެއްބަސްވުމަށް އެމެރިކާގެ ކޮންގްރެސްގެ ރުހުން ބޭނުންވާއިރު، ނިއުކްލިއާ މެޓީރިއަލްއާއި އިކުއިޕްމަންޓާއި މައުލޫމާތު ސުލްހަވެރިކަމާއެކު ޕްރޮލިފަރޭޝަން ނޫން ޝަރުތުތަކާ އެއްގޮތަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

2022 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާއިން ވަނީ 47 ގައުމަކާއި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ އާއި ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާން ހިމެނޭ ގޮތަށް 23 ނިއުކުލިއާ އެއްބަސްވުން ހަދާފަ އެވެ.

ފިލިޕީންސުން ބޭނުންވަނީ މޫސުމީ ލަނޑުދަނޑިތައް ހާސިލްކުރުމަށާއި ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް އެހީވުމުގެ ގޮތުން ކޯލް ޕްލާންޓްތަކުގެ ބޭނުން ހުއްޓާލުމަށެވެ. އަދި ނިއުކްލިއާ ހަކަތަ އެކަށީގެންވާ އޮލްޓަނޭޓިވް ބޭސްލޯޑް ޕަވާ ސޯސްއެއްގެ ގޮތުގައި ބޭނުންކުރުމަށެވެ. ދެކުނު އިރުމަތީ އޭޝިއާގެ މި ގައުމަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ތައް ހަލަބޮލިވުމާއި މޫސުމީ ގޮތުން ކަރަންޓް ކެނޑުމާއި ކަރަންޓުގެ އަގު ބޮޑުވުމުގެ ނުރައްކާ އޮތް ގައުމެކެވެ.

ފިލިޕީންސްގައި ނިއުކްލިއާ ހަކަތަ ހޯދުމަށް މީގެ ކުރިން ކުރި މަސައްކަތްތައް ސަލާމަތީ ސަބަބުތަކާ ހުރެ ހުއްޓިފައި ވީ ނަމަވެސް، މާކޯސް ވަނީ އޭނާގެ ބައްޕަގެ ވެރިކަމުގައި ހިގި ހަކަތައިގެ ކާރިސާއަކާ ގުޅިގެން ހަދާފައިވާ މޮތުބޯލްޑް ނިއުކްލިއާ އިންޖީނުވެސް އަލުން އާރާސްތު ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

1984 ވަނަ އަހަރު ނިމުނު ބަތާން ނިއުކްލިއާ އިންޖީނު ޑީއެކްޓިވޭޓް ކުރީ އޭގެ ދެ އަހަރު ފަހުން ކުރީގެ ރައީސް މާކޯސް މަގާމުން ދުރުކުރުމާއި ނުރައްކާތެރި ޗެރްނޯބިލް ނިއުކްލިއާ ކާރިސާއާއި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެންނެވެ.

ޓެގްސް: އެމެރިކާ ފިލިޕީންސް ނިއުކްލިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.