ޗައިނާގެ ހުޅަނގު އުތުރުގެ ނިންގްޝިއާ ހުއި އޮޓޮނޮމަސް ސަރަޙައްދުގެ ޔިންޗުއާންގެ މިސްކިތެއް

ދުނިޔެ

ޗައިނާއިން ޝިންޖިއާންއިން ބޭރުގެ މިސްކިތްތަކަށް އަރައިގަތުން އިތުރަށް ވަރުގަދަކޮށްފި: ހިއުމަން ރައިޓްސް ވޮޗް

ދާނިޝް - އޭޝިއާ | 26 ނޮވެންބަރު 2023 , އާދީއްތަ 09:06   412

ޝިންޖިއާން ފިޔަވައި އެހެން ސަރަޙައްދުތަކުގެ މިސްކިތްތައް ބަންދުކުރުމުގެ ކެމްޕޭން ޗައިނާ ސަރުކާރުން ފުޅާކޮށްފައިވާކަމަށް ހިއުމަން ރައިޓްސް ވޮޗްއިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

އާންމުންގެ ލިޔުންތަކާއި ސެޓެލައިޓް ފޮޓޯތަކާއި ހެކިންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓުގައި ވާގޮތުން އުތުރުގެ ނިންގްޒިއާ ސަރަހައްދުގެ އިތުރުން ހުއީ މުސްލިމުންގެ އާބާދީ ބޮޑު ގަންސޫ ޕްރޮވިންސްގެ މިސްކިތްތައް ކަމާބެހޭ ފަރާތްތަކުން ވަނީ ބަންދުކޮށްފަ އެވެ.

ދީނުގެ ކޮންޓްރޯލް ހަރުކަށިކޮށް، ވެރިކަމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުގެ ނުރައްކާ ކުޑަކުރުމަށް ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ކުރިއަށް ގެންދާ މި ކެމްޕޭނުގެ ދަށުން މިސްކިތްތަކުގެ އާކިޓެކްޗަރަލް ސިފަތައް އިތުރަށް "ޗައިނީޒް" ކުރުމަށް ޓަކައި އެ ތަންތަނުގެ އާކިޓެކްޗަރަލް ސިފަތައް ވެސް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ނައްތާލަމުންނެވެ. ރައީސް ޝީ ޖިންޕިން 2016 ވަނަ އަހަރު ވަނީ ދީންތައް "ސިނިކަލައިޒޭޝަން" ކުރުމަށް ގޮވާލައްވައި، 11 މިލިއަނަށްވުރެ ގިނަ އުއިގޫރުންނާއި އެހެނިހެން މުސްލިމް މައިނޯރިޓީން ދިރިއުޅޭ ހުޅަނގުގެ ޝިންޖިއާން ސަރަހައްދަށް އަމާޒުކޮށް ހަރުކަށި ފިޔަވަޅުތަކެއް ފަށައިފައެވެ.

އދ.އިން މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ޗައިނާއިން ޝިންޖިއާންގައި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށާއި އޭގެ ތެރޭގައި މަދުވެގެން އެއް މިލިއަން އުއިގޫރު، ހުއިސް، ކަޒަކިސް އަދި ކިރްގިސްތާން މީހުން ހިފަހައްޓާފައިވާ ކަމަށް ބެލެވޭ އެކްސްޓްރާ ޖުޑިޝަލް އިންޓާންމަންޓް ކޭމްޕްތަކުގެ ނެޓްވޯކެއް އެޅުން ވެސް ހިމެނޭ ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނި ގޮތުގައި ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދީނީ ހިޔާލު ފާޅުކުރުން ހުއްޓުވުމުގެ ގޮތުން ޝިންޖިއާން އިން ބޭރުގެ ސަރަހައްދުތަކުގައި ސެކިއުލާ ބޭނުންތަކަށް މިސްކިތްތައް ޑިކޮމިޝަންކޮށް، ބަންދުކޮށް، ތަޅާލައި، ނުވަތަ ބަދަލުކޮށްފައެވެ.

މި ރިޕޯޓާއި މުސްލިމް މައިނޯރިޓީތަކާ މެދު ޗައިނާގެ ރަސްމީ ސިޔާސަތުތަކާ ބެހޭ ގޮތުން ޗައިނާގެ ޚާރިޖީ ވުޒާރާއަށް މީޑިއާތަކުން ކުރަމުން އަންނަ ސުވާލުތަކަށް ޖަވާބެއް އަދި ދީފައެއް ނުވެއެވެ.

ޗައިނާގެ "މޮސްކް ކޮންސޮލިޑޭޝަން" އާ ބެހޭ ގޮތުން 2018 ވަނަ އަހަރުގެ އޭޕްރީލް މަހު އެމެރިކާގެ މީޑިއާތަކަށް ލީކުކޮށްލި "ޝިންޖިއާން ޕޭޕަރސް" ގެ ނަމުގައި ލިޔެފައިވާ ލިޔުންތައް ބުނާގޮތުން "އިސްލާމީ ދީނީ ތަންތަން އިމާރާތްކުރުމާއި މަރާމާތުކުރުމާއި ފުޅާކުރުމުގެ މިންގަނޑުތައް ހަރުދަނާ ކުރުމަށް" ޗައިނާގެ ދައުލަތުގެ އިދާރާތަކަށް ވަނީ އަންގާފައެވެ. މީގެ އިތުރުން "މިސްކިތްތަކުގެ ޖުމުލަ އަދަދު ކޮމްޕްރެސް ކުރުމަށްޓަކައި އަލަށް އިމާރާތްކުރާ އިސްލާމީ ތަންތަން ނުހުންނާނެ" ކަމަށް އެ ފައިލްގައި ވަނީ ބުނެފަ އެވެ.

ހިއުމަން ރައިޓްސް ވޮޗްގެ އެކްޓިން ޗައިނާ ޑިރެކްޓަރު މާޔާ ވަންގް ވިދާޅުވި ގޮތުގައި ޗައިނާ ސަރުކާރުން ދަނީ އެ މީހުން ބުނާ ގޮތަށް މިސްކިތްތައް "ކޮންސޮލިޑޭޓް" ނުކޮށް، ދީނީ މިނިވަންކަމާ ހިލާފަށް އެތައް ބަޔަކު ބަންދު ކުރަމުންނެވެ.

"ޗައިނާ ސަރުކާރުން މިސްކިތްތައް ބަންދުކޮށް، ހަލާކުކޮށް، އަލުން އިމާރާތް ކުރުމަކީ ޗައިނާގައި އިސްލާމް ދީން ތަންފީޒުކުރުން ހުއްޓުވުމަށް ރޭވިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް" އޭނާ އިތުރަށް ބުނެފައި ވެއެވެ.

ނިންގްޒިއާގެ ލިއާއޯކިއާއޯ އަދި ޗުއާންކޫ ވިލެޖްގައި ކަމާބެހޭ ފަރާތްތަކުން ވަނީ 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ދެމެދު އެ ހަތް މިސްކިތުގެ ގޮނޑީތަކާއި މުންނާރުތައް ތަޅާލައި އޭގެ ތެރެއިން ތިން މިސްކިތެއްގެ މައި އިމާރާތްތައް ތަޅާލާފައިވާ ކަމަށް އޮންލައިންކޮށް އާންމުކޮށްފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ކަމަށާއި އެ މީހުންގެ ސައިންސްވެރިން ސެޓެލައިޓް ފޮޓޯތަކުން އެކަން ސާބިތުވާ ކަމަށް ބުނެފައެވެ.

ނިންގްޒިއާގެ ވެރިރަށް ޔިންޗުއާންގެ ސަރުކާރުން 2018 ވަނަ އަހަރުގެ މާޗް މަހު ނެރުނު ލިޔުމެއްގައި ވެސް "މިސްކިތްތައް އެއްކުރުމުގެ" ސިޔާސަތު ފާހަގަކޮށްފައިވެ އެވެ. އެ ކަރުދާހުގައި ބުނެފައި ވަނީ ސަރުކާރުން ބޭނުންވަނީ "ދީނީ ތަންތަނުގެ އަދަދާއި މިންގަނޑު ހަރުކަށިކޮށް ކޮންޓްރޯލް ކުރަން" ކަމަށާއި މިސްކިތްތަކުގައި "ޗައިނީޒް އާކިޓެކްޗާ ސްޓައިލްސް" ގެންގުޅުމަށް ގޮވާލާ ކަމަށެވެ.

ގަންސޫ ޕްރޮވިންސްގެ ބައެއް ލޯކަލް ސަރުކާރުތަކުންވެސް ވަނީ މިސްކިތްތައް "ކޮންސޮލިޑޭޓް" ކުރުމަށް ތަފްސީލީ މަސައްކަތްތަކެއް ކޮށްފަ އެވެ. ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވާގޮތުން އާބާދީގެ ބޮޑު ބަޔަކީ ހުއީ ކަމަށްވާ ގުއާންގޭ ކައުންޓީގައި 2020 ވަނަ އަހަރު ކަމާބެހޭ ފަރާތްތަކުން ވަނީ 12 މިސްކިތެއްގެ ރަޖިސްޓްރީ ބާތިލްކޮށް، ފަސް މިސްކިތެއް ބަންދުކޮށް، އިތުރު ފަސް މިސްކިތެއް "ކޮންސޮލިޑޭޓް" ކޮށްފައެވެ.

ޗައިނާގެ ޚަބަރުތައް ބުނާގޮތުން ޗައިނާ ސަރުކާރުން ވަނީ އެގައުމުގެ އެހެން ޕްރޮވިންސްތަކުގެ މިސްކިތްތައްވެސް ބަންދުކޮށް ނުވަތަ ބަދަލުކޮށްފައި ކަމަށާއި، ބައެއް ފަހަރު އާންމުންގެ ނުރުހުން ވެސް ކުރިމަތިވާ ކަމަށެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ޔުނާން ޕްރޮވިންސްގެ ދެކުނުގެ ނާގޫ ޓައުންގައި މުޒާހަރާގެ ބައިވެރިން ވަނީ މިސްކިތެއްގެ ގުނބު ތަޅާލަން ރޭވި މައްސަލާގައި ފުލުހުންނާ ހަމަނުޖެހުން ހިންގައިފަ އެވެ.

ޓެގްސް: ޗައިނާ އިންސާނީ ޙައްޤުތައް އިސްލާމީ ދުނިޔެ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.