މަލިގިޔޮންގް-1 ނަމަކަށް ކިޔާ ޖާސޫސީ ސެޓެލައިޓެއް ކާމިޔާބުކަމާއެކު ލޯންޗްކުރި ކަމަށް ޕިޔޮންގްޔަންގްއިން ބުނެފި

ދުނިޔެ

އުތުރު ކޮރެއާގެ ޖާސޫސީ ސެޓެލައިޓް އުދުއްސާލުމާއި އެކު ދެކުނުން އަސްކަރީ އެއްބަސްވުން މެދުކަނޑާލައިފި

ދާނިޝް - ދެކުނު އޭޝިޔާ | 23 ނޮވެންބަރު 2023 , ބުރާސްފަތި 07:59   523

އަސްކަރީ ނުތަނަވަސްކަން ކުޑަކުރުމުގެ ގޮތުން ދެކުނު ކޮރެއާއިން 2018 ވަނަ އަހަރު އުތުރު ކޮރެއާއާއެކު ހަދާފައިވާ އެއްބަސްވުމުގެ ބައެއް ބައިތައް މެދުކަނޑާލައިފިއެވެ. މިއީ ޖާސޫސީ ސެޓެލައިޓެއް ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލި ކަމަށް ޕިޔޮންގްޔަންގް އިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ދެކުނު ކޮރެއާގެ ބޮޑުވަޒީރު ހާން ޑަކް ސޯ ވިދާޅުވީ މި ހަމަލާގެ ސަބަބުން ދެކުނު ކޮރެއާގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށެވެ.

ދެކުނު ކޮރެއާގެ ވެރިކަން ކުރާ ސިޓީ،ސޯލް އިން ބުނީ އަސްކަރީ އެއްބަސްވުމުގެ ދަށުން ގާއިމުކޮށްފައިވާ ނޯ ފްލައި ޒޯނާ ހިލާފަށް އުތުރު ކޮރެއާގެ ބޯޑަރު ސަރަހައްދުގައި ސަވައިލަންސް ދަތުރުތައް އަލުން ފަށާނެ ކަމަށެވެ.

ބައެއް ތަޖުރިބާކާރުން ބުނަނީ މިކަންކަމުގެ ސަބަބުން ނުތަނަވަސްކަން އިތުރަށް ހޫނުވެދާނެ ކަމަށެވެ.މަލިގިޔޮންގް-1 ގެ ޖާސޫސީ ސެޓެލައިޓް ހިފަހައްޓަން ބުނާ ރޮކެޓެއް ޕިޔޮންގްޔަންގް އިން ފޮނުވާލީ މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. މިއަދު ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ވަނީ ސެޓެލައިޓް އޯބިޓަށް ވަދެފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އެ ސެޓެލައިޓް މަސައްކަތް ކުރާކަން ޔަގީންކަމާއި އެކު ބުނަން އަދި މާ އަވަސް ކަން ފާހަގަކޮށްފައިވާ އިރު، އެމެރިކާ އިން ވަނީ އެ ސެޓެލައިޓް ލޯންޗް ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު އެޑްރިއެން ވޮޓްސަން ވިދާޅުވީ މިފިޔަވަޅުގެ ސަބަބުން ސަރަހައްދުގެ ސަލާމަތީ ހާލަތު ހަލަބޮލިވުމުގެ ބިރު އެބައޮތް ކަމަށެވެ.

ޖާސޫސީ ސެޓެލައިޓެއް އުފެއްދުމަކީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ކަނޑައެޅުއްވި ފަސް އަހަރުގެ އަސްކަރީ ޕްލޭންގެ ބޮޑު ބައެކެވެ. މި ޓެކްނޮލޮޖީގެ ސަބަބުން އެމެރިކާ އާއި ދެކުނު ކޮރެއާގެ ސިފައިންނާއި ހަތިޔާރު ކޮރެއާ ޕެނިންސިއުލާގައި ހިނގަމުންދާ ގޮތް މޮނިޓާ ކުރުމުގެ ފުރުސަތު ޕިޔޮންގްޔޮންއަށް ލިބިގެންދާނެ އެވެ. އަދި އުތުރުކޮރެއާގެ ނިއުކްލިއަރ ޙަމަލާތައް މިހާރަށްވުރެ ސާފުކޮށް ރޭވުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ.

އުތުރު ކޮރެއާގެ ޖައްވީ އިދާރާ، ނޭޝަނަލް އެރޯސްޕޭސް ޓެކްނޮލޮޖީ އެޑްމިނިސްޓްރޭޝަނުން ބުނީ، މިއީ އެގައުމުގެ ދުޝްމަނުންގެ "ނުރައްކާތެރި އަސްކަރީ ފިޔަވަޅެއް" ހިންގަމުންދާ ދަނޑިވަޅެއްގައި އެގައުމުގެ އަމިއްލަ ދިފާއީ ގާބިލްކަން އިތުރުކުރުމަށް ކުރި މަސައްކަތެއް ކަމަށެވެ. ޕިއޮންޔޮންގް އިން ބުނީ އިތުރު ޖާސޫސީ ސެޓެލައިޓްތަކެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފޮނުވާލުމަށް ރާވާފައިވާ ކަމަށެވެ.

މި ސެޓެލައިޓަކީ ހަރުދަނާ ސެޓެލައިޓެއްތޯ ބައެއް އެނަލިސްޓުން ޝައްކު ކުރެ އެވެ. ކޮރެއާ ރިސާޗް އިންސްޓިޓިއުޓް ފޯ ނޭޝަނަލް ސްޓްރެޓެޖީގެ މިސައިލް ސެންޓަރު ހިންގަވާ ޖަންގް ޔަންގް-ގޫން ލަފާކުރައްވާ ގޮތުގައި، މީގެ ކުރިން ކުރި މަސައްކަތްތަކަށް ބަލާއިރު، ސެޓެލައިޓްގެ ކެމެރާގެ ރިޒޮލިއުޝަނަކީ ތަފްސީލީ އަސްކަރީ ރިކޮނިސަސް އަށް ފުރުސަތު ދެވޭ ފެންވަރެއްގައި ނެތް ކަމެއް ކަމަށް ވެދާނެ އެވެ.

ކާނެގީ އެންޑޯމަންޓް ފޯ އިންޓަނޭޝަނަލް ޕީސްގެ ނިއުކްލިއާ ޕޮލިސީ އެކްސްޕާޓެއް ކަމަށްވާ އަންކިތު ޕަންޑާ ވަނީ މި ސެޓެލައިޓުގެ ސަބަބުން އުތުރު ކޮރެއާގެ އަސްކަރިއްޔާގެ ހަރުދަނާކަން އިތުރުކުރެވިދާނެ ކަމަށާއި، އޭގެ ބަދަލުގައި ޕެނިންސިއުލާއަށް "ސްޓެބިލައިޒޭޝަން އިފެކްޓް" ކޮށްފާނެ ކަމަށް ބުނެފަ އެވެ. އަދި އެކަމުގެ ސަބަބުން ޕިޔޮންގްޔަންގް އަށް ކްރައިސިސްތަކުގައި ހަރުކަށި ފިޔަވަޅު އެޅުން މަދުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވ

މިއީ މީގެ ކުރިން މެއި އަދި އޮގަސްޓް މަހު ލޯންޗުކުރި ދެ ސެޓެލައިޓް ނާކާމިޔާބުވުމަށްފަހު، ޖާސޫސީ ސެޓެލައިޓެއް އޯބިޓަށް ގެނައުމަށް އުތުރު ކޮރެއާއިން މިއަހަރު ކުރި ތިން ވަނަ މަސައްކަތެވެ. ދެކުނު ކޮރެއާގެ އޮފިޝަލުން ވިދާޅުވީ ޕިއޮންޔޮންއަށް މޮސްކޯގެ ފަރާތުން ޓެކްނިކަލް އެހީތެރިކަން ލިބިފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމުގެ ސަބަބުން ކުރިން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ހުރަސްތަކުން އަރައިގަތުމަށް ފުރުސަތު ލިބުނު ކަމަށެވެ.

ކިމް އާއި ދެކުނު ކޮރެއާގެ ކުރީގެ ރައީސް މޫން ޖައި-އިން 2018 ވަނަ އަހަރު ކޮމްޕްރިހެންސިވް މިލިޓަރީ އެގްރީމެންޓުގައި ސޮއިކުރެއްވީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، ހަމަނުޖެހުންއުފެދިގެން ދިއުން ހުއްޓުވުމުގެ ގޮތުންނެވެ. އޭގެ ސަބަބުން ބޯޑަރު ކައިރީގައި ދެ ފަރާތުގެ އަސްކަރީ ހަރަކާތްތައް މަދުކޮށް، ގާޑް ޕޯސްޓްތައް ނައްތާލައި، ލައިވް ފަޔާ ޑްރިލްތައް މަނާކޮށް، ނޯ ފްލައި ޒޯނެއް އުފެއްދި އެވެ.

ނަމަވެސް ދެކުނު ކޮރެއާ ގެ ސަރުކާރުން ދާދި ފަހަކަށް އައިސް ބުނަމުން ދަނީ މި އެއްބަސްވުމުގެ ދަށުން ބޯޑަރު ސަރަހައްދުގައި ސަވައިލަންސް މަތިންދާ ބޯޓާއި ރިކޮނިސެންސް ޑްރޯން އުދުއްސާލުން މަނާކޮށްފައި ވުމުން، ހަމަލާއެއްގެ ނުރައްކާ އެ ގައުމަށް ބޮޑު ކަމަށެވެ.

ދެކުނު ކޮރެއާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެމްބަރުން މިއަދު ފަތިހުގެ ވަގުތެއްގައި ބައްދަލުކުރެއްވުމަށްފަހު، އެ ގައުމުގެ ދިފާއީ އިސްވެރިންނާއި ކެބިނެޓުގެ ބޭފުޅުންނާއި ވެސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި މިހާރުން މިހާރަށް ބޯޑަރު ސަރަހައްދުގައި ސަވައިލަންސް އޮޕަރޭޝަންތައް އަލުން ފަށަން ޖެހޭ ކަމަށް އެންމެން ވެސް ވަނީ އެއްބަސްވެފަ އެވެ.

މި ސަވައިލަންސް އިތުރުވުމުގެ ސަބަބުން އުތުރު ކޮރެއާގެ އައުޓްޕޯސްޓްތަކާއި، މީގެ ކުރިން ފަރުބަދަތަކުގެ ފަހަތުގައި ފޮރުވިފައި ހުރި ދުރު ރާސްތާގެ އާޓިލަރީތައް މޮނިޓާ ކުރުމުގެ ފުރުސަތު ދެކުނު ކޮރެއާއަށް ލިބިގެންދާނެ އެވެ.

އުތުރު ކޮރެއާ މޮނިޓާ ކުރުމަށް ސޯލް އިން މިހާރު ބަރޯސާވަނީ އެމެރިކާގެ ޖާސޫސީ ސެޓެލައިޓްތަކަށް ނަމަވެސް، ނޮވެމްބަރު މަހުގެ ފަހުކޮޅު އުތުރު ކޮރެއާގެ ސެޓެލައިޓްތަކެއް ޖައްވަށް ފޮނުވަން ސޯލް އިން އަންނަނީ ތައްޔާރުވަމުންނެވެ.

އަސްކަރީ އެއްބަސްވުން މެދުކަނޑާލުމުން ނުތަނަވަސްކަން އިތުރުވެ ބޯޑަރު ހުރަސްކޮށް ކުރިމަތިލުންތައް ހިނގުމުގެ ފުރުސަތު ބޮޑުވެދާނެ ކަމުގެ އިންޒާރު ބައެއް ތަޖުރިބާކާރުން ވަނީ ދީފަ އެވެ.

ޓެގްސް: ދެކުނު ކޮރެއާ ދެކުނު އިރުމަތީ އޭޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.