ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑޮކްޓަރު މުހައްމަދު އަބޫ ސަލްމިއާ

ދުނިޔެ

އިޒްރޭލު ސިފައިން އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ހައްޔަރުކޮށްފި

ދާނިޝް - މެދުއިރުމަތި | 24 ނޮވެންބަރު 2023 , ހުކުރު 13:59   489

އިސްރާއީލުގެ ސިފައިން އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު' ޑޮކްޓަރު މުހައްމަދު އަބޫ ސަލްމިއާ ހައްޔަރުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ސީނިއާ ޑޮކްޓަރަކު ވިދާޅުވެއްޖެއެވެ.

މުހައްމަދު އަބޫ ސަލްމިއާ އާއި އިތުރު ބައެއް "ސީނިއާ ޑޮކްޓަރުން" އިސްރާއީލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ހިފަހައްޓާފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ޗީފް އޮފް ޑިޕާޓްމަންޓް ޚާލިދު އަބޫ ސަމްރާ މައުލޫމާތު ދެއްވާފައި ވަނީ، އިސްރާއީލުގެ އެއްގަމު އުޅަނދުފަހަރުގެ ހަމަލާތަކުގެ އެންމެ ބޮޑު ފޯކަސްއެއް ކަމަށްވާ އަލްޝިފާގެ އެތެރޭގެ ހާލަތާ ބެހޭ ގޮތުން ބައިނަލްއަގުވާމީ މީޑިއާތަކުން ސަލްމިއާއާ ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

ޑޮކްޓަރު މުހައްމަދު އަބޫ ސަލްމިއާ ހައްޔަރުކުރި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އައިޑީއެފް އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވާއިރު، ހަމާސް އިން ވަނީ މިކަން ކުށްވެރިކޮށް، އެ މީހުން ވަގުތުން ދޫކޮށްލުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތައް މަސައްކަތް ކުރުމަށް ގޮވާލައިފަ އެވެ. އަދި އެއީ ކުށެއްގެ އިތުރުން އިންސާނިއްޔަތާއި އަޚްލާގުގެ ހުރިހާ އިހުސާސެއް ނެތް ފަރާތަކުން ކުރާ ނިކަމެތި އަމަލެއް ކަމަށް ދެކޭ ކަމަށާއި އެއީ ކޮންމެ ވަގުތަކު ވެސް މެޑިކަލް މުވައްޒަފުންނާ ދެކޮޅަށް އެއްވެސް ހަމަލާއެއް ނުދޭނެ ކަމުގެ ޔަގީންކަން ދޭ ބައިނަލްއަގުވާމީ މުއާހަދާތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

އެ ޖަމާއަތުން ވަނީ އަބޫ ސަލާމިއްޔާ އާއި ހައްޔަރުކޮށްފައިވާ ހުރިހާ މެޑިކަލް މުވައްޒަފުން މިނިވަން ކުރުމަށް އިސްރާއީލު ސިފައިންނަށް ޕްރެޝަރު ކުރުމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފަދަ ބައިނަލްއަގުވާމީ އިދާރާތަކަށް ގޮވާލާފަ އެވެ.

މީގެ އިތުރުން، އިސްރާއީލުން އަލްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ހައްޔަރުކުރުމާ ގުޅިގެން ޒަހަމްވި މީހުންނާއި މެޑިކަލް ސްޓާފުން ހޮސްޕިޓަލުތަކުން ނެރުމުގައި ޑަބްލިއުއެޗްއޯއާ ގުޅިގެން މަސައްކަތް ކުރުން ހުއްޓާލާނެ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ޣައްޒާގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ ވިދާޅުވީ ޒަހަމްވި މީހުންނާއި މެޑިކަލް ސްޓާފުން ނެރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން މަސައްކަތް ކުރުން ހުއްޓާލަން ޣައްޒާގެ ހެލްތު މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އަލްޤުދްރާ އިތުރަށް ވިދާޅުވީ މެޑިކަލް މުވައްޒަފުން ހައްޔަރުކުރުމުގެ ޒިންމާ އުފުލަނީ އިޒްރޭލާއި އދ އިން ކަމަށާއި، އިސްރާއީލު ސިފައިން މެޑިކަލް ސްޓާފުންނާއި ބަލިމީހުންނާ މެދު އަމަލުކުރަމުންދަނީ އިންސާނިއްޔަތުކަން ކުޑަ ގޮތަކަށެވެ.

އިސްރާއީލުން ދަނީ ފަލަސްތީނުގެ އެންކްލޭވް އާއި ހުޅަނގު އައްސޭރީގައި ނުރައްކާތެރި ވައިގެ ހަމަލާތައް ހުއްޓުމެއްނެތި ދެމުންނެވެ. އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި 14،500 އަށްވުރެ ގިނަ މީހުން ވަނީ މިހާތަނަށް ޝަހީދުކޮށްލައިފައެވެ.

ފަލަސްތީނުގެ ޤައިދީންގެ ސޮސައިޓީން ބުނާގޮތުގައި، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ރޭން ފެށިގެން ފަލަސްތީނުގެ 90 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 36 މީހުން ހައްޔަރުކޮށްފައިވަނީ ކަލްކިލިއާގެ އިރުމަތީގައި އޮންނަ އައްޒޫން އަވަށާއި އަރޫބް ރެފިއުޖީ ކޭމްޕުން ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީގެ ގައިދީން ވެސް ހިމެނެ އެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ 3،130 މީހުން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ހައްޔަރުކޮށްފައެވެ.

ޓެގްސް: އިޒްރޭލް ފަލަސްޠީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.